ފިނިޕޭޖް

ކާންޔޭ ވެސްޓްގެ ޓްވިޓާ ސަސްޕެންޝަން އުވާލައިފި

ކޮންޓްރަވާޝަލް ރެޕާ އަދި ވިޔަފާރިވެރިޔާ ކާންޔޭ "ޔޭ" ވެސްޓްގެ ޓްވިޓާ އެކައުންޓް ސަސްޕެންޑްކޮށްފައިވާތާ އަށް މަސް ފަހުން ސަސްޕެންޝަން އުވާލައިފި އެވެ.

ކާންޔޭގެ ޓްވިޓާ އެކައުންޓް މިދިޔަ ޑިސެމްބަރު މަހު ސަސްޕެންޑް ކުރީ ކާންޔޭގެ ކުރީގެ އަނބިމީހާ ރިއަލިޓީ ޓީވީ ތަރި އަދި ވިޔަފާރިވެރިޔާ ކިމް ކާޑޭޝިއަންއަށާއި ޔަހޫދީންނަށް ފުރައްސާރުކުރާ ޒާތުގެ ޓްވީޓްތަކާއި ފޮޓޯ ޕޯސްޓްކުރުމުންނެވެ.

މީގެ ކުރިންވެސް ކާންޔޭ މީހުންނާ ޖައްސާލައިގެން އެކި ޒާތުގެ ޓްވީޓްތައް ކުރަމުން ދިއުމުގެ އިތުރުން، ޔަހޫދީންނާ ދެކޮޅު މެސެޖްތަކެއް ޕޯސްޓްކުރުމުން ޓްވިޓާ އާއި އިންސްތަގްރާމް އިން ސަސްޕެންޑްކޮށްފައިވެ އެވެ.

ކާންޔޭގެ ޓްވިޓާ އެކައުންޓް ރީއެކްޓިވޭޓް ކުރިފަހުން އަދި ކާންޔޭ ޕޯސްޓެއް ނުކުރެ އެވެ. މިހާރު އެންމެ ފަހު ޕޯސްޓެއްގެ ގޮތުން ފެންނަނީ ޑިސެމްބަރު އެކެއްގައި ކިމް، އޭނާއަށް ބޭވަފާތެރިވި ކަމަށް ތުހުމަތުކޮށްފައި ހުރި ޕޯސްޓެކެވެ.

ކާންޔޭގެ މިފަދަ އަމަލުތަކުން، އެޑިޑާސް އާއި ގެޕް އިން ވަނީ ކާންޔޭ އާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލާ ފައެވެ.