ޕީޕީއެމް

މިނިވަން ދުވަހާ ކުރިމަތިލީ ހިތްދަތިކަމުގައި: އިދިކޮޅު

ދިވެހީންގެ މިނިވަން ދުވަހު ބައްދަލުކުރީ ކަޅު އަނދިރިކަމާއި، ހިތްދަތިކަމުގައި ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފި އެެވެ.

މިނިވަން ދުވަހާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހީން ފަހުރުވެރިވާ ދިވެހީންގެ މިނިވަން ދުވަހާ ބައްދަލުކުރީ ކަޅު އަނދިރިކަމާއި، ހިތްދަތިކަމާއި، ބަނަކަމުގެ އިހްސާސްތައް ކުރަމުން ކަމަށެވެ.

މިބަޔާނުގައި ވަނީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ނަގައިލައި، ދިވެހީންގެ މައްޗަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް ފޯރުވަމުން ގެންދާއިރު މިނިވަންކަމުގެ އިހްސާސް ކުރެވޭތޯ ސުވާލު އުފައްދާފަ އެވެ.

ބަޔާނުގައި ބުނެފައިވަނީ އިބްރާހީމް މުހައްމަދު ސޯލިހް އިސްވެ ހުރެ އިންޑިއާގެ އަތްމައްޗަށް ގައުމު ދީލާލައި، ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައިގެން ކުރަމުން ގެންދާ ވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަނބުރާ ވެރިކަމަށް ގެނެސްގެން މެނުވީ ދިވެހީންގެ ގައުމު ދިވެހީންނަށް އަނބުރާ ހޯދޭނޭ ގޮތެއް ނެތް ކަމަށްވެސް ބުނެފައިވެ އެވެ.

ގައުމު އަޅުވެތިކަމުގެ ވިލާތަކެއްގެ ދަށުގައިވާ މި ހައްސާސް ވަގުތުގައި ގައުމުގެ މަސްލަހަތު ދިފާއުކުރުމަށް އެންމެން އެކީ ބާރުލައި މަސައްކަތްކުރުމަށް އަތުގުޅާލުމަކީ، ރައީސް ޔާމީންގެ އެދިވަޑައިތުމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ރައީސް ޔާމީނާއި އިދިކޮޅު ކޯލިޝަންގެ އުއްމީދާއި ދުއާ އަކީ މަދު ދުވަސްކޮޅެއްގެ ފަހުން ބައްދަލުކުރާ ރިޔާސީ އިންތިހާބަކީ ގައުމުގެ ހާލަތު ބަދަލުކުރެވޭނޭ އިންތިހާބެއް ކަމުގައިވުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.