ރަޝިއާގެ ދިފާއީ ވަޒީރު ސަރުގޭ ޝޮއިގޫރު އުތުރު ކޮރެއާއަށް ޖުލައި 25 އިން 27 އަށް ރަސްމީ ދަތުރެއް ކުރެއްވި އެވެ. އޭނާގެ އަރިހުގައި ރަޝިއާގެ ދިފާއީ ސިޔާސަތު އެކުލަވާލުމުގައި އިސްކޮށް އުޅުއްވާ ވަފުދެއްވެސް އެ ގައުމަށް ގެންދެވި އެވެ.
ޝޮއިގޫރުގެ މި ދަތުރަކީ އުތުރު ކޮރެއާގެ ދިފާއީ ވުޒާރާއިގެ ޚާއްސަ ދައުވަތަށް ކުރެއްވި ދަތުރެކެވެ.
މި ދަތުރުގައި 1950 – 1953 އަށް ހިނގައިދިޔަ ކޮރެއާ ހަނގުރާ ނިމުން ފާހަގަކުރަން ބާއްވާ 70 ވަނަ އަހަރީ ހަފްލާގައިވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރަޝިއާއަށް އެނބުރި ވަޑައިގެން ޝޮއިގޫރު މިހާރު ވަނީ ކޮރެއާ ދަތުރާ ބެހޭ ގޮތުން ރައީސް ލަޑިމިއާ ޕޫޓިންއަށް ހުލާސާއެއް އަރުވާފަ އެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ދެއްކެވި ހުރިހާ ވާހަކަތަކެއް ސަރުކާރުގެ މަސްލަހަތު އޮންނަ ރަޝިއާގެ ތާސް ނޫހަކަށްވެސް ނޭނގެ އެވެ.
ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި އުތުރު ކޮރެއާއަށް ޝޮއިގޫރު ކުރެއްވީ ވަރަށް މުހިއްމު ދަތުރެކެވެ. އޭނާ އަދި ވިދާޅުވީ މި ފަދައިން ވަޒީރުން ގައުމުން ބޭރަށް ކުރައްވާ ކޮންމެ ދަތުރެއްގެ ޚުލާސާ ރައީސަށް އަރުވާ ކަމެވެ.
ޕޫޓިންއާ ޝޮއިގޫރާ ދެމެދު ދެކެވުނު ވާހަކަތަކާ ބެހޭ ގޮތުން އެއްޗެއް ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށްވެސް ޕެސްކޯފް ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ ޝޮއިގޫރު ދަތުރާ ބެހޭ ގޮތުން ދިފާއީ ވުޒާރާއިން ނެރޭ ރިޕޯޓްގައި އާންމުންނަށް ބޭނުންވާ މައުލޫމާތު ހުންނާނެ ކަމަށެވެ.
ވަޒީރުންގެ ދަތުރުތަކާ ބެހޭ ތަފުސީލު ރިޕޯޓް އާންމުކުރުމަކީ ރަޝިއާއިން ކުރާ ކަމެއް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
ރަޝިއާ އާއި އުތުރު ކޮރެއާ މިހާރު އެ އޮތީ ހުޅަނގުން އަޅާފައި ހުރި ދަތިކުރުން ތަކުގައި ތާށިވެފަ އެވެ. އިގުތިސާދީ ގޮތުން އަދި ދުނިޔެވީ ހުރިހާ މާނައެއްގައި މި ދެ ގައުމަށް އެމެރިކާ އާއި ބައިވެރިން ވަނީ ދަތިކޮށްފަ އެވެ.
މިހެން ކަން އޮތުމުން ރަޝިއާ ފަދަ ބާރުގަދަ ގައުމެއްގެ ދިފާއީ ވަޒީރު -- ހިފެހެއްޓުމެއް ނެތި ނިއުކްލިއާ ހަތިޔާރު އުފައްދާ ގައުމަކަށް ރަސްމީ ދަތުރެއް ކުރެއްވުން ވާނީ ހުޅަނގުން ކަންބޮޑުވާ ވަރުގެ ކަމަކަށެވެ.
ރަޝިއާ އާއި އުތުރު ކޮރެއާއާ ދެމެދު ހިނގައިދާ މަޝްވަރާތައް އެމެރިކާއާ ބައިވެރިން ވަރަށް ބޮޑަށް ޝައުގުވެރިވާނެ ކަމަށްވެސް ބެލެވެ އެވެ.
އުތުރު ކޮރެއާގައި އުފައްދާފައި ހުރި މިސައިލްތަކާއި އަދި އދ އިން އުފެއްދުން މަނާކޮށްފައި ހުރި -- ނިއުކްލިއާ އުފުލޭ ފެންވަރުގެ ބެލިސްޓިކް މިސައިލްތައް، ޝޮއިގޫރަށް ވަނީ ދައްކާލާފަ އެވެ.
ޝޮއިގޫރުގެ މި ދަތުރާ ދިމާކޮށް އުތުރު ކޮރެއާއިން ވަނީ ހަތިޔާރުތައް ދައްކާލުމަށް މައުރަޒެއް ބާއްވާފަ އެވެ. ޝޮއިގޫރަށް ހަތިޔާރުތައް ދައްކާލެއްވީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އެވެ.