ދަ ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 76 އަށް ކުޑަކޮށް އެވަރުގައި ހިފަހައްޓާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޑިމޮކްރެޓުންގެ ސަރުކާރެއްގައި ރައްޔިތުންގެ މަޖިލީހަށް ގެންނާނެ ބަދަލުތަކުގެ ސިޔާސަތުތައް އެޕާޓީން އާންމުކޮށްފައިވާއިރު އޭގެ ތެރޭގައި ކުދި ދާއިރާތަކުގެ ބަދަލުގައި މުޅި އަތޮޅުން މެންބަރުން އިންތިހާބު ކުރުމާއި އަތޮޅުތަކުންނާއި މާލެއިން އިންތިހާބުކުރާ ޖުމްލަ ގޮނޑީގެ އަދަދަކީ 55 ކަމަށް ކަނޑައެޅުން ހިމެނެ އެވެ.
އަންހެނުންނަށް ހާއްސަކޮށް އަށް ގޮނޑި ކަނޑައެޅުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރުމަށް މުޅި ރާއްޖެއިން ދެ ގޮނޑި ކަނޑައެޅުމަކީ ޑިމޮކްރެޓުންގެ ސިޔާސަތެކެވެ.
މީގެ އިތުރުން ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަންގެ ތެރެއއިން ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ލިބޭ ގޮތަށް ނެޝަނަލް ލިސްޓުގައި 11 ގޮނޑި ކަނޑައެޅުން ހިމެނެ އެވެ.
ޑިމޮކްރެޓުންގެ ސަރުކާރެއްގައި މަޖިލީހަށް ގެންނަ ބަދަލުތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރުން މަސައްކަތަށް ހާޒިރުވާންޖެހޭ ގަޑި ކަނޑައެޅުމާއި ހާޒިރުނުވާނަމަ ގަޑިޖެހޭ ބައެއް ކަމުގައި ހެދުން ހިމެނެ އެވެ. އަދި މަޖިލިސް މެންބަރުކަމަށް ކުރިމަތިލާ ބޭފުޅުންގެ ފެންވަރާއި ޝަރުތުތައް ކަނޑައަޅާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
މަޖިލީހަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ދައުރުގެ ތެރެއިން މެންބަރަކު ވަކިކުރުމަށް އެ މެންބަރަކު އިންތިހާބުކުރާ އިލެކްޓޮރޭޓްގެ ރައްޔިތުންނަށް ފެނިއްޖެ ހިނދެއްގައި މެންބަރުންގެ ރިކޯލް ވޯޓު ނެގޭނެ ގޮތެއް ގާނޫނުގައި ކަނޑައެޅުން ހިމެނެ އެވެ.