ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާފަދަ އިހުސާސްތައް ކުރަންޖެހުމަކީ ނުރައްކާތެރި ސިގްނަލެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ޕީޕީއެމް އަދި ޕީއެންސީއިން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު މިނިވަންކަން ގެއްލިގެންދާ ފަދަ އިހުސާސްތައް ކުރަންޖެހުމަކީ ނުރައްކާތެރި ސިގްނަލެއް ކަމަށާއި އެއީ ކަންބޮޑުވާކަމެއް ކަމަށެވެ. އަދި ސިޔާސީ މަންފާ ހޯދުމަށްޓަކައި ގައުމުގެ މިނިވަންކަމުގެ އިންތައް ހުރަސްކުރަން ފަށައިފިނަމަ ނޭނގި ތިއްބާ މިނިވަންކަން ނެތި ހިނގައިދާނެ ކަމަށެވެ.
ބަޔާނުގައި ވަނީ، ދިވެހި ގައުމު ހިންގަންވާ ގޮތާއި މިގައުމުގެ އިގްތިސޯދު ބައްޓަންކުރަންވީ ގޮތާއި ދިވެހިންގެ ކަންކަން ނިންމަންވާނީ ދިވެހިން ކަމަށާއި އެއީ ބޭރުގެ ނުފޫޒު ގަދަ ގައުމުތަކަކުން ނުވަތަ ބައެހެންވެސް ޔަކު ނިންމަންޖެހޭ ކަމެއްނޫން ކަމަށެވެ. އަދި ދިވެހިރައްޔިތުންނަށް ލާބަ އާއި މަންފާ ހޯދައިދޭން މަސައްކަތްކުރަންވާނީ ރާއްޖޭގެ މިނިވަންކަމަށް ބުރުލެއް ނާރާ ގޮތަކަށް ކަމަށެވެ. އެހެން ނޫންނަމަ އެއީ މި ގައުމަށް ވެވޭ ވަރަށްބޮޑު ހިޔާނާތެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.
ތަފާތު އެކި ސިފަސިފައިގައި ރާއްޖޭގެ މިނިވަންކަމުގެ ދޮރާށިތަކުގައި ޓަކިޖަހަމުންދާ ކަމަށާއި އަމިއްލަ އެދުމާއި ސިޔާސީ މަންފާ ލިބިގަތުމަށް މިނިވަންކަމުގެ އިންތަކާއި މިންތައް ހުރަސް ނުކުރުމަށް ގޮވާލާ ކަމަށެވެ. އަދި ގައުމުގެ ހުރިހާ ރައްޔިތުންގެ މެދުގައި އިންސާފާއި ހަމަހަމަކަން ގާއިމްކޮށް މިނިވަންކަމާއެކު ގައުމުގެކަންކަން ކުރިއަށް ގެންދިއުމަށް ބޭރުގެ ބާރުގަދަ ނުފޫޒުތަކުން ކުރިމަތިކުރަމުންދާ އެކިކަހަލަ ޕްރެޝަރުތަކަށް ދީލާނުލުމަށްވެސް ބަޔާނުގައިވެ އެވެ.
ބަޔާނުގައި އިތުރަށް ވަނީ، މިނިވަންކަމުގެ ހިޔަލުން އަޅުވެތިކަމުގެ ނާމާން އައްސޭރިއަކަށް ދިވެހި ގައުމު އޮޔާދާފަދަ އެއްވެސް މުއާމަލާތެއް އެއްވެސް ސިފައެއްގައި ނުކުރުމަށް ގޮވާލާ ކަމަށެވެ.