މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވުމަށް ޔާމީން އެދިފައެއް ނުވޭ: ކަރެކްޝަން

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަންމާފުޅުގެ -- ފާތިމަތު ހަސަންގެ ޖަނާޒާގައި ބައިވެރިވުމަށް ހުއްދައަށް އެދިވަޑައިގެން ހުށަހަޅުއްވާފައި ނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަންސް އިން މިހެން ބުނެފައި މިވަނީ ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވާ ކަމަށް އިދިކޮޅު ޕީޕީއެމް އިން ބުނުމާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ މަންމަ އުމުރުފުޅުން 86 އަހަރުފުޅުގައި މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވީ ސްރީލަންކާ ގައެވެ.

ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭގެ އިޝާ ނަމާދަށް ފަހު ލަންކާގެ ޖާވަތަ ޖުމްމަ މިސްކިތުގަ އެވެ.

ކަރެކްޝަންސް އިން ބުނީ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އަދި މިހާތަނަށް އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށެވެ.

"އެފަދަ ހުށަހެޅުމުން ލިބުމުން އެ އޮންނަ އުސޫލެއްގެ ތެރެއިން ރައީސް ޔާމީނަށް ވެސް ފުރުސަތު ލިބޭނެ،" ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވިއިރު އެމަނިކުފާނު ހުންނެވީ މިސަރުކާރުގެ އަނިޔާވެރިކަމުގައި ހައްގު ނޫން ޖަލު ހުކުމެއްގައި ކަމަށެވެ.

"ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމާ [ގުޅިގެން] އެމަނިކުފާނަށް އެމަނިކުފާނުގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިނުގަތުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމެކެވެ." ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.