އެސްޓީއޯ

ފުރަތަމަ ހަ މަހު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް 671 މިލިއަން ރުފިޔާ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން -- އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުން ސާފު ފައިދާގެ ގޮތުގައި 671 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެސްޓީއޯއިން އާންމުކުރި އެ ކުންފުނީގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުން އާމްދަނީގެ ގޮތުގައި ޖުމްލަ 8.2 ބިލިއަން ރުފިޔާ ލިބުނެވެ.

އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބުނުއިރު މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި ލިބުނު 4.4 ބިލިއަން ރުފިޔާއަށްވުރެ 14.8 ޕަސަންޓް ދަށް އަދަދެކެވެ.

އާމްދަނީ ދަށްވި ސަބަބެއްގެ ގޮތުގައި އެސްޓިއޯއިން ފާހަގަކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން އެ ކުންފުނިން ވިއްކާ ތެލުގެ އަގު ދަށްކުރުމާއެކު ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމެވެ.

އެސްޓީއޯގެ މާލީ ރިޕޯޓަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 368 މިލިއަން ރުފިޔާ އަދި ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 302 މިލިއަން ރުފިޔާ ލިބުނެވެ.

ޓެކްސަށް ކެނޑުމުގެ ކުރިން ދެވަނަ ކުއާޓަރުގެ ފައިދާއަކީ 372 މިލިއަން ރުފިޔާ އެވެ.