ޓީޗަރުން

ޓީޗިން ލައިސަންސަށް ހުށަހެޅުމަށް ހާއްސަ ޕޯޓަލެއް ހަދަނީ

ޓީޗަރުން ރަޖިސްޓްރީކޮށް ލައިސަންސް ނަގަންޖެހޭ ގޮތަށް ހަމަޖައްސާފައިވާތީ ލައިސަންސަށް އެދި ހުށަހެޅުން ފަސޭހަކޮށްދިނުމަށްޓަކައި ހާއްސަ ޕޯޓަލްއެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މަރިޔަމް ނާސިރު ވިދާޅުވީ މި ޕޯޓަލް ހެދުމާ އެކު ކޮންމެ ތަނެއްގައި ހުރެގެންވެސް ޓީޗިން ލައިސަންސް ހޯދަން ހުށަހެޅޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް ލައިސަންސް ހޯދުމަށް ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އެކި ދުވަސްވަރު އެކި ޒޯންތަކަށް ބަހާލައިގެން ކަމަށެވެ. ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން ލައިސަންސްގެ ގޮތުގައި ޑިޖިޓަލް ކާޑެއް ދޫކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އޭރުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް މުދައްރިސުންނަށް [ޕޯޓަލް މެދުވެރިކޮށް] ލައިސެންސަށް އެދި ހުށަހެޅޭނެ،" އޭނާ ވިދާޅުވި އެވެ.

ޓީޗިން ލައިސަންސް ހޯދުމަށް ހުށަހެޅުމުން ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ ޓީޗަރުން ރަޖިސްޓްރީކޮށް ލައިސަންސް ދިނުމުގެ ގަވާއިދުގައިވާ ޝަރުތުތައް ފުރިހަމަވާ މީހުންނަށެވެ.

ތައުލީމު ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގައިވާ ގޮތުން ޓީޗަރުންނަށް ކިޔަވާ ދިނުމުގެ ހުއްދަ ކުރިއަށް އޮތް ތަނުގައި ލިބޭނީ ޓީޗިންގެ ދާއިރާއިން ހަތަރު އަހަރުގެ ޑިގްރީއެއް ފުރިހަމަކޮށްފައިވާ މީހުންނަށެވެ. މިހާރު ޓީޗިން ކިޔަވާ މީހުންނަށާއި މިހާރު ހިދުމަތުގައި ތިބި ޓީޗަރުންނަށް ގަވައިދުގައި ބުނާ ހަތަރު އަހަރުގެ ޑިގްރީގެ އުސޫލު ނުހިނގާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މިހާރު ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުން ކުރިއަށް އޮތް ދިރާސީ އަހަރުގެ ދެވަނަ ޓާމް ފެށުމުގެ ކުރިން ލައިސަންސް ނެގުމަށް އަންގާފަ އެވެ. އޭގެފަހުން ލައިސަންސް ނެތި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެ އެވެ.