ޕީޕީއެމް

އިހްތިޖާޖު ކުރި މީހުންނަށް އަނިޔާކުރުމަކީ ފިނޑިއަމަލެއް: ޕީޕީއެމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވަމުންދާ މީހުން، ބާރުގެ ބޭނުންކޮށްގެން ހައްޔަރުކޮށް އަނިޔާކުރުމަކީ ޑިމޮކްރަސީގެ އަސާސްތަކާއި ހިލާފު ފިނޑި އަމަލެއް ކަމަށް އިދިކޮޅު ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އިން މިހެން ބުނެފައި މިވަނީ ކެމްޕޭން ދަތުރުފުޅެއްގައި ރައީސް ސޯލިހް މިއަދު ފުވައްމުލަކަށް ވަޑައިގަތުމުން ރައީސްއާ ދެކޮޅަށް އަޑުއުފުލި މީހުންގެ ތެރެއިން ތިން މީހަކު ހައްޔަރުކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއް ގައެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ފުވައްމުލަކު އުތުރު ދާއިރާގެ ރައީސް މުހައްމަދު ތޯރިގު އަހްމަދާއި، ޕީޕީއެމްގެ ދަޑިމަގު ސްޓިއަރިން ކޮމިޓީގެ ރައީސް މުހައްމަދު ޝަރަފުއްދީން ވެސް ހިމެނެ އެވެ.

ޕީޕީއެމް އިން ބުނާ ގޮތުގައި މި ތިން މީހުން ހައްޔަރުކުރީ ސުލްހަވެރި އިހްތިޖާޖެއްގެ ތެރެއިން ވަރަށް އަނިޔާވެރިކޮށެވެ.

"އަދި އެފަރާތްތަކުގެ ލޮލަށް އަމާޒުކޮށް ޕެޕަސްޕްރޭ ޖަހާ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވެ އެވެ. އެހެންކަމުން މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ ތިން މީހުން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.

ޕީޕީއެމް އިން ބުނީ އެއްވެސް ނުރައްކަލެއް ނެތް ހާލަތުގައި ރައްޔިތުން ފަހާ ވަލުތެރެއަށް ސިފައިންނާއި ފުލުހުން ވަދެ އަނިޔާކުރުމުގެ ސަބަބުން އެތައް ބަޔަކަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި އިހްތިޖާޖުގައި އަޑު އުފުލުމަށް ބޭނުންކުރި ޕިކަޕްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. ފުލުހުން މިކަހަލަ އަނިޔާވެރި ކަންތައްތަކެއް ކުރީ ރައްޔިތުންގެ ތާއީދު ނެތުމުން ސަރުކާރުގެ އޯޑަރަށް ކަމަށްވެސް ބުންޏެވެ.

"ރައީސް ސޯލިހު ވަޑައިގަންނަވާ ކޮންމެ ރަށަކަށް ފުލުހުންނާއި ސިފައިން ބަރު ހަތިޔާރާއެކު ފޮނުވާ މިވެރިކަމާއި ދެކޮޅަށް އަޑުއުފުލަމުންދާ ރައްޔިތުންނަށް ބިރުދައްކާ އަނިޔާކުރުން ހުއްޓާލުމަށްވެސް ގޮވާލަމެވެ،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.