ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަރުކާރާ އެކުގައި މަސައްކަތް ކުރަން ސިޔާސީ ވާދަވެރިންނަށް ގޮވާލަން: ރައީސް

ސިޔާސީ ވާދަވެރިކަމުގައި މުޖުތަމައު ބައިބައިވުމަށް ފުރުސަތު ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާއެކު މަސައްކަތް ކުރުމަށް ސިޔާސީ ބޭފުޅުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފި އެވެ.

މިއަދު ފާހަގަކުރަމުންދާ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބްގައި ވިދާޅުވީ، މިނިވަން ދުވަސް ފާހަގަ ކުރާއިރު ދިވެހިންނަށް މިނިވަން ކަން ލިބުނު ގޮތާއި ދެމެހެއްޓުމަށް ކުރަން ޖެހޭ ކަންކަން ހަނދާނުން ފޮހެވިގެން ނުވާނެ ކަމަށެވެ. އެއީ ސުލްހަވެރިކަމާއި ހިކުމަތްތެރިކަން ކަމަށް ރައީސް ވިދާޅުވި އެވެ.

"ދިވެހިންނަށް ސިޔާސީ މިނިވަންކަން ލިބުނީ، ސުލްހަވެރިކަމާއި ހިކްމަތްތެރިކަމާ އެކު ކުރި މަސައްކަތުން. އެހެންވީމާ، ދިވެހިންގެ މިނިވަންކަން ދެމިއޮންނާނީ ވެސް ސުލްހައިގެ މަތީގައި." ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީއާއި މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރެވިފައި ސުލްހަވެރިކަމުގެ އަސާސްގެ މަތީގައި ކަމަށެވެ. އެއީ ތަފާތު ހިޔާލުތަކާއި އެކު، އެންމެންގެ ބައިވެރިވުން ޝާމިލުވާ ގޮތަށް ގައުމުގެ ކަނކްނަް ހިންގުން ކަމަށެވެ. ގައުމުގެ ކަންކަން ނިންމަން ބޭނުންފުޅު ވަނީ ވެސް ސިޔާސީ ވާދަވެރިންގެ އަޑުއަހައިގެން ކަމަށެވެ.

ރައީސް ވިދާޅުވީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެ ކަމުގެ ސަބަބުން ގެއްލުން ލިބެމުން ދަނީ ހުރިހާ ރައްޔިތުންނަށް ކަމަށެވެ. އެހެންކަމުން ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާ އެކު މަސައްކަތް ކުރަން ރައީސް ސޯލިހް ގޮވާލެއްވި އެވެ.

"ގައުމުގެ އެންމެ މަތީ މަޞްލަޙަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެށްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން. ތިޔަބޭފުޅުންގެ ހިޔާލާއި މަޝްވަރާއަށް އަޅުގަނޑު އަބަދުވެސް މަރުހަބާ ކިޔާނަން." ރައީސް ވިދާޅުވި އެވެ.