ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް އޮންލައިންކޮށް ރީރަޖިސްޓްރީ ކުރުމަށް އިތުރު ދެ ދުވަސް އިލެކްޝަން ކޮމިޝަން (އީސީ) އިން ދީފި އެވެ.
ކުރިން އޮތް ގޮތުންނަމަ އޮންލައިންކޮށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އިއްޔެއަށް ހަމަވާނެ އެވެ. ނަމަވެސް ކޮމިޝަނުން މިހާރު ވަނީ މާދަމާގެ ނިޔަލަށް އޮންލައިންކޮށް ރީރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފަ އެވެ.
އީސީ އިން ކޮށްފައިވާ އިއުލާނެއްގައި ރާއްޖެއިން ބޯރުގައި ދިރިއުޅޭ މީހުންނާއި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ބޭނުންވާ މީހުންނަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މުއްދަތު މިހާރު ހަމަވާނީ މާދަމާގެ ނިޔަލަށް ކަމަށެވެ.
އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު އޮންލައިންކޮށް ރީރަޖިސްޓްރީ ވެފައިވަނީ ގާތްގަނޑަކަށް 12،000 މީހުންނެވެ. ނަމަވެސް މާލެ ސަރަހައްދުން އެކަނިވެސް 40،000 އާ ގާތްކުރާ އަދަދަކަށް މީހުން ރީރަޖިސްޓްރީވާން ޖެހޭ ކަމަށް ކޮމިޝަނުން ލަފާކޮށްފައިވެ އެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި 2018 ވަނަ އަހަރު 95،000 އަށް ވުރެ ގިނަ މީހުން ރީރަޖިސްޓްރީކޮށްފައިވެ އެވެ.
މާލޭގައި އެންމެ ފަހުން ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ މީހުން ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އަލުން ރީރަޖިސްޓަރީވާކަށް ނުޖެހެ އެވެ. އެކަމަކު، މާލެ ފިޔަވައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ މީހުން އަލުން ރީރަޖިސްޓަރީ ވާންޖެހެ އެވެ.
ރިޔާސީ އިންތިހާބް ދެވަނަ ބުރަކަށް ގޮސްފިނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.