( 25 ޖުލައި 2023 އާ ގުޅޭ )
އަހަރެންނަށް ފެނުނީ ލަކުޑި ބިތް ކުރިޔަށް އަންނަން ފެށިތަނެވެ. އެތަންވީ ސިއްރު ދޮރަކަށެވެ. އެ ދޮރާ ގުޅިފައިވާ ކޮޓަރިއަށް ވަންނަން އުޅެފައި ވެސް އަހަރެން އެނބުރީ އެތަނުން ނުކުތް ފައިސަލްއާ ދިމާއަށެވެ. އޭނާ ހިފަހައްޓައިގެން ހުރި ދަބަސް ފެނުނެވެ. އެއީ ޝިފާލީ މަރާލި ރޭ އޭނާ ގެންގުޅުނު ދަބަހެވެ. އޭނާގެ ހަރަކާތްތަކަށް ސަމާލުކަން ދެވުނެވެ. އޭނާ ގެއިން ނުކުތެވެ. ވަށައިގެންވާ ސަރަޙައްދު ރަނގަޅަށް ބެލިއެވެ. ދެން ގަސްތަކުތެރެއަށް އޭނާ ހިނގައިގަތެވެ. އަހަރެން ހުރީ އޭނާގެ ކައިރީގައެވެ. ޝިފާލީ މަރާލަން ގޮވައިގެން ދިޔަ ރޭ އޭނާގެ ފުށުން އެއްވެސް ހާސްކަމެއް ނުފެނެއެވެ. ނަމަވެސް މިރޭ އޭނާ ފެންނަނީ ނިކަން ސިއްރުން އުޅޭތީއެވެ.
ފައިސަލްގެ ފިޔަވަޅު ހުއްޓުމުން އަހަރެން ވެސް ހުއްޓުނީމެވެ. އޭނާ ކުއްލިއަކަށް މިސްރާބު ބަދަލުކޮށްލިއެވެ. ބިއްދޮށް ފަރާތުގައި ހުރި "ގްރީން ހައުސް" ތެރެއަށް ވަންނަން ދަމުން ގެސްޓްހައުސްގެ މަތީ ކޮޓަރިތަކާ ދިމާއަށް އޭނާ ބަލާލިއެވެ. ދެން އަނެއްކާވެސް އޭނާގެ ސިއްރުވެރި ގޮތުގައި "ގްރީން ހައުސް" ތެރެއަށް ވަދެފައި އުދަލި ހިފައިގެން ނުކުތް ގޮތަށް އަނބުގަސް ކައިރިން ލާފައި ވަލުދޮރުން ނުކުތީ ހަލުވި ފިޔަވަޅުތަކެއްގައެވެ. ފަސް ބެލުމެއްނެތި އޭނާ ވަލުތެރެއަށް ވަދެގެން އައެވެ. އޭނާ ގެންގުޅޭ ބައްތިން ކުރިޔަށް އަލިކުރަމުންނެވެ. އެހެން މީހުންނަށް ފާހަގަނުވާ ނިޝާންތަކެއް ގަސްތަކުގައި ހުރީހެން އަހަރެންނަށް ހީވީ ފައިސަލްގެ ހަރަކާތްތައް ހުރި ގޮތުންނެވެ. ދޭތެރެއަކުން އޭނާ ގަސްތަކަށް އަލިކޮށް ބަލަމުން ކުރިޔަށްދާތީއެވެ. އެކަމުގެ މަޢުލޫމާތު އަހަރެންނަށް ނުލިބުނީ ޝިފާލީއަށް ވެސް އެކަން އެނގިފައި ނުވާތީއޭ އަހަރެން ހިތަށް އެރިއެވެ. އަހަރެންނަށް ޝިފާލީ ދައްކަމުން އެދަނީ އޭނާ ދުށް މަންޒަރުތައްކަން އަހަރެންނަށް މިހާރު އެނގެއެވެ.
ޝިފާލީ ވަޅުލާފައި އޮތް ތަން ފައިސަލްއަށް ދެނެގަންނަން އެނގުނީތީ ވެސް އަހަރެން ހައިރާންވިއެވެ. ފާއިތުވި ދުވަސްތަކުގައި ވެހުނު ވާރޭގެ ސަބަބުން މުޅި ސަރަޙައްދު ފެންނަނީ ކުނިބުނި ގަނޑެއް ހެންނެވެ. އޭރު ހެދުނު ފެންގަނޑުތައް އެކީހެން ފެންނަނީ ހިނދިފައިވާތީއެވެ. އެތަނުގައި މީހަކު ވަޅުލާފައި އޮތް ވަޅުގަނޑެއް ހުރިކަމުގެ ލިޝާނެއް ނެތެވެ. ފައިސަލް އެއްފަރާތަށް އެނބުރި ހޯދާލިއެވެ. އެ ހިސާބުގައި ހުރި ގަހެއްގައި ބިނދިގެން ހިކިފައި ހުރި އޮފިގަނޑެއް ދިއްވެފައި ހުއްޓެވެ. ފައިސަލް ދަބަސް އެޅުވީ އެތަނުގައެވެ. ދެއަތަށް ލައްވާލާފައި އޮތް ކަޅު އަންގި އިނގިލިތަކުގެ ދޭތެރެއިން ހެޔޮވަރުކޮށްލިއެވެ. އަދި ފުރަތަމަ ކަމަކަށް އޭނާ ބިންގަނޑު މަތިން ފަތްތަކާއި އެހެންވެސް ކުނިބުނިތައް އުދަލިން އެއްފަރާތް ކުރަންފެށިއެވެ. ވަޅުގަނޑު ކޮންނަންފެށީ އޭގެ ފަހުންނެވެ. އެހާ ފުން ވަޅުގަނޑެއް ކޮންނަންވުމުން ފައިސަލްއެއް ކަމަކު ފަސޭހަ ކަމަކަށް ނުވިއެވެ. އޭނާގެ މޫނާއި މުލައްދަނޑިން ދާތިކި ހިލެމުންދިޔައެވެ. ވަކިވަރަކަށް ކޮނެފައި އޭނާ ހިންދެމިލީ ވާޅުވެގެން ކަހަލައެވެ. އޭރު އޭނާ ހުރީ ވަޅަށް ފައިބައެވެ. ފައި ކައިރީގައި އުދަލި ބަހައްޓާލާފައި އޭނާ ފުންނޭވާއެއް ދޫކޮށްލުމާއެކު ދެ އަތް ފޮޅާލިއެވެ. އެހާ ގިނައިރު އުދަލީގައި ހިފަހައްޓައިގެން ހުރުމުން އަތްތިލައަށް އަރާމެއް ދޭން ބޭނުންވީ ފަދައަކުންނެވެ. އެގޮތުގައި ގިނައިރަކު ނުހުއްޓެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި އޭނާ އުދަލި ނަގައި އަނެއްކާވެސް ކޮންނަން ފެށީއެވެ. ޝިފާލީގެ ހަށިގަނޑާ ކައިރިވެއްޖެކަން އެނގުނީ ވަޅުގަނޑުގެ ތެރެއިން އަރަންފެށި ކުނިވަހުންނެވެ. އެކަމުން ފައިސަލްއަށް އުނދަގުލެއް ނުވިއެވެ. ކޮންނަމުން ދަނިކޮށް އުދަލިން ޖެހުނު ގޮތަށް ވެލިތަކާއެކު ކުއްލިއަކަށް އެރީ ޝިފާލީގެ އަތްތިލައެވެ. އެއާއެކު ފައިސަލް މަޑުޖައްސާލިއެވެ. އަދި އުދަލިން ވެލިތައް އެއްފަރާތްކޮށް ޝިފާލީގެ ހަށިގަނޑު ބިންގަނޑުގެ ތެރެއިން ހާމަކޮށްލިއެވެ. ކުޑަކަކޫ މައްޗަށް ފައިސަލް ތިރިވެލީ ޝިފާލީގެ ބޯކޮޅާ ދިމާއިންނެވެ. ނިކަން ބަލައިގެން ޝިފާލީގެ މޫނު މަތިން ވެލިތައް އޭނާ ފޮޅާލިއެވެ. ޝިފާލީގެ ހަށިގަނޑުގެ ސިފަގެއްލިފައި އޮތް މަންޒަރު ފެނުމުން އަހަރެން ބިރުން ފިތްކެނޑުނެވެ. ހަޤީޤަތަށް ވެސް އަހަރެންނަށް އެތަނުގައި ހުރެވުނުނަމަ ބިރުން ހަޅޭލަވައިގަނެވުނީހެވެ. އަދި ހަޅޭލަވަން ފަށާގޮތައް ހުއްޓާލަން ވެސް ނޭނގުނީހެވެ. މޭގަނޑު ތެޅެމުންދިޔަ ބާރުމިނުން އަހަރެންގެ ހެޔަށް ވެސް ގޮތްވީސްކަން ޔަގީނެވެ. ނަމަވެސް އެފަދަ އެއްވެސް ޖަޒުބާތެއް ފައިސަލްގެ ފުށުން ފާޅެއް ނުވެއެވެ. ޝައުގުވެރިކަމުން ފުރިގެންވީ ބެލުމަކުން އޭނާ ޝިފާލީއަށް ބަލަން އިނީއެވެ. އޭރު އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވެއެވެ. މަޑުމަޑުން ޝިފާލީގެ މޫނުގައި އޭނާ ފިރުމާލިއެވެ.
"އެންމެން އެބަ ހޯދާ. ޝިފާގެ ޢާއިލާ ވެސް އައިސްގެން އެބައުޅޭ. އެމީހުން ކައިރިޔަށް ނުދާނަންތަ؟." ފައިސަލް ވާހަކަދެއްކިއެވެ. ދެން އޭނާގެ ހިނިތުންވުން ފުޅާވެގެން އައިސް ހުނުމަކަށް ބަދަލުވިއެވެ. އެ މަންޒަރު ބަލަން އަހަރެންނަށް ހުރެވުނީ އަޖައިބުވެ އަންތަރީސްވެފައެވެ. ފައިސަލް މީ އިންސާނެއްބާއެވެ.
"އަހަރެން ބުނީތީ ބަސް އަހައިގެން ދޯ ތިއޮތީ. ރަނގަޅު... ވަރަށް ރަނގަޅު... ތިހެން އޮންނައްޗޭ. އެބަ އަންނަން." ފައިސަލް މިހެންބުނެ ތެދުވިއެވެ.
ވަޅުގަނޑުން އަރައިގެން އައިސް އޭނާގެ ދަބަސް ހުޅުވާލިއެވެ. އެއިން އޭނާ ނެގި ކަޅު ކޮތަޅުބޮނޑިއެއް ވައަތު ކިހިލިފަތް ދޭތެރެއަށް ލައްވާލައި ހިފައްޓާލިއެވެ. އެއަށްފަހު އޭނާ ނެގީ ބޮޑު ވަޅިއެކެވެ. މަސްކޮށަން ގެންގުޅޭ ކަހަލަ ފުޅާ ބޮޑު ވަޅިއެކެވެ. ދެން ނެގީ ފެންފުޅިއެކެވެ. އެ ސަމާނުތައް ހިފައިގެން އައިސް ޝިފާލީ އޮތް ވަޅުގަނޑު ތެރެއަށް ފުންމާލިއެވެ. އޭނާ ކޮތަޅުތައް ހުޅުވައި ބަހައްޓަން ފެށިއެވެ. އެކަން ކޮށް ނިމިގެން ފެންފުޅި ހިފައިގެން އައިސް ޝިފާލީގެ ބޯކޮޅުގައި އިށީނެވެ. އޭނާ ގެނައި ފެންފުޅި ޝިފާލީގެ އަނގަޔާ ދިމާއަށް އޮއްސާލިއެވެ.
"ފެންދީފައެއްނު ދޯ ކަތިލަންވާނީ." ޒާތެއްގެ ހިންޏެއް އައިސްފައި އިނދެ ފައިސަލް ބުންޏެވެ. ފެންފުޅި އެއްކޮށް ހުހެއް ނުކުރެއެވެ. އޭނާ ފެންފުޅި އެއްފަރާތުގައި ބަހައްޓާފައި ނެގީ ބޮޑު ވަޅިއެވެ. މުއްގަނޑުގައި ހިފައި ބާރުކޮށްލުމާއެކު ވަޅިއާއެކީ އަތް މައްޗަށް އުފުލާލާފައި ތިރިކޮށްލީ ނުހަނު ބާރާއެކީ ހަލުވިކޮށެވެ. އެއާއެކު ދެން ފެނުނީ ޝިފާލީގެ ހަށިގަނޑާއި ބޯ ވަކިވީތަނެވެ. ދުރުގައި ބޯ ބައިންދާފައި ފައިސަލް އައިސް ޝިފާލީގެ ހަތަރެސް ފަޔަށް ފައިން އަރާ ހުޅުތައް ވަކިވަކިކޮށްލިއެވެ. މެޔާއިބަނޑު ފަޅާލައި އެތެރެހަށީގެ ބައިތައް ކޮތަޅަށް އަޅައިފިއެވެ. އެއަށްފަހު އޭނާ ހިންދެމިލީ ޝިފާލީގެ ހަށިގަނޑު ބުރިބުރިއަށް ކޮށާފައި ކޮތަޅުތަކަށް އަޅާފައެވެ. އެންމެފަހުން ކޮތަޅަށް ލީ ޝިފާލީގެ ބޯބުރިއެވެ.ފެންފުޅީގައި ބާކީ ހުރި ފެނުން އޭނާ ވަޅިއާއި އަންގި ދޮވެލިއެވެ. ކޮތަޅުތައް ބަންދުކޮށް ވަޅުގަނޑުން ބޭރުގައި ބެހެއްޓިއެވެ. ބާކީ ހުރި ކޮތަޅުތަކާއި ދެން ވެސް އޭނާ ގެންގުޅުނު އެއްޗެއްވިއްޔާ ހިފައިގެން ވަޅުގަނޑުން އެރިއެވެ. އޭނާ ގަޑި ބަލާލިއެވެ. ދެން ޗަސްޖަހާލިއެވެ. ޓޯޗުން ވަޅުގަނޑަށް އަލިކޮށް އޭނާ ބެލުމަށްފަހު އުދަލު ނަގައި އިހު ހުރިހެން ވަޅުގަނޑު ބެއްދުމުގެ މަސައްކަތް ފެށިއެވެ. އެކަން ކޮށްފައި ދެއަތުން އުފުލޭ ވަރަށް ކޮތަޅުތައް ނެގިއެވެ. ފައިސަލްގެ އަތުގެ ނާރުތައް ފުއްޕާލާފައި ހުރި ގޮތުން ކޮތަޅުތައް ބަރުކަން އެނގޭހާވެއެވެ. އޭނާ ގަސްތަކު ތެރެއިން ލާފައި ނުކުތީ އަތިރިމައްޗަށެވެ. ހޭޅިފަށުގައި ހުރި ގަސްތަކުގެ ނިވަލުގައި ކޮތަޅުތައް ބަހައްޓާފައި އެނބުރި އައިކޮޅަށް ހިނގައިގަތެވެ. ހުރިހާ ކޮތަޅުތަކެއް އޭނާގެ ޑިންގީއަށް އެޅިއެވެ. އަދި ޑިންގީގައި އޭނާ ފަޅުތެރެއަށް ނުކުތެވެ. ކަނޑުއޮޅިއާ ދިމާއަށް ނުކުމެ ޑިންގީ މަޑުކުރިއެވެ. ޑިންގީ ތެރޭގައި އޮތް ކަރަންޓުން ޗާޖުކުރާ ފަދަ ފާނޫޒު ބައްތިއެއް ދިއްލައިގެން އައިސް ޑިންގީގެ ފަހަތުކޮޅުގައި ފައިސަލް އިށީނެވެ. އޭނާގެ އަތުގައި އޮތް ފާނޫ ފައިކައިރީ ބަހައްޓާލިއިރު ބޮޑުބަޔަކަށް ބައްތީގެ އެލިއެޅިފައިވިއެވެ. އެއަށްފަހު ޑިންގީތެރޭ ބަރިއަކަށް ހުރި ގާތައް ކޮތަޅުތަކަށް ހަމައަށް އަޅަންފެށިއެވެ. ޝިފާލީގެ ބޯބުރި އޮތް ކޮތަޅުން އޭނާގެ މޫނު ފެންނާނޭހެން ކޮތަޅު ހުޅުވާލިއެވެ. އަދި ފައިސަލްގެ ދަބަހުން ނެގި ވަޅިން ނިކަން ފަރުވާތެރިކަމާއެކު ޝިފާލީގެ މޫނުގެ ހަންގަނޑު ނަގައި ދެ ލޮލުގެ ގޮބޮޅި ނެގިއެވެ. އޭނާގެ މަޤްޞަދަކީ ޝިފާލީގެ ސޫރަ ނެގުން ކަހަލައެވެ. ދެން އަނބުރާ ބޯބުރި ކޮތަޅަށް ލައި އެއަށް ވެސް ގައު އަޅައި ރަނގަޅަށް ބަންދުކޮށްފިއެވެ. އެކަން ކޮށްފައި ފައިސަލް ގަޑި ބަލާލާފައި ތެޅިގަތީ ލަސްވެގެން އުޅޭ މީހަކު ފަދައިންނެވެ. ދަބަހުގައި އޮތް ފުޅި ނަގައި އޭގައި ހުރީ ޝިފާލީގެ ލޭތައް ކަނޑަށް ހުސްކޮށްލިއެވެ. އަދި ނަގާފައި އޮތް ޝިފާލީގެ ދެ ލޯ އެ ފުޅިއަށްލާ ބަންދުކޮށްފައި ކޮތަޅަށް ލައިފިއެވެ. ދެން ހުރި ކޮތަޅުތަކުގެ އެކި ދިމާއިން ފައިސަލް ލޯ ވަޅުތަކެއް އަޅާފައި ފަހަރަކު ކޮތަޅެއް ކަނޑަށް އެއްލަން ފެށިއެވެ. ގަދަ އޮއެގެތެރޭ ކޮތަޅުތައް ކަނޑާ ދިމާއަށް ދަމައިގަތެވެ. ދެން އިސާހިތަކު އަޑިއަށް ގެނބިގެން ދެއެވެ. ލޮނުފެނުން ފައިސަލް ގެންގުޅުނު ހުރިހާ އެއްޗެއް ދޮވެ ސާފުކުރުމަށްފަހު ޑިންގީ ދުއްވާލިއެވެ. ރަށާ ކައިރީ ފަޅުތެރޭގައި އަނެއްކާ ވެސް ޑިންގީ މަޑުކޮށް އޭނާ މޫދަށް ފުންމާލައި މީހާ އެއްކޮށް ތެމިލައިފިއެވެ. ފިންސަކާއި މޫނުމަތި އަޅައިގެން އޭނާ އަޑިއަށް ފީނައިގަތެވެ.
ރާޅުފަށުން މައްޗަށް ޑިންޑީ އަރުވާފައި ފައިސަލް އައިސް ގެސްޓްހައުސްއަށް ވަނީ ވަލުދޮރުންނެވެ. ފުރަތަމަ ގޮސް އުދަލި ހުންނަތަނުގައި އެ ބެހެއްޓިއެވެ. ދެން އޭނާ އައިސް ވަނީ އޭނާ ދިރިއުޅެން އެތަނުގައި ހަދާފައި ހުންނަ ކުޑަ ގެއަށެވެ. އޭނާއާއެކު އަހަރެން ވެސް ވަނީމެވެ. މިފަހަރު ވެސް އޭނާ ކުރިކަންތައް ދުށް މީހަކުނެތެވެ. އޭނާ ލައިގެން ހުރި އެއްޗެހި ބާލައި މަތިކަނޑާފައި ހުރި ޑަބިޔަލަކަށް އެޅިއެވެ. ދެން އޭނާ އައީ ބުލީޗު ފުޅިއެއް ހިފައިގެންނެވެ. ޑަބިޔަލުގެ ތެރެއަށް އެ ހުސްކޮށްލާފައި ދެން ގެނެސް އެޅީ ކޮންއެއްޗެއް ކަމެއް ނޭނގެއެވެ. ބިއްލޫރި ފުޅިއެއްގައި ހުރީމައެވެ. ނަމަވެސް އެ އެޅުމާއެކު ޑަބިޔަލުގެ ތެރެއިން ދުން އަރަންފެށިއެވެ. އަދި އޭގައި ހުރި އަންނައުތައް ވިރެންފެށީއެވެ. ޒާތެއްގެ ކެމިކަލް ވަހެއް ހުއްޓެވެ. ފައިސަލް ގޮސް ފާޚާނާއަށް ވަނުމުން އަހަރެން އެ ގޭތެރެ ހޯދަން ފެށީމެވެ. އޭނާ ނުކުތްތަން ފެނުނު ސިއްރު ކޮޓަރިއަށް ވަނީމެވެ. ކުޑަދޮރެއްނެތް ހަތަރު ފާރެވެ. އެ ކޮޓަރި ހީވަނީ ލެބޯރިޓްރީއެއް ހެންނެވެ. އެކިކަހަލަ ދިރޭ އެއްޗެހީގެ ބައިތައް ފުޅިފުޅީގައި ބަންދުކޮށްފައި ހުއްޓެވެ. ބުޅަލުގެ ލޮލާއި ކުކުޅުހާގެ ބޯބުރިތައް ބައެއް ފުޅިފުޅި ފުރެންދެން ހުއްޓެވެ. އެއްފަރާތުގައި ލިޔާ މޭޒަކާއި އެންމެ ޒަމާނީ ޑެސްކްޓޮޕަކާއި ޕްރިންޓަރެއް ހުއްޓެވެ. ނޯޓުފޮތްތަކާއި ކަރުދާސްތައް އެތަނުގައި ހުއްޓެވެ. ފޮތްތައް ކައިރީ ހުރި ދަޅުގައި ގަލަމާއި ފަންސޫރާއި އެކިކަހަލަ މާކަރުތަކަށް ދަންދެން ލިޔެކިޔުމަށް ބޭނުންވާނޭ ހުރިހާ ސާމާނެއް ހުއްޓެވެ. މުޅިތަން ފެންނަނީ ނިކަން ތަރުތީބުކޮށެވެ. އެއްޗެހި ފިނިކުރާނޭ ޑީފްރިޖަކާއި ސިންކެއް ވެސް އެތާ ހުއްޓެވެ.
ފައިސަލް އައިސް އެ ކޮޓަރިއަށް ވަނީ އަހަރެން އެތަނުގައި ހުއްޓައެވެ. އޭނާގެ އަތުގައި ދަބަސް އޮތެވެ. އެކިކަހަލަ ކެމިލްތައް އެއްކުރާ ސަމާނުތައް ހުރި ދިމާއަށް ފައިސަލް ކައިރިވެލިއެވެ. އަދި ފާރުކައިރީ ހުރި އަންގިފޮށިން ދެ އަންގި ނަގައި އަތަށް ހެޔޮވަރުކޮށްލިއެވެ. ދެން އޭނާގެ ދަބަސް ތެރެއިން ނެގީ ޝިފާލީގެ މޫނުގެ ހަންގަނޑު ލާފައި އޮތް ކޮތަޅެވެ. އޭނާގެ މަސައްކަތްތައް ފެށިއެވެ. އޭނާ ކުރާހާ ހުރިހާކަމެއް އަހަރެންގެ ސިކުނޑިއަށް ނަގައިގަންނަން ވެސް ނޭނގުނެވެ. އަހަރެންނަށް ޔަގީންވީ ފައިސަލްއަށް އޭނާ އެކުރާ ކަންކަމުގެ ޢިލްމު ލިބިފައިވާކަމެވެ. އޭނާ އެކަން އެކުރަނީ ކުރެވޭކަންކަން އެނގިހުރެއެވެ. ޝިފާލީގެ މޫނުމަތި އޭނާ އެ ސާފުކުރާ ގޮތަކަށް ސާފުކޮށްފައި ގެނެސް އެޅުވީ މޫނެއްހެން ހަދާފައިވާ ލަކުނޑިގަނޑެއްގައެވެ. އަހަރެންނަށް ހިންދިރުވާލެވުނެވެ. ދިރުމެއްނެތް ހަންގަނޑަކަށް ވިޔަސް އަހަރެންނަށް ޝިފާލީގެ މޫނު ފެނުން ކަހަލައެވެ. ނެތީ ދެ ލޮލެވެ. އެއަށް ބަލަންއިނދެ ފައިސަލް ހިނިތުންވެލިއެވެ. އޭނާ ތެދުވަމުން ކޮތަޅުގެ ތެރޭ އޮތް ފުޅި ނަގައިގެން ސިންކުގެ ކައިރިއަށް އައެވެ. ފުޅީގައި އޮތް ދެ ލޯ ނަގައި ސާފުކުރުމަށްފަހު ރިހިކުލައިގެ ތަބަކެއްގެ ތެރެއަށް ލިއެވެ. ރެކު ކައިރީ ހުރި އަލަމާރި ފައިސަލް ހުޅުވިއެވެ. އަހަރެންނަށް ސިހުން ލިބުނީ އޭގެ ތެރޭގައި ޝިފާލީގެ މޫނުގެ ހަންގަނޑު ފަދަ އެހެން އަންހެން ކުއްޖެއްގެ މޫނުގެ ހަންގަނޑު ފެންނަން ހުރީމައެވެ. އަލަމާރިތެރެއިން ފައިސަލް ނެގި ފުޅި ހިފައިގެން އައެވެ. އޭރު އެ ފުޅީގައި ވެސް މީހެއްގެ ދެ ލޯ އޮތެވެ. އަލަމާރިތެރެއިން ފެނުނު މޫނުގެ ވެރިޔާގެ ދެ ލޮލޭ އެއީ އަހަރެންގެ ހިތް ބުންޏެވެ. އެ ލޮލުގެ ކަޅީގައި ހުރި ކުލަ ބަދަލުވެފައިވަނީ ކަމެއް ނޫނީ ހަޤީޤަތުގައި ވެސް އެ ދެ ލޮލަކީ ފެހިނޫކަލައެއްގެ ކަޅިއެއް ލިބިފައިވާ ދެ ލޯ ކަމެއް ޔަގީންކުރާކަށް އަހަރެންނަކަށް ނޭނގެއެވެ. ޝިފާލީގެ ދެ ލޯ އެ ފުޅިއަށް ލައި ބަންދުކުރުމަށްފަހު ފައިސަލްގެ މޫނާ ދިމާއަށް ފުޅި އުފުލާލިއެވެ. ދެން އޭނާ ހީނލިއެވެ.
"މިހާރު ދެން އެކަންޏެއްނުވާނެއެއްނު." ފުޅީގައިވާ ލޮލާ ލޯ އަމާޒުކޮށްލި ފަދައަކުން އޭނާ ވާހަކަދެއްކީ ހިނިތުންވެލައިގެން ހުރެއެވެ.
"އެއީ ޝިފާލީ. އެކަމަކު އޭނާއަށް ހަމައެކަނި ނުލިބުނީ ތިކަހަލަ ރީތި ދެ ލޮލެއް. އެނޫން ހުރިހާ ގޮތަކުން އޭނާ ފުރިހަމަ... ހެ ހެ ހެ ހެ... ސޮރީ... ޖެލަސް ނުވައްޗޭ. ތީ އަހަރެންގެ ފުރަތަމައެއްނު ދޯ. ތި ދެ ލޮލުގެ ރީތިކަމުން ދެން ހުރި އެއްވެސް އައިބެއް ފާހަގައެއްނުވޭ... އަހަރެންގެ ލޯބިލޯބި އަނުމް." ފައިސަލް ހޭންފެށީ ހުނުންގަނޑު ނުހިފެއްޓުނު ފަދައަކުންނެވެ. ހެމުންހެމުން އޭނާ އެ ފުޅި ގެނެސް މޭގައި ޖައްސާލިއެވެ. އޭނާގެ ހުނުން މަޑުވުމުން އެ ފުޅި ގެންގޮސް އަލަމާރީގެ އިހު ހުރި ތަނުގައި ބަހައްޓައިފިއެވެ.
(ނުނިމޭ)