ފިނިޕޭޖް

ޝިނޭޑް އޯ ކޯނާ އުމުރުން 56 އަހަރުގައި މަރުވެއްޖެ

އައިރިޝް ލަވަކިޔުންތެރިޔާ އަދި އެކްޓިވިސްޓް ޝިނޭޑް އޯ ކޯނާ އުމުރުން 56 އަހަރުގައި މަރުވެއްޖެ އެވެ.

ޝިނޭޑްގެ މަރުގެ ހަބަރު އެންމެ ކުރިން އިއުލާންކޮށްފައިވަނީ ދި އައިރިޝް ޓައިމްސްއިންނެވެ.

ފުލުހުން ބުނީ ޝިނޭޑްގެ ލަންޑަންގެ ގޭގައި އޭނާ މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށާއި މަރުގައި ޝައްކުކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.

އާއިލާގެ ފަރާތުން ބީބީސީއަށް ދިން ބަޔާނެއްގައި ވަނީ އާއިލާއާއި ރަހްމެތްތެރިން ޝިނޭޑްގެ މަރާ ގުޅިގެން ވަރަށް ބޮޑު ހިތާމައެއްގައިވާ ކަމަށާއި ދަތި އުދަނގޫ މިވަގުތު ޕްރައިވަސީއަށް އެދިފައިވެ އެވެ.

ޝިނޭޑް މަރުވިއިރު، އޭނާ ވަނީ އާ ލަވަތަކާއި ޓުއާއެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ.

ޝިނޭޑް އަކީ ބައިޕޯލާ އަދި ނަފްސާނީ ބަލިތަކަކަށް ޑައިގްނޯޒްވެފައިވާ މީހެކެވެ. އެކަމުގެ ސަބަބުން އެތައް މައްސަލަތަކެއް ފާއިތުވި ދުވަހު އޭނާއަށް ކުރިމަތިވެފައިވެ އެވެ.

އޭނާގެ ތިންވަނަ ދަރިފުޅު ވަނީ ޖެނުއަރީ 2022 ގައި އަމިއްލައަށް މަރުވެފަ އެވެ. އެކަމުގެ ސަބަބުންވެސް ޝިނޭޑްއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

އަޔާލޭންޑްގެ ކައުންޓީ ޑަބްލިންގެ ގްލެނެގަރީ އަށް އުފަންވި ޝިނޭޑް މާރީ ބާނަޑެޓް އޯ ކޯނާގެ ޅަ ދުވަސްވަރު މައިންބަފައިން ވަރިވުމަށްފަހު، އޭނާ ވަރަށް ގިނަ ހިތާމަވެރި ކަންކަމާ ކުރިމަތިލި އެވެ. މަންމަގެ އަނިޔާތަކުން ސަލާމަތްވުމަށް 13 އަހަރުގައި ފިލައިގެން ބައްޕަ ކައިރިއަށް ދިއުމަށްފަހު، ޝިނޭޑްގެ އުޅުމާއި އަމަލުތައް ހުރި ގޮތުން އޭނާ ވަނީ 18 މަސް ދުވަހަށް އަންހެން ކުދިންގެ އިސްލާހިއްޔާއަކަށް ވެސް ފޮނުވާލާފަ އެވެ. އޭނާ މިއުޒިކަށް ޝައުގުވެރިކަން އުފެދުނީ އިސްލާހިއްޔާގައި ހުރި ދުވަސްވަރު އެވެ.

ޝިނޭޑް ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވަނީ 1990 ވަނަ އަހަރު ނެރުނު "ނަތިން ކޮމްޕެއާޒް ޓު ޔޫ" ލަވައިންނެވެ.

ޝިނޭޑް 1987 އިން 2014 އާ ދެމެދު 10 އަލްބަމް ނެރެ އެކި ވަރުގެ ކާމިޔާބީތައް ހޯދާފައިވެ އެވެ. ޝިނޭޑްއަށް އަލުން މީޑިއާގެ ސަމާލުކަން ލިބުނީ 1992 ވަނަ އަހަރު ކޮމެޑީ ޝޯ "ސަޓަޑޭ ނައިޓް ލައިވް" އަށް ގެސްޓެއްގެ ގޮތުގައި އަރާ، ކެތޮލީކް ކްރިސްޓިއަނުންގެ އޭރުގެ އިސް މީހާ ޕޯޕް ޖޯން ޕޯލް 2ގެ ފޮޓޯ ވީދާލުމުންނެވެ. ޝިނޭޑް މިހެން ހެދީ ކެތޮލީކް ޗާޗްގައި ކުޑަ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ މައްސަަލަތަކެއް ފަޅާއެރުމުން، އެ މައްސަލަތައް ފައްޅިތަކުން ސިއްރުކޮށް އޮއްބާލަން އުޅުމުންނެވެ.

މިމައްސަލައިގައި އެންބީސީ ނެޓްވޯކް އިން ވަނީ ދުވަހަކުވެސް އެ ޗެނަލުން ޝިނޭޑްއަށް އެއްވެސް ފުރުސަތެއް ނުދޭން ނިންމާފަ އެވެ.

އެދުވަސްވަރު އެމެރިކާގައި ޝިނޭޑްއާ އިދިކޮޅަށް މުޒާހަރާތައްވެސް ކުރިއަށް ގެންދިޔަ އެވެ. އިތުރު ކަމަކަށް ބަލާއިރު ޝިނޭޑްގެ ދެވަނަ ދަރިފުޅު ރޯޝީންގެ ބެލެނިވެރިކަން ހޯދުމަށް ކުރިއަށް ދިޔަ ދައުވާގައި މައްސަލަތަކެއް ކުރިމަތިވެ، ޝިނޭޑް އަމިއްލައަށް މަރުވުމަށް މަސައްކަތް ކޮށްފައިވެ އެވެ.

ޝިނޭޑް ވަނީ 2018 ވަނަ އަހަރު އިސްލާމްވެ، ޝުހާދާ ސަދަގާތު އަށް ނަން ބަދަލުކޮށްފަ އެވެ. އެހެން ނަމަވެސް އޭނާ ލަވަކިޔަމުން ދިޔައީ ޝިނޭޑްގެ ނަމުގަ އެވެ.

ޝިނޭޑް ހަތަރު ކައިވެނިކޮށްފައިވެ އެވެ. އަދި ހަތަރު ދަރީން ލިބިފައިވާއިރު އޭނާ މަރުވިއިރު ދުނިޔޭގައި ތިބީ ތިން ދަރިންނެވެ. މީގެ ދެ އަހަރު ކުރިން 2021 ގައި "ރިމެންބަރިންގްސް"ގެ ނަމުގައި ޝިނޭޑް ނެރުނު ފޮތް ވަރަށް ކާމިޔާބުކަމާއެކު ވިކިފައިވާއިރު އޭނާގެ ހަޔާތަށް ޑޮކިއުމެންޓަރީއެއް ހެދުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެ އެވެ.