( 28 ޖުލައި 2023 އާ ގުޅޭ )
"އެއީ ޝިފާލީ. އެކަމަކު އޭނާއަށް ހަމައެކަނި ނުލިބުނީ ތިކަހަލަ ރީތި ދެ ލޮލެއް. އެނޫން ހުރިހާ ގޮތަކުން އޭނާ ފުރިހަމަ... ހެ ހެ ހެ ހެ... ސޮރީ... ޖެލަސް ނުވައްޗޭ. ތީ އަހަރެންގެ ފުރަތަމައެއްނު ދޯ. ތި ދެ ލޮލުގެ ރީތިކަމުން ދެން ހުރި އެއްވެސް އައިބެއް ފާހަގައެއްނުވޭ... އަހަރެންގެ ލޯބިލޯބި އަނުމް." ފައިސަލް ހޭންފެށީ ހުނުންގަނޑު ނުހިފެއްޓުނު ފަދައަކުންނެވެ. ހެމުންހެމުން އޭނާ އެ ފުޅި ގެނެސް މޭގައި ޖައްސާލިއެވެ. އޭނާގެ ހުނުން މަޑުވުމުން އެ ފުޅި ގެންގޮސް އަލަމާރީގައި އިހު ހުރި ތަނުގައި ބަހައްޓައިފިއެވެ.
ފައިސަލް އައިސް ލިޔާމޭޒު ދޮށުގައި އިށީނީ ކަޅުކުލައިގެ ލެދަރު ކަވަރެއްގައި އޮތް ބޮޑު ފޮތެއް ހިފައިގެންނެވެ. ފެންނަ ފެނުމަށް ފޮޓޯ އަލްބަމަކާ ވައްތަރު ގޮތެއް ހުއްޓެވެ. އޭނާ އެ ހުޅުވާލައި ގަނޑުތައް އުކަން ފެށުމުން ލިޔެފައި ހުރި އެއްޗެއް ފެންނަ ގޮތެއް ނުވިއެވެ. ފައިސަލް ބޭނުންވާ ސަފްޙާއާ ހަމައަށް އާދެވުމުން އޭނާ މަޑުކޮށްލިއެވެ. އެއާއެކު ފޮތުގައިވާ އެއްޗެއް ސާފުކޮށް ފެންނަން ފެށިއެވެ. ވައަތް ފަރާތު ސަފްޙާގައި ޝިފާލީގެ ފޮޓޯއެއް ހަރުކޮށްފައި ވާއިރު ޖެހިގެން އަނެއްފަރާތަށް އޮތް ގަނޑުގައި އޭނާއާ ބެހޭ މަޢުލޫމާތު ލިޔެފައި ހުއްޓެވެ. ނިކަން ތަފްސީލުކޮށެވެ. ޝިފާލީގެ ފޮޓޯގެ ތިރީގައި އޭނާގެ ބޮލުން އިސްތަށިކޮޅެއް ވެސް ހުއްޓެވެ. އެ ހުރިހާކަމެއް ފައިސަލް ކުރިގޮތަކާމެދު އަހަރެން ސުވާލު އުފެދުނެވެ. ޝިފާލީ އަމިއްލައަށް އޭނާގެ އިސްތަށިގަނޑު އެތިކޮޅެއް ބުރިކޮށްފައި ދީފާނޭ އަހަރެންގެ ހިތާއި ޟަމީރު ވެސް ޤަބޫލެއްނުކުރެއެވެ. ފައިސަލް އެދުނަސް ސުވާލެއް ނުކޮށް ބޭނުންވާ މަޤްޞަދު އޮޅުން ނުފިލުވާ އިސްތަށިން ބައެއް ނުދޭނެކަން ގައިމެވެ. އެ ފޮތުގައި ޝިފާލީ މަރާލި ތާރީޚް ލިޔެފައި އޮތެވެ. އަދި ކަނޑަށް އޭނާގެ ހަށިގަނޑުގެ ބައިތައް އުކާލި ތާރީޚް ފައިސަލް ލިޔުނެވެ. އެއަށްފަހު އޭނާ އިރުކޮޅަކު ފޮތަށް ބަލަން އިނދެފައި ފޮތް ލައްޕާލައިފިއެވެ. އެ ފޮތް ގެނެސް އަލަމާރިއަށް ލާފައި އެ ތަޅުލިއެވެ.
ހުސެންނާއި ފަރީލާ ރަށުން ފުރީ ޝިފާލީގެ ޢާއިލާއާއެކުއެވެ. ހުސެން ހަމަޖެއްސި ލާންޗުގައެވެ. ޝިފާލީއަށް ވީގޮތެއް އެއިން މީހަކަށް އެއްވެސް ވަރަކަށް ނޭނގެއެވެ. ލިބުނު ފުން ހިތައިމައިގެ އަސަރު ޝިފާލީގެ ޢާއިލާ މެންބަރުންގެ މޫނުތަކުން ފިލައިގެން ނުދެއެވެ. ޝިފާލީގެ ނިންމުތަކާމެދު ހިތްމަނުޖެހިފައި ހުރި ބައްޕަގެ މޫނު ވެސް ވަނީ މިލާފައެވެ. ލާންޗުގައި އިންއިރު ވެސް އޭނާގެ މަންމަގެ ދެ ލޮލުން ކަރުނައުގެ ތެތްކަން ފެންނަން ހުއްޓެވެ. ދައްތައަށް ވީގޮތެއް ނޭނގުމުގެ އިންތިހާ މާޔޫސްކަން ފިރިހެންކޮއްކޮގެ މޫނުގައި ވިއެވެ. ލާންޗުން ދުރަށް ގޮސް އޮބާލަންދެން އަހަރެން ހުރީ ބަނދަރުގައެވެ. ދެން އެސްފިޔަ ޖަހާލިހާ ހިނދުކޮޅެއްގެ ތެރޭގައި އަހަރެން އެނބުރި އައިސް ހުރީ ގެސްޓްހައުސްގައެވެ.
ކުއްލިއަކަށް އަހަރެންގެ ހަށިގަނޑަށް ފިނިވާންފެށިއެވެ. ހީކަރުވައިގަނެގެން ކެތްނުކުރެވޭފަދަ ފިންޏެކެވެ. ލޯ މައްޗަށް އަނދިރިވިހެން ހީވެފައި އަހަރެންނަށް ދެން ފެނުނީ އަހަރެންގެ ކޮޓަރިއެވެ. ހުރެވުނީ އެނދު ކައިރީގައެވެ. ވެރިވެފައި އޮތް ފަނޑުއަލިކަމުގައި ކޮޓަރީގެ ކަނެއްގައި މަޑުކޮށްލައިގެން ހުރި ޝިފާލީ ފެނުނެވެ. އަހަރެންނަށް އިޙްސާސް ކުރެވުނީ މި ހުރިހާއިރު އަހަރެންގެ ގައިގާ ހިފަހައްޓައިގެން މީހަކު ހުރެފައި ދޫކޮށްލީ ފަދައިންނެވެ. އެފަދަ މިނިވަންކަމެކެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނުއިރު އަހަރެންވަނީ ނުހަނު ބޮޑަށް ވަރުބަލިވެފައެވެ. ދެ ފައިކޮޅުން ވާގި ނުދަނީސް އަހަރެން އައިސް އެނދަށް އެރީމެވެ. ޝިފާލީ އެ ހުރި ތަނުގައި ހަރަކާތެއްނުކޮށް ހުއްޓެވެ.
"އަހަރެން ކައިރިން ކަމެއް އޮޅުން ފިލުވަން ބޭނުންނަމަ ސުވާލު ކުރަންވީ." އަހަރެންނަށް ބަލަން ހުރެފައި ޝިފާލީ ބުންޏެވެ.
އަހަރެން އެނގެން ބޭނުންވާ ކިތަންމެ ކަމެއް އެބަހުއްޓެވެ. ނަމަވެސް ވާހަކަދައްކަން އަނގަ ހުޅުވާލީ ހިނދު އަރުތެރެ ހިކިފައި ހުރިވަރުން ކެއްސައިގަތެވެ. އެނދުއަރިމަތީ ހުރި ކުޑަމޭޒު މަތިން ފެންފުޅި ނަގައި އަނގަޔާ ދިމާކޮށްލީމެވެ. ދެތިން ކޯވަރު ބޯލާފައި ޝިފާލީއަށް ބަލާލީމެވެ. އޭނާއާ ވާހަކަދައްކަން އަހަރެން ބޭނުންވިޔަސް ފުރަތަމަ ބެލީ ހީފިލުވޭތޯއެވެ. އެހެންވެ ކޮޓަރީގެ ފިނިމިން ދަށްކުރުމަށްފަހު ރަޖައިން ހަށިގަނޑު ފޮރުވާލީމެވެ.
"ތީ ޝިފާލީ ދޯ." އަހަރެން އެހީމެވެ. އެއާއެކު އޭނާ ދެ ފަރާތަށް ބޯހޫރާލިއެވެ.
ބައެއް ކަންކަން ލޮލަށް ވަންހަނާވެފައިވެޔޭ ޝިފާލީ ބުނީ ފައިސަލްއަށް އިޝާރާތްކޮށްކަން މިހާރު އަހަރެންނަށް ވިސްނިއްޖެއެވެ. އަހަރެންނަށް ފެނުނު މަންޒަރުތައް އެއީ ހަޤީޤަތެއްކަން ޤަބޫލުކުރެވޭ ވަރަށްވުރެ ބިރުވެރިއެވެ.
"ތީ ޝިފާލީއަށް ނުވަންޏާ ދެން ކާކު؟." އަހަރެން އެހީމެވެ.
"ޝިފާލީ މަރުވެއްޖެ. އަހަރެންނަކީ ޝިފާލީއަށް ޓަކައި އޭނާ އުފަންވީ ދުވަހުން ފެށިގެން މަރުދުވަހާ ޖެހެންދެން އޭނާގެ ހަޔާތުގެ ދަތުރުގެ ބައިވެރިޔާ. އަހަރެންނަށް ނޭނގޭ ކަމެއް ޝިފާލީގެ ދިރިއުޅުމުގައި ހިނގާފައެއްނުވޭ. ޝިފާލީގެ ދިރިއުޅުމާ ބެހޭ ކަމެއްގައި ނޫނީ އަހަރެންނަށް ޝާމިލެއް ނުވެވޭ. އެކަމަކު ޝިފާލީގެ މަރާއެކު އަހަރެން މިވަނީ މިނިވަންވެފައި. ޝިފާލީގެ ސިފަ ޚިޔާރުކުރީ އާނިޔާއަށް އަހަރެންނާ ކުރިމަތިލާން ކެރޭނީ އޭރުންކަން އެނގޭތީ. އަހަރެންގެ އަސްލު ސިފަ ބަލާކަށް ކުޅަދާނައެއްނުވާނެ." ޝިފާލީގެ ސިފައިގައި ހުރި މަޚުލޫޤު ބުންޏެވެ.
"އެހެންވީރު ތީ ޝިފާލީއާ އަޅައިގަނެފައި ހުރި ޖިންނިއަކީތަ؟." އަހަރެންނަށް އޭނާ ދެއްކި ވާހަކަ ދޭހަނުވެހުރެ ބުނީމެވެ. އެއާއެކު އޭނާ ހީނގަތެވެ.
"އަހަރެންވަނީ ޝިފާލީއަށް ޚާއްޞަ ކުރެވިފައި. އަހަރެން ޝިފާލީއާއެކު ވާހެން ކަލެއާއެކު ވެސް އަހަރެން ފަދަ ބައިވެރިޔަކުވޭ. ކޮންމެ އިންސާނަކާއެކީ އޭނާ އުފަންވާއިރު އަހަރެން ފަދައިން އެމީހުންގެ ހަޔާތުގެ ކުރު ދަތުރުގެ ބައިވެރިޔަކު ކަނޑައެޅިގެން ދޭ. އަދި ހަވާލުވެފައިވާ ވަޒީފާއެއް ފަދައިން އަހަރެމެން އެ އިންސާނާ މަރުވަންދެން އޭނާއާ ދުރަކަށް ނުދަން. އޭނާ މަރުވުމުން އަހަރެމެންގެ ވަޒީފާ ވެސް ނިމުނީ. އެހިސާބުން ދެން އަހަރެމެން އަމިއްލައަށް ދިރިއުޅޭން ފަށަން... އަހަރެމެންނަށް ޣަރީންއޭ ވެސް ކިޔައި އުޅޭ." ޝިފާލީގެ ސިފަޖެހިގެން ހުރި ޖިންނި ބުންޏެވެ. ދެން ވެސް އަހަރެންނަކަށް އޭނާ އެ ދެއްކި ވާހަކައެއް ނޭނގުނެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި އިންސާނުންނާ އަވަލައިގެން ނޫން ގޮތަކަށް ޖިންނީންނަށް އެގޮތަށް ކައިރިޔަކު ނޫޅެވޭނެއެވެ.
"ތީ އިންސާނެއްނޫނޭ ތިބުނީ. ޝިފާލީއަށް ޚާއްޞަވެފައޭ ވެސް ބުނެފި... ދެން ކީއްވެ ފައިސަލްއަށް ޝިފާލީ މަރާލަން ފުރުޞަތު ދިނީ. ކީއްވެ ނުހުއްޓުވީ." އަހަރެން ސުވާލު ކުރީމެވެ.
"އާނިޔާ ތިކުރަނީ ބޭކާރު ސުވާލުތަކެއް." އޭނާ ބުންޏެވެ.
"ކަލޭ ބޭނުންވަނީ ކޮންކަމެއް. ފައިސަލްގެ އަތްދަށުން އަހަރެން ސަލާމަތް ކުރަންތަ؟." އަހަރެން އެހީމެވެ. އޭނާއަކީ ޝިފާލީގެ ސިފަ ޖެހިގެން ހުރީތީ އަހަރެން ހީކުރީ ފިލްމުތަކާއި ވާހަކަތަކުގައި ހުންނަފަދައިން އަހަރެންނަށް ވެސް މިފެންނަނީ ޝިފާލީގެ ރޫހުކަމަށެވެ. އެއީ ކިހާ މޮޔަ ޚިޔާލެއްކަން އެނގިއްޖެއެވެ. މަރުވުމަށްފަހު އެއްވެސް ސިފައެއްގައި އެނބުރި އައުމެއްނުވެއެވެ. ފެންނަމުންދަނީ ޝިފާލީގެ ސޫރައިގައި ހުރި މަޚުލޫޤެއްކަން އެނގުނު ހިސާބުން އޭނާއަށް ޝިފާލީގެ ނަމުން މުޚާޠަބު ކުރުން އަހަރެން ހުއްޓާލީމެވެ. އަދި އޮޅުން ފިލަން ބޭނުންވަނީ މި މަޚުލޫޤު އަހަރެންގެ ކިބައިން ބޭނުންވެގެން އުޅޭ ކަމެކެވެ. އޭނާ އެ ކުރާ ކަންތައްތަކުގެ ހަޤީޤީ މަޤްޞަދެވެ.
"އަހަރެން ބޭނުންނަމަ ފައިސަލް މަރާލެވުނީސް. އެކަމަކު އޭރުން ޝިފާލީއަށް ވީގޮތެއް ނޭނގޭނެ. ޝިފާލީ މަރުވުމުން އަހަރެން މިނިވަންވީމާ ވެސް ގެސްޓްހައުސްގައި މަޑުކުރީ ޝިފާލީއަށް ޓަކައި. މިތަނަށް މީހުން ނާންނަނީ އަހަރެން އެމީހުން އަޔަ ނުދޭތީ. މިތަން ރޯކޮށްލީ ވެސް އަހަރެން... އަހަރެންނަށް ވެސް ހައްދެއް ކަނޑައެޅިގެންވާތީ ބޭނުންވިޔަސް ނުކުރެވޭ ކަންކަން ހުރޭ. އެގޮތަށް އާނިޔާ މިތަނަށް ގެނައީ ތަޤްދީރު... އެހެންވިޔަސް އަހަރެން ފުރަތަމަ މަސައްކަތް ކުރީ ފައިސަލްގެ ޝިކާރައަށް ނުކުތުމުގެ ކުރީން އާނިޔާ މިތަނުން ފޮނުވާލުން. އެހެންވެ އެކިފަހަރު އެކި ގޮތްގޮތަށް ބިރުގަންނުވަން މަސައްކަތްކުރީ. އެކަމަކު ތީ އެއަށްވުރެ ބޯހަރު އަންހެނެއް... އަހަރެންގެ އަމިއްލަ އެދުން ހާސިލު ކުރަން އާނިޔާގެ ބޭނުން ހިފަން އަހަރެން ނިންމީ އެހެންވެ. އަހަރެން ހީކުރި ވަރަށްވުރެ ފަސޭހައިން އާނިޔާގެ ގަޔަށް ވަދެވުނު. ތި ހަށިގަނޑުގެ ބޭނުންކޮށްގެން އަހަރެން ފައިސަލްއާ ކުރިމަތިލީން. ޝިފާލީގެ މަތިން ފައިސަލް ހަނދާން ކުރުވަން އަހަރެން މަސައްކަތްކުރީ. އަހަރެންގެ ބޭނުމަކީ ޝިފާލީ މަރާލާފައިކަން ވަނީ އޭނާގެ ޢާއިލާއަށް އެންގުން އަދި އެކަން ކުރި ގާތިލަކީ ފައިސަލްކަން އެންމެންނަށް އެނގެން."
ވަރަށް ތަފްސީލުކޮށް އޭނާ ގަސްދުކުރާ ކަންތައް އަހަރެންނަށް ކިޔާދިނެވެ. އަހަރެންގެ އެއްބާރުލުން އޭނާގެ އެ މަޤްޞަދު ހާސިލުކުރާން ބޭނުންވެއެވެ. އެކަމުގެ އިޒުނައަކަށް އޭނާ ނާހައެވެ. އޭނާ ހުރީ އަހަރެން އެއްބާރުލުން ދޭން ބޭނުންނުވެއްޖެނަމަ އަހަރެންގެ ހަށިގަނޑުގެ ތެރެއަށް ވަދެ ހުރެ އޭނާގެ ލަނޑުދަޑި ހާސިލުކުރާ ގޮތަށެވެ. އެކަމަކު އޭނާގެ ވާހަކައިން އަހަރެންނަށް ވެސް އެންމެ ރައްކާތެރި ގޮތަކަށް ވާނީ އޭނާއާ އެއްބައިވުން ކަމުގައި ވެއެވެ.
"އަހަރެންނަށް ވިސްނާލަން ވަގުތު ބޭނުން." އަހަރެން ބުނީމެވެ. ތެދަށް ބުނަންޏާ އަހަރެން މިހާރު މިހުރީ ފައިސަލްދެކެ ބިރުގެންފައެވެ. ކުރިމަތިން ފެންނަން ހުރި މަޚުލޫޤަށްވުރެ ފައިސަލްދެކެ އަހަރެން މާބޮޑަށް ޖެހިލުންވެއްޖެއެވެ.
"އާނިޔާ..." އަހަރެން އިސްއޮބާލައިގެން ވިސްނަން އިންދާ އޭނާ ގޮވާލިއެވެ.
"އަހަރެންގެ އެއްވެސް ކަމެއް އަދި އަހަރެންނާއި އާނިޔާއާ ދެމެދު ދެކެވޭ އެއްވެސް ވާހަކައެއް ވެސް ފައިސަލްއަށް އަޑެއް ނީވޭނެ. އަހަރެން ހަމައެކަނި ފެންނާނީ ވެސް އާނިޔާއަށް." އޭނާ ބުންޏެވެ.
"ފައިސަލް އަހަރެންނަށް ފާރަލާތަ." އަހަރެންނަށް އަހާލެވުނެވެ. އެއާއެކު އޭނާ ބޯޖަހާލީ އާނއެކޭ ބުނާ ފަދައިންނެވެ. އަހަރެން އިންތިހާއަށް ފިނިވިއެވެ. އޭނާ ކޮޓަރި ތެރެއަށް އިޝާރާތް ކުރިއެވެ.
"ޝިފާލީއަށް ފާރަލީހެން ކެމެރާ ހަރުކޮށްގެން. އާނިޔާ ނެތް ވަގުތު އޭނާ މިކޮޓަރިއަށް ވަދޭ." އޭނާ ބުންޏެވެ.
އަހަރެން އެނދުން ފައިބަން އުޅުނު ހިނދު އޭނާ އަހަރެން ހުއްޓުވިއެވެ. އަހަރެން ބޭނުންވީ އެ ކެމެރާތައް ވަގުތުން ނަގާށެވެ. އަނެއްކޮޅުން އަހަރެން އެހާ ހާސްވެގެން ތެޅިގަތީ އެ ކެމެރާތަކުގައި ރިކޯޑުވެފައި ހުންނާނޭ މަންޒަރުތައް އެނގޭތީއެވެ. އެއްވެސް މީހަކަށް ދުވަހަކުވެސް ފެންނަން ނޭދޭ ލަދުވެތި މަންޒަރުތައް ހުންނާނޭކަން ޔަގީންވާތީއެވެ. އެކަމަކު އެ ކެމެރާތައް ނަގައިފިނަމަ ވަގުތުން ފައިސަލް ސަމާލުކަމަށް އަންނާނޭކަން އޭނާ އަހަރެން ކައިރީ ބުންޏެވެ.
"އެކަމަކު އޭނާގެ ކުރިމަތީ ކުރީން އުޅޭހެން އަހަރެން އުޅޭނީ ކިހިނެއް؟." އަހަރެން ބުނީމެވެ.
"އަހަރެން ހުންނާނެ. އަހަރެންނަށް އެއްބާރުލުން ދޭނަމަ ގޯހެއްވިޔަ ނުދޭނަން. ހުރިހާ ވަގުތަކު އާނިޔާއަށް އަހަރެން ނުފެނިދާނެ. އެކަމަކު އަހަރެން ހުންނާނީ އާނިޔާ ފެންނަ ހިސާބުގައި." އޭނާ ބުންޏެވެ.
އަހަރެމެންގެ ދެމެދުގައި ވާހަކަދެކެވުނީ ކިހާއިރެއް ވަންދެން ކަމެއް ބުނާކަށް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންނަށް ހޭވެރިކަމެއްވީއިރު ހެނދުނު ހަތެއް ޖަހަނީއެވެ. ވަރުބަލިކަމުގެ އިތުރުން ބޯމަތީ ހިލަގަނޑެއް އޮތް ކަހަލައެވެ. ނިތްކުރިން ފެށިގެން ބޮލުގެ ފުއްކިބައަށް ދަންދެން ރިހެނީއެވެ. ހީކަރުވާވަރުން ހީވަނީ ގަނޑުފަނުގެ ތެރޭ އޮވެވޭހެންނެވެ. ތެދުވާނެ ހިތްވަރު ލިބުނީ ހޭލާ އޮންނަތާ އިރުކޮޅެއް ފަހުންނެވެ. ރަޖާގަނޑާއެކީ ތެދުވެ އެނދުގައި އިށީނދެލައިގެން އިނީމެވެ. ކޮޓަރިއަށް ނަޒަރު ހިންގާލީމެވެ. މުޅި ކޮޓަރިއަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ޝިފާލީގެ ސޫރައިގައި ހުރި ޖިންނިއެއް ވެސް ނެތެވެ. ފުންނޭވާއެއް ދޫކޮށްލެވުނު ހިނދު ނޭވައިގައި ހުރި ހޫނުކަން އިޙްސާސް ކުރެވުނެވެ. އަހަރެން ހުމާ ފިހެނީކަން އެނގުނީ ދެނެވެ. ހަށިގަނޑު ތެދުކޮށްލަން ވެސް އަހަރެންނަށް ދަތިވެފައި ހުރެ ވެސް އަލަމާރި ކައިރިޔަށް އައީމެވެ. ހުންއައިސް ރޯގާޖެހި ހޮޑުލަވާ ނުވަތަ އެލާޖިކެއް ވެދާނޭ ކަމަށް އަހަރެން ބޭސް ގެނައީމެވެ. ނަމަވެސް އޭގެ ބޭނުން ކުރަން ނުޖެހޭތީ ބޭސްކޮތަޅު ހުރިގޮތަށް ހުރީ ފޮށީގައެވެ. ފޮށި ނެރިގެން އަހަރެން ބޭސްކޮތަޅު ނެގީމެވެ. ޕެރެސެޓަމޯލް ގުޅައެއް ކައިގެން އަނެއްކާ ވެސް އެނދުގައި ޖައްސާލީއެވެ. ނަމަވެސް އެހެން އޮއްވާ ފައިސަލް އައިސް ވަދެދާނޭތީ ހާސްވިއެވެ. އަހަރެން އިހަށް ބޭނުންވަނީ އިތުމީނާ ކައިރިޔަށް އެ ގެއަށް ދާށެވެ. ކުއްލިއަކަށް އަހަރެންނަށް އެނގިގެން ދިޔައީ ޤަބޫލުކުރަން ކުޅަދާނަވާވަރުގެ ކަންތައްތަކެއް ނޫނެވެ. ޝިފާލީއަށް ކުރިމަތިވީ ބިރުވެރިކަން އެއީ އަހަރެން ހުން އައުމުގެ އަސްލު ކަމުގައި އަހަރެންނަށް ޤަބޫލުކުރެވެއެވެ. ތެދަށް ބުނަންޏާ އަހަރެން މިހާރު ބޭނުންވަނީ ވަގުތުން ގެސްޓްހައުސް ދޫކޮށް އިތޫ ކައިރިޔަށް ބަދަލުވާށެވެ. އެކަމަކު އެހެން ހެދޭކަށް ނެތެވެ. އެ ޖިންނީގެ މަޤްޞަދު ހާސިލު ނުވަނީސް އަހަރެން ދިޔަކަ ނުދޭނެކަން ސާފުކޮށް ބުންޏެވެ.
ހިތްވަރުކޮށްފައި އަހަރެން ތެދުވީމެވެ. އެހެން ދުވަސް ދުވަހުހެން އަހަރެންނަށް ކޮޓަރިތެރޭގައި އުޅޭން އުނދަގޫވިއެވެ. ސިއްރު ކެމެރާތަކުން އަހަރެންގެ ކޮންމެ ހަރަކާތެއް ބަލަމުން ދާނޭކަން އެނގޭތީއެވެ. ކުޑަވެސް މިނިވަންކަމެއް އަހަރެންނަށް ނެތެވެ. ފާޚާނާއަށް ވަނަސް ފައިސަލްގެ ފާރަލުމުން ދުރަކަށް ނުދެވެއެވެ. ކިތަންމެ އުނދަގޫވެފައި ހުރެ ވެސް އަހަރެން ފެންވަރާލައިގެން ނުކުމެ ތައްޔާރުވީމެވެ. އަލަމާރީގައި އޮތް ހޫދު ދިން ފޯނު ނަގައި އަތްދަބަހަށް ލީމެވެ. ޖިންނީގެ ފަރާތުން އެނގުނު ގޮތުގައި ފައިސަލް ވަނީ އެ ފޯނު ބަލާފައެވެ. އަހަރެން ގެންގުޅޭ ހުރިހާ އެއްޗެއް ކޮޓަރިއަށް ވަދެ އޭނާ ވަނީ ހާވާ ބަލައިފައެވެ. ދަބަހަށް ދެތިން ހެދުން ލައި ތައްޔާރު ވެލީ އިތޫމެންގޭގައި ދެތިން ދުވަހު މަޑުކުރުމުގެ ނިޔަތުގައެވެ. އަހަރެންގެ ހުންގަނޑު މަޑުވެލަންދެން ވިސްނަން ވަގުތު ހޯދުމުގެ ގަސްދުގައެވެ.
އަލަމާރި ލެއްޕި ހިނދު އަހަރެން ސިހުނެވެ. ކޮޓަރި ތެރޭ ޝިފާލީގެ ސިފައިގައި ޖިންނި އައިސް ހުއްޓެވެ. އޭނާ އަހަރެންނަށް ފަރުވާތެރިކަމާއެކު ބަލަނީއެވެ.
"އަހަރެން ވަރަށް ބޮޑަށް ހުންއައިސްފައި މިހުރީ. އަހަރެންގެ ގަޔަކު އެއްވެސް ވަރެއްނެތް... އިތޫމެންގެއަށް ދާން ވިސްނީ މިތަނުގައި އަހަރެންނަށް ހަމަޖެހިނުލެވޭނެތީ. ކަމަކާ ވިސްނޭވަރަށްވުރެ އަހަރެންގެ ބޮލުގައި އެބަރިއްސާ." އަހަރެން ވާހަކަދެއްކީމެވެ.
"ދެ ދުވަސްތެރޭ ތިހުރީހާ އުނދަގުލެއް ފިލާފާނެ." އޭނާ ބުންޏެވެ.
"އެހެންވީރު ދެ ދުވަސްވަންދެން އަހަރެން އެ ގޭގައި ހުންނަން ބޭނުން." އަހަރެން ބުނީމެވެ. އިރުކޮޅަކު ބަލަން ހުރެފައި އޭނާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
އަހަރެން ތިރިއަށް އައިއިރު ބަދިގޭގައި ފައިސަލް އުޅެއެވެ. އަށެއް ޖަހަންވާއިރަށް އަހަރެންގެ ޚަބަރެއް ނުވެއްޖެނަމަ އޭނާ ކޮޓަރިއަށް އަންނާނެކަން އަހަރެންނަށް އެނގެއެވެ. ފައިސަލް ފެންނައިރަށް އަހަރެންނަށް ހިނިތުންވެވެނީ އިޚްތިޔާރެއްނެތިއެވެ. ހިތުން ބަދަލުކޮށްލެވޭ އިޝާރާތެއް ފަދައިންނެވެ. ނަމަވެސް މިއަދު އަހަރެންނަށް އެ ހިނިތުންވުން ގެންނަން ބޮޑު ގޮންޖެހުމަކަށް ވިއެވެ. އެހެންޏާ ހިތް އަވަސްވަނީ ލޯބީގެ ފޮނިފޮނި ޖަޒުބާތުތައް ހިތާމޭގައި އުތުރިއަރަންފެށީމައެވެ. އެއާއެކު ޚިލާފު އަހަރެންގެ ހިތްއަވަސްގެން އައީ ފައިސަލްދެކެ މޭޖެހިފައި ހުރިވަރުންނެވެ.
"ގުޑް މޯނިންގ... ރޭގައި ނުނިދުނީތަ؟. ޔޫ ޑޯންޓް ލުކް ސޯ ގުޑް." ހެނދުނު ނާސްތާ ތައްޔާރުކުރާން ހުރި ފައިސަލްއަށް އަހަރެން ފެންނައިރަށް ވާހަކަދައްކަން ފެށީ ނިކަން ހިނިއައިސްފައި ހުރެ ލޯބިންނެވެ.
(ނުނިމޭ)