އިލްޔާސް ލަބީބް

އިލްޔާސްގެ ރަނިންމޭޓަކަށް އީވާ ހަމަޖައްސަނީ

ދަ ޑިމޮކްރެޓްސް އިން ކުރިއަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންމޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހަމަޖައްސަން ނިންމައިފި އެވެ.

އިލްޔާސްގެ ރަނިންމޭޓަކަށް އީވާ ހަމަޖައްސަން ނިންމިކަން ޑިމޮކްރެޓްސްގެ މެންބަރަކު ވަނީ ކަށަވަރުކޮށްދީފަ އެވެ.

ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއިން ވާދަކުރައްވާ އިލްޔާސްގެ ރަނިންމޭޓަކަށް އީވާ ހަމަޖައްސަން ނިންމާފައިވާއިރު އެ ޕާޓީގެ ރިޔާސީ ޓިކެޓް އިލްޔާސަށް ދޭން ޕާޓީގެ މެންބަރުން ނިންމީ މިދިޔަ ހުކުރު ދުވަހު ބޭއްވި ޕާޓީގެ ރިޔާސީ ޕްރައިމަރީގަ އެވެ.

ޑިމޮކްރެޓުންގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ އިލްޔާސް އެކަންޏެވެ.

މުޅި ރާއްޖޭގައި ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ދަ ޑިމޮކްރެޓުންގެ ރިޔާސީ ޕްރައިމަރީގައި 3،208 މީހުން ވޯޓުލާފައިވެ އެވެ. މީގެތެރެއިން 3،041 މީހުން ވަނީ ޑިމޮކްރެޓުންގެ ރިޔާސީ ޓިކެޓް އިލްޔާސްއަށް ދިނުމަށް ފެންނަ ކަމަށް ވޯޓު ދީފަ އެވެ. އިލްޔާސް އަށް ޓިކެޓް ދޭން ނުފެންނަ ކަމަށް 153 މީހަކު ވޯޓު ދީފައިވާއިރު ނުވަ ވޯޓް ވަނީ ބާތިލްވެފަ އެވެ.

ޑިމޮކްރެޓުންގެ ރިޔާސީ ޓިކެޓް އިލްޔާސް ދިނުމަށް އެ ޕާޓީގެ މެންބަރުން ނިންމުމުން އިލްޔާސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ފައްޓަވާފަ އެވެ.