ދުނިޔެ

ރަޝިއާގެ ގޮވާން އެފްރިކާގެ ބައެއް ގައުމުތަކަށް މުޅިން ހިލޭ

އެފްރިކާ ބައްރުގައި ހިމެނޭ އެންމެ ފަގީރު ގައުމުތަކަށް -- ބުރުކިނާ ފާސޯ، ޒިމްބާބްވޭ، މާލީ، ސޯމާލީ، ދި ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި އެރިތުރިއާއަށް -- މުޅިން ހިލޭ ގޮވާން ފޯނުވައިދެއްވާނެ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވައުދުވެ ވަޑައިގެންފި އެވެ.

ރަޝިއާގެ ސެން ޕީޓާސްބާގްގައި މިހާރު ހިންގަމުންދާ "ރަޝިއާ، އެފްރިކާ ސަމިޓް"ގައި ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވީ އެފްރިކާ ބައްރުގެ ފަގީރު ގައުމުތަކަށް -- ކޮންމެ ގައުމަކަށް 25،000 - 50،000 ޓަނާ ދެމެދުގެ އަދަދަކަށް ރަޝިއާއިން މުޅިން ހިލޭ ގޮވާން ފޯރުކޮށްދެއްވާނެ ކަމަށެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ގޮވާމުގެ އަގާއި، އުފުލަން ނަގާ އަގު ވެސް ދައްކާނީ ރަޝިއާ އިންނެވެ. މިއީ ޔުކްރޭން ގޮވާން ޑީލް ހުއްޓާލުމާ ގުޅިގެން ފަގީރު ގައުމުތަކަށް ދިމާވެދާނެ ނިކަމެތި ކަމަކުން ސަލާމަތްކުރުމަށް ވެދެއްވާ އެހީތެރިކަމެއް ކަމަށް ޕޫޓިން ވިދާޅުވި އެވެ.

ކުރިއަށް އޮތް ދެތިން މަސް ތެރޭގައި އަމަލީ މަސައްކަތްތައް ފެށިގެން ދާނެ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ޔުކްރޭން ގޮވާން ޑީލް ހުއްޓާލަން ޖެހުމުގައި ސަބަބުތަކެއް އެބަހުއްޓެވެ.

ޔުކްރޭނުން ގޮވާން ބޭރުކުރުމަށް ތުރުކީ އާއި އދ ހެކިކޮށް ރަޝިއާ، ޔުކްރޭންއާ އެކު ހެދި އެއްބަސްވުމުގެ ދަށުން -- ކަޅުކަނޑު ހުރަސްކޮށް ދުނިޔޭގެ ބާޒާރަށް ގޮވާން ބޭރުުކުރަން އެއްބަސްވެ ވަޑައިގަތީ، ޕޫޓިން ވިދާޅުވި ގޮތުގައި ފަގީރު ގައުމުތަކަށް އެހީތެރިވެ ދެއްވުމަށެވެ. އެހެންނަމަވެސް، ގޮވާން ޑީލަށް އަހަރެއް ވެގެން ދިޔައިރު ވެސް، އެއްބަސްވުމުގެ ފައިދާ ފަގީރު ގައުމުތަކަށް ކޮށްފައި ނުވާ ކަމަށް ޕޫޓިން ވިދާޅުވި އެވެ.

ޔުކްރޭން ގޮވާން ޑީލުގެ ދަށުން 32.8 މިލިއަން ޓަނުގެ ގޮވާން ކަޅުކަނޑު ހުރަސްކޮށް ބޭރުކުރި ކަމަށް ޕޫޓިން ވިދާޅުވި އެވެ. އޭގެ ބޮޑުބައި -- 70 ޕަސެންޓަށް ވުރެ ގިނަ އަދަދެއް މުއްސަނދި ގައުމުތަކަށް ގޮސްފައިވާ ކަމަށް ޕޫޓިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔުކްރޭން ގޮވާން ޑީލުގެ ދަށުން ފަގީރު ގައުމުތަކަށް ބަހާފައިވަނީ ތިން ޕަސެންޓަށް ވުރެ ވެސް ކުޑަ އަދަދެއް ކަމަށެވެ.

ރަޝިއާ، އެފްރިކާ ސަމިޓްގައި ޕޫޓިން އަދި ވިދާޅުވީ އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް ކިތަންމެ ގަދަފަދަ ދަތިކުރުންތަކެއް ކުރިމަތިކުރި ނަމަވެސް، އެފްރިކާގެ ގައުމުތަކަށް ރަޝިއާއިން ހިލޭ ގޮވާން ފޮނުވާނެ ކަމަށެވެ.

ގޮވާމަކީ ހަތިޔާރެއް ގޮތުގައި ބޭނުންހިފާ ބަޔަކު އދ އަށް ވެސް އެނގިފައި ނުވާތީ ޕޫޓިން ހިތާމަކުރެއްވި އެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ގޮވާން ޑީލުގެ ދަށުން ރަޝިއާއަށް ކޮށްދޭން ހުޅަނގުން ވައުދުވި އެއްވެސް ކަމެއް -- އަދި އޭގެ ކުޑަ މިންވަރެއް ވެސް ކޮށްދީފައެއް ނުވެ އެވެ.