ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރައްވަނީ ވަރުގަދަ ޖިހާދެއް ކަމަށް މާލެ ސިޓީގެ މޭޔަރު އަދި ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އެ ޕާޓީން ރޭ ބޭއްވި އެއްވުމުގައި މުއިއްޒު ވިދާޅުވީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން ކުރައްވާ ޖިހާދުން ކޯލިޝަންގެ މެންބަރުން ހިތްވަރު ލިބިގަންނަންޖެހޭ ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ޔާމީން އެ ޖިހާދު ކުރައްވަމުން ގެންދަވަނީ ގައުމުގެ މިނިވަންކަމާއި މުސްތަގުބަލުގެ ހައްގުގަ އެވެ.
ޕީޕީއެމް-ޕީއެންސީ ކޯލިޝަން ބައިބައިކުރުމަށް ބަޔަކު މަސައްކަތްކުރި ނަމަވެސް ޔާމީންގެ ހިތްވަރުން ހިތްވަރު ލިބިގަނެ މަސައްކަތްކުރާނަމަ ކޯލިޝަން ބައިބައިކުރަންކުރާ މަސައްކަތް ކާމިޔާބުނުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު މިހެން ވިދާޅުވިއިރު ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދީފައި ވަނިކޮށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށްވުމަށް މުއިއްޒު އަމިއްލަފުޅަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މެސެޖުތަކެއް ދައުރުވި އެވެ. ނަމަވެސް އެ ތުހުމަތުތައް މުއިއްޒު ވަނީ ދޮގުކުރައްވާފަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ހުށަހަޅަންޖެހޭ ކެންޑިޑެސީ ފޯމުގައި ޔާމީން އިއްޔެ ވަނީ ސޮއިކުރައްވާފަ އެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ރައީސް ޔާމީން ވަނީ ކެމްޕޭން މެނޭޖަރާއި އެޖެންޓް ވެސް ކަނޑައަޅުއްވާފަ އެވެ.
ރައީސް ޔާމީން އިންތިހާބުގައި ވާދަކުރެއްވުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނީ މިވަގުތު ތަންފީޒުކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓު ނުވަތަ ސުޕްރީމް ކޯޓުން ބާތިލްކޮށްގެންނެވެ.
ޔާމީންގެ އިންތިހާބީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނެ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް އެކޯޓުން ބޭރުކޮށްލާފައިވާތީ ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.