ރާއްޖޭގެ މިނިވަންކަން އެންމެ ފުރިހަމައަށް ރައްކާތެރިކުރެވުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިދިކޮޅު ސިޔާސީ ފަރާތްތަކަށް ރައްދު ދެއްވައިފި އެވެ.
މިނިވަން ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމުގެ ތާރީހުގައި މިދިޔަ ފަސް އަހަރަކީ އެންމެ ފުރިހަމަ މާނައިގައި މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރު ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމައަށް ރައްކާތެރިކުރެވުނު ފަސް އަހަރު. ހާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު. ދާހިލީ މިނިވަންކަން އެންމެ ފުޅާ ގޮތެއްގައި ލިބިދެވުނު ފަސް އަހަރު. ފަރުދުންގެ ޒާތީ މިނިވަންކަން އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރުއިބްރާހީމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
އެމަނިކުފާނު ވިދާޅުވީ މިނިވަންކަމުގައި ގައުމު ދެމި އޮތް ނަމަވެސް ގައުމީ ދިދައިގެ ހިޔަލުގައި ތިބި ރައްޔިތުންގެ ޒާތަށް ލިބެންޖެހޭ މިނިވަންކަން ތަފާތު ކަމަށެވެ.
"އެއީ އެ ފަރުދެއްގެ ދިރިހުރުމާއި ދިރިއުޅުމުގެ ހައްގާއި ގުޅިފައިވާ އަސާސީ އަދި ޒަރޫރީ މުހުތާދުތައް ފިލުވޭނެ ގޮތް ހަމަ ކޮންމެ ރައްޔިތަކަށް ދައުލަތުގެ ފަރާތުން ހަމަޖައްސައިދީފައި އޮންނަ އޮތުން،" ރައީސް ވިދާޅުވި އެވެ.
މިނިވަން ދިދައެއްގެ ދަށުގައި ތިބެ މިނިވަންކަމުގެ ޝުއޫރުތައް މިއަދު ފާޅުކުރެވެނީ ގައުމީ ބަތަލުން ދިވެހި ފަސްގަނޑުގެ ހައްގުގައި ވެވަޑައިގެންނެވި ގުރުބާނީގެ ސަބަބުންކަންވެސް ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމުގެ އެންމެ ވަރުގަދަ ބާރަކީ ރާއްޖެއާއި ބައިނަލްއަގްވާމީ މުޖުތަމައާ ދެމެދުގައި އޮތް ރަހުމަތްތެރި ބަދަހި ގުޅުން ކަމަށެވެ. އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ތަރައްގީއަށް ދިރުން ލިބި ދިވެހިންގެ ފަރުދީ ފުދުންތެރިކަން އިތުރުވެފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ކުރި އޮތްތަނުގައިވެސް އެމަނިކުފާނުގެ އެންމެ އިސް އަމާޒަކީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށެވެ.
"ދިވެހިންގެ މިލޮބުވެތި ފަސްގަނޑުގެ ސިޔާދަތީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބު،" ރައީސް ސޯލިހު ވިދާޅުވި އެވެ.