ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލައެއް ސްވިޒަލޭންޑް ލޯޒާންގައި ހުންނަ ބައިނަލްއަގްވާމީ ކުޅިވަރު އާބިޓްރޭޝަން ކޯޓް (ކާސް) އަށް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.
މިމައްސަލަ ކާސްއަށް ގެންދަނީ ރާއްޖޭގެ ލޯ ފާމެއް ކަމަށްވާ އެސް އެންޑް އޭ ލޯޔާސްގެ ފަރާތުންނެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލައެއް ކާސްއަށް ހުށަހަޅަން ނިންމީ ބެޑްމިންޓަންގެ ގައުމީ ޓީމުގައި ހިމެނޭ މުހިއްމު ކުޅުންތެރިޔެއް ކަމަށްވާ ނީލާ އަހްމަދު ނަޖީބް ކުއްލިއަކަށް ގައުމީ ޓީމުން ބޭރުކޮށްލި ސަބަބެއް އެސޯސިއޭޝަނުން އެއްގޮތަކަށްވެސް ބުނެދީފައި ނުވާތީ އެވެ.
ނީލާ ވަނީ އޭނާ ގައުމީ ޓީމުން ބޭރުކުރި ސަބަބު ސާފުކުރުމަށް އެސޯސިއޭޝަންގައި ތަކުރާރުކޮށް އެދިފަ އެވެ. ނަމަވެސް ނީލާ ބުނާ ގޮތުގައި އޭނާ ގައުމީ ޓީމުން ބޭރުކުރި މައްސަލައިގައި އެސޯސިއޭޝަނުން އޭނާގެ އެއްވެސް ސިޓީއަކަށް މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
އެކަމަކު ބައެއް މީޑިއާތަކުގައި ބެޑްމިންޓަން އެސޯސިއޭޝަނާ ހަވާލާދީ ބުނެފައިވަނީ ނީލާއަށް ގައުމީ ޓީމުން ޖާގަ ގެއްލުނީ އަހްލާގީ މައްސަލައެއްގައި ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލް އެސޯސިއޭޝަނުން ހިއްސާކޮށްފައެއް ނުވެ އެވެ.
އެސޯސިއޭޝަންގެ ވާހަކަތައް ނީލާ ދޮގުކުރެ އެވެ. ނީލާ ބުނާ ގޮތުގައި އޭނާގެ އަހްލާގީ މައްސަލައެއް ބަލާނަމަ އެސޯސިއޭޝަނުން އޭނާއަށް އެކަން އަންގަންވާނެ އެވެ. އެކަމަކު އެސޯސިއޭޝަނުން އޭނާގެ އެއްވެސް މައްސަލައެއް ބަލަމުންދާ ކަމަށް އަންގާފައި ނުވާ ކަމަށްވެސް ނީލާ ބުނެ އެވެ.