ޓީޗަރުންނަށް ކިޔަވާ ދިނުމުގެ ހުއްދަ ކުރިއަށް އޮތް ތަނުގައި ލިބޭނީ ޓީޗިންގެ ދާއިރާއިން ހަތަރު އަހަރުގެ ޑިގްރީއެއް ފުރިހަމަކުރުމުން ކަމަށް ޓީޗާސް ރަޖިސްޓްރޭޝަން ގަވާއިދުގައި ކަނޑައަޅައިފި އެވެ.
ގިނަ ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި މިވަގުތު ޓީޗިން ޑިގްރީ ކޯހަކީ ތިން އަހަރުގެ ކޯހެކެވެ. ބައެއް ކޮލެޖު އަދި ޔުނިވާސިޓީތަކުގައި އޮންލައިންކޮށް ޓީޗިން ކިޔެވުމުގެ ފުރުސަތު ވެސް އޮވެ އެވެ. ނަމަވެސް 2029 ވަނަ އަހަރުން ފެށިގެން ޓީޗާސް ލައިސަންސް ލިބޭނީ ފޭސް-ޓު-ފޭސް މޮޑެލް އަށް ޓީޗިންގެ ހަތަރު އަހަރުގެ ޑިގްރީއެއް ފުރިހަމަ ކުރުމުން ކަމަށް އަލަށް އާ ގަވައިދުގައިވެ އެވެ.
ޓީޗަރުންގެ ލައިސަަންސާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ މިއީ އެޑިޔުކޭޝަނުން ބޭނުންވާ ފެންވަރަށް ކޯސްތައް ގެނައުމަށް ގެނައި ބަދަލެއް ކަމަށެވެ. މިނިސްޓްރީން ތައްޔާރުކޮށްގެން ޕްރީސާވިސް ކޯހެއްގައި ހުންނަން ޖެހޭ މިންގަނޑު ކޮލެޖްތަކާއި ޔުނިވާސިތީތަކަށް އާންމު ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އާތިޔާ ވިދާޅުވީ ކިޔަވައިދިނުމުގެ ފެންވަރު، މިނިސްޓްރީން ގަބޫލުކުރާ މިންގަނޑަށް ބަދަލުކުރުމަށް އަންނަ އަހަރުގެ ނިޔަލަށް ފުރުސަތު ދޭނެ ކަމަށެވެ. އަދި 2025 ވަނަ އަހަރުން ފެށިގެން ފޭސް-ޓު-ފޭސް މޮޑެލް އަށް ޓީޗިން ކޯސް ހަދާ ދަރިވަރުންގެ ފުރަތަމަ ބެޗް ޖެނުއަރީ 2029 ގައި ދަސްވެނިވެ، ހިދުމަތަށް ނިކުންނާނެ ކަމުގައި ވިދާޅުވި އެވެ.
އާތިޔާ ވިދާޅުވި ގޮތުގައި މިގޮތަށް ކަންކުރުމުގެ ބޭނުމަކީ، މިނިސްޓްރީން ބޭނުންވާ ފެންވަރުގެ ޓީޗަރުން ތަމްރީނުކޮށް، ޓީޗަރުން ދާއިރާއާ ގުޅުމެވެ. އަދި މިހާރު ޓީޗިން ކިޔަވާ ކުދިންނަށް މި ގަވައިދުގެ ސަބަބުން އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި އެ ކުދިން ދަސްވެނިވުމުން ލައިސަންސް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
މުދައްރިސުނަށް ލައިސަންސް ދިނުމުގެ ގަވައިދުގައި ފީ ތަކެއް ކަނޑައަޅާފައިވީ ނަމަވެސް މިހާރު ހިދުމަތުގައި ތިބި މުދަރިސުންގެ އަތުން ލައިސަންސް ފީ ނުނަގާ ގޮތަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.