އެމްޑީޕީއާއި ވާދަކޮށްލެވޭނެ ހަމައެކަނި ޕާޓީ އަކީ ޕީޕީއެމް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.
ށ. ނަރުދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީއާ ވާދަކޮށްލެވޭ ވަރުގެ ޕާޓީއަކަށް ރާއްޖޭގައި އޮތް ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށެވެ. ރައްޔިތުން ވޯޓުލާ ދުވަހު ވިސްނުންތެރިކަމާއެކު އެކަން ނުކޮށްފިނަމަ އަލުން އަނބުރާ ޕީޕީއެމްގެ ކުރީގެ ސަރުކާރުގެ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާން ޖެހިދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގެ ވޯޓަކީ، މި ފެށިފައި ހުރި މަސައްކަތް ތަކާއި އެކީ ކުރިއަށް ދާނީތޯ. ނޫނިއްޔާ އަނެއްކާވެސް އެނބުރި އަޅުގަނޑުމެން އެ ދުށް 2014 އިން 2018ގެ އެ ތާރީހުގެ ތެރެއަށް އަޅުގަނޑުމެން އެނބުރި ދާނީތޯ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ނަރުދޫ ކަހަލަ ކުދި ރަށްތަކަށް މާބޮޑު ކަމެއް ކޮށްދީފައި ނުވާ ކަމަށާއި ނަރުދޫ ފަދަ އެތައް ރަށެއް އޮތީ ބާކީކޮށްލާފައި ކަމަށެެވެ. ވެރިކަމުގެ މިދައުރުގައި ހުރިހާ ރަށެއްގައިހެން ފެނާއި ނަރުދަމާ ގާއިމުކުރަންޖެހުނީ ކުރީގެ ސަރުކާރުތަކުން އެކަން ކޮށްދީފައި ނުވާތީ ކަމަށްވެސް ވިދާޅުވި އެވެ.
"ވަކި ބަޔަކަށް އެކަނި ކަމެއް ކޮށްގެނެއް މުޅި ރާއްޖެއަކަށް ބަދަލެއް ނާންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަރުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވާ ކުންފުންޏަށް އެކަން ކުރެވިފައި ނުވާތީ އެ މަޝްރޫއު އަވަސްކުރުމަށްޓަކައި ކޮންޓްރެކްޓަރާ އެކު ހަދާފައިވާ އެއްބަސްވުން ްބާތިލުކޮށް އެހެން ބަޔަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށްވެސް ރައީސް އިއުލާންކުރެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުން ނުކޮށް ދޫކޮށްލި މަސައްކަތްތައް މި ސަރުކާރުގައި ކުރުމަށް އެންމެ ބޮޑަށް ހުރަސް އެޅި ލަސްތަކެއް ކުރިމަތިވީ ކޮވިޑް 19ގެ ސަބަބުން އިގްތިސާދަށް ދިމާވި ގެއްލުންތަކަކާ ގުޅިގެން ކަމަށެވެ. އެހެންނަމަވެސް ކޮވިޑަށް ފަހު ލިބުނު ތިން އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ނިންމާލެވިއްޖެ ކަމަށާއި ނިމި އަދި ގިނަ މަޝްރޫއުތަކެއް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ލަފާފުރުމުގެ ދަތި ކަމަކީ ރާއްޖޭގެ ކުދި ކުދި ރަށްތަކަށް ވަރަށް ބޮޑަށް ދަތިވެފައި އޮތް ކަމެއް ކަމަށެވެ. މިކަމަށް ހައްލެއް ގެނައުމަށް ކުރެވުނު މަސައްކަތްތަކުގެ ދަށުން 52 ރަށެއްގެ މަސައްކަތްތައް ނިމިފައިވާ ކަމަށާއި 42 ރަށެއްގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ 125 ރަށެއްގެ ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެންނަށް އެބަ ކުރެވޭ." ރައީސް ވިދާޅުވި އެވެ.
މީގެ އިތުރަށް ރާއްޖޭގެ 141 ރަށެއްގައި ފެނާ ނަރުދަމާގެ މަސައްކަތް ހިނގަމުންދާ ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.