ސުޕްރީމް ކޯޓް

ބަންދު ތެރޭގައިވެސް ސުޕްރީމް ކޯޓުން ހިދުމަތް ދޭނެ

މިނިވަން ދުވަހާ ގުޅިގެން މާދަމާ އިން ފެށިގެން އަންނަ އާދިއްތަ ދުވަހަށް ސަރުކާރު ބަންދުވި ނަމަވެސް އެ ދުވަސްތަކުގައި ސުޕްރީމް ކޯޓުން ދޭން ޖެހޭ ހިދުމަތްތައް ދޭން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާތީ އިންތިހާބާ ގުޅޭ ބައެއް މައްސަލަތައް އެ ކޯޓަށް ހުށަހަޅާނެ ކަމަށް ބަލައި އެކަންކަމުގައި ވީހާވެސް ފަސޭހަކޮށްދިނުމަށެވެ.

ރިޔުާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެއްގެ ކެންޑިޑެސީއާ މެދު މައްސަލައެއް ދިމާވެއްޖެނަމަ ނުވަތަ އެއްވެސް ބޭފުޅެއްގެ ކެންޑިޑެސީ ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދެކޮޅު ހަދައިފިނަމަ އެފަދަ ދުސްތޫރީ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ފުރުސަތު ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ދީފައިވަނީ ސުޕްރީމް ކޯޓަށެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ވަނީ އެމަނިކުފާނުގެ އިންތިހާބީ ހައްގު ގެއްލިފައިވާ ކަމަށް ވިދާޅުވެ އިންތިހާބާ ގުޅޭ ދެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ރައީސް ޔާމީން ހުށަހެޅުއްވީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށް ނިންމަވާ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ އެ ދެ މައްސަލަ ބޭރުކޮށްލާފަ އެވެ.

ސުޕްރީމް ކޯޓު 2007 ގައި އުފެއްދި ފަހުން ރިޔާސީ އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލަތައް ނިމިގެން ދިޔަ ހުރިހާ ރިޔާސީ އިންތިހާބެއްގައިވެސް އެ ކޯޓަަށް ހުށަހަޅައި އެފަދަ މައްސަލަތަކުގައި އެ ކޯޓުން ގޮތްތަކެއް ނިންމާފައިވެ އެވެ.