ދުނިޔެ

އެފްރިކާގެ ދައުލަތްތަކަށް 23 ބިލިއަން ޑޮލަރު މާފެއް

އެފްރިކާ ބައްރުގެ ދައުލަތްތަކުން ރަޝިއާއަށް ދައްކަން އޮތް ދަރަނީގެ 90 ޕަސެންޓް އުނިކޮށްފައި ވާނެ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ. އެއީ ގާތްގަނޑަކަށް 23 ބިލިއަން ޑޮލަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާގެ ސިޓީއެއް ކަމަށްވާ ސެއިންޓް ޕީޓާސްބާގްގައި މިހާރު ކުރިއަށްދާ ރަޝިއާ، އެފްރިކާގެ ދެވަނަ ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވިދާޅުވީ އދ ގެ ސަލާމަތީ މަޖިލީހުގައި އެފްރިކާގެ ގައުމުތަކަށް އިނާޔަތްތަކެއް އޮންނަންވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މޮސްކޯއިން އެކަމަށް ތާއީދުކުރައްވާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން އަދި ވިދާޅުވީ ދަރަނީގެ ބޮޑުބައި މުޅިން ޚަލާސްވި ނަމަވެސް، މާލީ ބައެއް ޒިންމާތައް އެ ގައުމުތަކަށް އޮންނާނެ ކަމަށެވެ.

އެެފްރިކާ ބައްރަށް ރަޝިއާ އެހީތެރިވަނީ މާލީ ބަދަލަކަށް އެދިވަޑައިގެން ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ނަަމަވެސް، ދައުލަތްތަކުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން -- ރަޝިއާއަށް ތާއީދު އޮންނަންވާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ރަޝިއާ އާއި އެފްރިކާގެ ގައުމުތަކާ އެކު އޮތް ގުޅުމުގެ ތެރެއިން ވިޔަފާރި އާއި ރައްކާތެރިކަން، ސަގާފަތް އަދި އިންސާނީ ހައްގުތަކަށް ކުރިއެރުން ހޯދޭނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

އެފްރިކާ ބައްރު ކުރިނާރައިގެން އުޅެނީ އިސްތިއުމާރީ ބާރުތަކުގެ ސަބަބުން ކަމަށާއި ހުޅަނގުގެ ނުފޫޒާއި ބިރުދެއްކުން އެ ގައުމުތަކަށް އަދިވެސް ވަރަށް ބޮޑު ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

އިސްތިއުމާރީ ބާރުތަކުން އެފްރިކާއަށް ވަރަށް ބޮޑު ގެއްލުމެއް ދީފައިވާ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. އެފްރިކާގެ އެއްވެސް ގައުމަކަށް ކުރިއެރޭނެ ގޮތް ހުޅަނގުން ދައްކާފައި ނުވާ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން އަދި ވިދާޅުވި ރަޝިއާ އާއި އެފްރިކާއާ ދެމެދު އޮންނާނީ އެއްބައެއްގެ ބޭނުންތައް އަނެއް ބަޔަކު ފުއްދައިދިނުމަށް އޮތް ޖާޖަތެއް ކަމަށެވެ.

ރަޝިއާގެ ވިސްނުމަކީ އެފްރިކާ ކޮޅަށް ޖަހައިދިނުން ކަމަށާއި އަސްކަރީ ގޮތުން ފޯރުކޮށްދޭ ހުރިހާ ކަމަކަށް ރަޝިއާއިން މީގެ ކުރިން ވެސް އަގުނަގާފައި ނުވާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.