އެމްއާރުއެމް

އެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީ އިއުލާންކޮށްފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ބޭފުޅަކު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާ، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ބޭފުޅުންނަށް މިއަދު އެ ފުރުސަތު ހުޅުވާލައިފި އެވެ.

ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ފޯމު ހުށަހެޅުމަށް ހުޅުވާލީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށެވެ.

ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ދީފައިވަނީ އެމްއާރްއެމްގެ މެންބަރެއްގެ ގޮތުގައި ހުންނަވާތާ އެއް އަހަރުވެފައިވާ ބޭފުޅުންނަށެވެ.

އެމްއާރްއެމްގެ ޕްރައިމަރީގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޮގަސްޓް އެއްވަނަ ދުވަހު އެވެ. ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އޮންލައިންކޮށެވެ.

އެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީ ހުޅުވާލާފައި މިވަނީ އއެ ޕާޓީގެ ރައީސް ފާރިސް މައުމޫން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކަމާ ގުޅޭ އިދާރާތަކުން ސާފުކުރަންޖެހޭ ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވަނިކޮށެވެ.

އެމްއާރްއެމް އިން ވަކިން އިންތިހާބުގައި ވާދަކުރުމަށް ތައްޔާރުވަމުން މިދަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އެމްޑީޕީއާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ކޯލިޝަން ހެދުމަށް ދައުވަތު ދެއްވާފައި ވަނިކޮށެވެ. ނަމަވެސް ރައީސްގެ ދައުވަތަށް އެމްއާރްއެމް އިން މިއަދާ ހަމައަށްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. އެމްއާރްއެމް އަކީ މިވަގުތުވެސް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީ އެކެވެ.