ރައީސް މުހައްމަދު ނަޝީދު

ޑްރަގު ވިއްކުމަށް ރައީސް ސޯލިހު ތާއީދުކުރައްވާ ކަމަށް ނަޝީދު ތުހުމަތުކުރައްވައިފި

ޑްރަގު ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތާއީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފި އެވެ.

ރައީސް ނަޝީދު މި ތުހުމަތު ކުރެއްވީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބުއާއެކު އައްޑޫ ސިޓީގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ މަސްތުވާތަކެތި ފަސޭހަކޮށްދެއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވާއިރު ރައީސް ސޯލިހު އިންނަވަނީ އަތް ޖައްސަވަން ކަމަށެވެ.

"ޖާބިރު އެބަ ބުނުއްވާ ރައީސް ސޯލިހު އަދި އިތުރަށް މަސްތުވާތަކެތި ފަސޭހަކޮށްދެއްވާނެ ވާހަކަ. އަޅުގަނޑަކަށެއް ނުފެނޭ މަޖަލަކަށް ހަދައިންވެސް މިބާވަތުގެ ވާހަކަ ދައްކާކަށް. އިނގޭތޯ. ދެން ހަމަ ރައީސް ސޯލިހުވެސް އަތް ޖައްސަވަންށޭ މި އިންނަވަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެއީ މަޖާ ކަމެއް ނޫން ކަމަށާއި ޖާބިރު އަބަދު ދައްކަވާ ވާހަކަ މަޖާ ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ އެފަދަ ވާހަކަތައް ދެއްކުމުން ރައްޔިތުންނަށް އޮޅުން އަރާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ މިހެން ހެއްދެވިކަން އެކަމަށް ތާއިދު ކުރައްވައިގެން އިންނަވާކަން. އެއީ ހަކުރު ވިއްކަން ތާއިދު ކުރައްވައިގެން އިންނަވާކަން، އެއީކީއެއް ބަލައިގަނެވޭނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

މަސްތުވާތަކެތިން ޒުވާނުން ސަލާމަތް ކުރެވޭނެ ގޮތް ހޯދަން ޖެހޭ ކަމަށާއި މަސްތުވާތަކެތީގައި މީހަކު ޖެހުމުން ދައުލަތުން އެކަންކަން ބަލަހައްޓައިދޭން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު ގިނަވެފައިވާ ކަމަށާއި ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކުން ފައިސާ ހޯދުމަށް ހިންގާ އެންމެ ބޮޑު ވިޔަފާރިއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކަމަށެވެ.