އިންސާނީ ހައްގުތަކުގެ ނަމުގައި ދީނުގެ އަސާސްތަކުގެ ހިލާފް އަމަލުތައް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ (އޯއައިސީ)ގެ މެންބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ މެދުގައި ކުރިއަށް ގެންދިޔަ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ މިބައްދަލުވުމަށް އިސް ނެގީ ސައުދި އަރަބިއްޔާ އާއި އިރާގު އެވެ.
މިބައްދަލުވުން ބޭއްވީ މައިގަނޑު ދެ ސަބަބަކާ ގުޅިގެންނެވެ. އެއީ ސްވިޑަންއާއި ޑެންމާކްގައި ކީރިތީ ގުރުއާން އެންދުމާއި ގުޅިގެން އެކަން ކުށްވެރިކުރުމާއި. އަލްއަގްސާ މިސްކިތުގެ ތެރެއަށް އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު ވެންނެވުމާ ގުޅިގެން އެކަން ކުށްވެރިކުރުމެވެ.
މިބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ކީރިތި ގުރުއާން އެންދުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ކަންކަމުގެ ސަބަބުން މުޖުތަމައުތައް ބައިބައިވެ ހަރުކަށި ފިކުރު އިތުރަށް ފުޅާވެ ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމުގައި ވިދާޅުވި އެވެ. އެހެންވެ ގުރުއާން އަންދާ މީހުންނަށް ފިޔަވަޅު އަޅައި އަދަބު ދިނުމަށްވެސް ގޮވާލެއްވި އެވެ.
ފަލަސްތީނާއި އިޒުރޭލުގެ މައްސަލައިގައި މިނިސްޓަރު ޝާހިދު ވަނީ އަގްސާ މިސްކިތަށް އިޒުރޭލުގެ ވެރިން ވަދެވަޑައިގަންނަވާ މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފަ އެވެ. އެއީ ސުލްހަ ގާއިމުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ޝާހިދުގެ ވާހަކަފުޅުގައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ދިވެހި ސަރުކާރުން ސާބިތުވެ އޮންނާނެ ކަމުގެ ޔަގީންކަންްވެސް ދެއްވާފަ އެވެ. އަދި 1967 ވަނަ އަހަރު އިޒުރޭލުގެ ބޯޑަރު އޮތް ހިސާބަށް ފަހަތަށް ޖެހުމަށްވެސް އިޒުރޭލަށް ގޮވާލެއްވި އެވެ.