ދުނިޔެ

ޗައިނާގެ ހާރިޖީ ވަޒީރު ޗިން ގަންގް މަގާމުން ދުރުކޮށްފި

ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގަންގް މަގާމުން ދުރުކޮށްފި އެވެ. މިއީ ކޮން ސަބަބެއް އޮވެގެން ސަރުކާރަށް ގެނައި ބަދަލެއްކަން ޗައިނާ އޮޅުންފިލުވައި ދީފައެއް ނުވެ އެވެ.

ޗިން، 57، މަގާމުން ދުރުކުރިކަން ޗައިނާގެ ހާރިޖީ ވުޒާރާއިން ރަސްމީކޮށް އިއުލާން ވެސް ނުކުރެ އެވެ.

އޭނާ މަގާމުން ދުރުކުރިކަން ޗައިނާގެ ބައެއް ނޫސްތަކުން ގެނެސްދީފައި މިވަނީ އޭނާ ވީ ތަނަކާ މެދު ބޮޑެތި ސުވާލުތަކެއް އުފެއްދިފައި އޮއްވަ އެވެ.

ޗިން ގަންގް ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ ޑިސެމްބަރު 2022 ގައެވެ. އޭގެ ކުރީގައި އޭނާ ހުންނެވީ ޗައިނާ އިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗިން އަކީ ރައީސް ޝީ ޖިންޕިންގެ ވަރަށް އަރިސް ބޭފުޅެކެވެ. ޚާރިޖީ ވުޒާރާގައި އޭނާއަށް އޮންނަ ހައިސިއްޔަތު ވަރަށް ބޮޑެވެ. އަދި ޝީ ޖިންޕިން އޭނާއަށް ކުރައްވާ އިތުބާރެއްގެ ބޮޑުކަމުން ވަޒީފާތައް ބަދަލުވެ ވަރަށް ފަސޭހަ ކަމާއެކު މަތިފަޑިއަށް ވަޑައިގަނެވުނީ އެވެ.

ޗިން އަކީ ހާރިޖީ ސިޔާސަތަށް ފަރިތަ އަދި ޖެހިލުން ކުޑަ ލީޑަރެއް ގޮތުގައި ގައުމުތަކުން ފާހަގަކުރި ބޭފުޅެކެވެ. އެމެރިކާއަށާއި ހުޅަނގަށް ދޫދެއްވުމެއް ނެތި ޗައިނާގެ ލާބައަށް ކުރައްވާ މަސައްކަތްތަކުގެ ސަބަބުން އޭނާއަށް "ވުލްފް ވޯރިއާ"ގެ ނަމުންވެސް މުހާތަބުކުރެ އެވެ.

ހާރިޖީ ވަޒީރުގެ މަގާމަށް ވަޑައިގެން މީޑިއާތަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި ވެސް ޗައިނާއަށް ވުރެ އެއްވެސް ކަމެއް އޭނާއަށް މުހިއްމު ނުވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ އެއިރު ވިދާޅުވީ ހުޅަނގަށް ބައްލަވާލައްވާނީ ވެސް ކަމެއްގައި ޗައިނާއަށް ފުރުސަތު އޮތް ނަމަ ކަމަށެވެ.

ޗިން ގަންގް ހާރިޖީ ވަޒީރުގެ މަގާމުން ދުރުކުރުމުގައި އަދި ސާބިތުވެފައި ނެތް ވާހަކަތަކެއް އެބަހުއްޓެވެ. އޭނާއާ މެދު ދެކެވޭ ވާހަކަތަކުގެ ތެރޭގައި ފީނިކްސް ނިއުސް ޓީވީގެ އަންހެން ނޫސްވެރިއަކާ އެކު ގާތް ގުޅުންތަކެއް ބާއްވަމުން ގެންދެވި ކަމަށް ބުނެވެ އެވެ.

ޗައިނާ އަކީ ވަޒީރުގެން އަހްލާގީ މިންގަނޑާ މެދު ވަރަށް ސަމާލުވާ ގައުމެކެވެ. ވަޒީރަކު ނުވަތަ މަތިފަޑީގެ ބޭފުޅަކު ކައިވެނިން ބޭރު ގުޅުމެއް ހިންގެވި ކަމަށް ބުނާ އަޑުތަކެއްގެ ސަބަބުންވެސް އެ ވަޒީރަކާ މެދު ފިޔަވަޅު އަޅަ އެވެ.

ސާބިތުވެފައި ނެތް މި ވާހަކަތަކުން ބޮޑަށް ދޭހަވަނީ މި ގުޅުމުގެ ތެރެއިން ޗައިނާގެ ހާރިޖީ ސިޔާސަތާ ބެހޭ މައުލޫމާތުތަކެއް -- ލިބެން ނުވާ ބަޔަކަށް ލިބިފައިވާ ކަމެވެ.

ޗައިނާގެ ހާރިޖީ ވަޒީރުގެ މަގާމުން ޗިން ގަންގް ދުރުކުރުމަށްފަހު އެ މަގާމަށް މިހާރު އައްޔަންކޮށްފައިވަނީ -- ހާރިޖީ ވަޒީރުގެ މަގާމުގައި ޗިން ގަންގެ ކުރިން ހުންނެވި -- ވާންގް ޔީ އެވެ.

ވާންގް ޔީ، 69، އަކީ ދުނިޔެއަށް ފަރިތަ، އެމެރިކާއަށް ވައްބަހުން ޖަވާބު ދެއްވާ އަދި ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ.

ވާން ޔީ އަކީ ދުނިޔޭގެ ސިޔާސަތު ވަރަށް ރަނގަޅަށް އެނގިވަޑައިގެން ހުންނެވި -- އަދި ސިޔާސީ މަސްރަހު ބަދަލުވަމުންދާ ގޮތް ވަރަށް މޮޅަށް ދެނެވަޑައިގެން ހުންނެވި ބޭފުޅެކެވެ.