ވާހަކަ

ގަހަނާ ފޮށި

( 30 ޖުލައި 2023 އާ ގުޅޭ )

އަހަރެން ތިރިއަށް އައިއިރު ބަދިގޭގައި ފައިސަލް އުޅެއެވެ. އަށެއް ޖަހަންވާއިރަށް އަހަރެންގެ ޚަބަރެއް ނުވެއްޖެނަމަ އޭނާ ކޮޓަރިއަށް އަންނާނެކަން އަހަރެންނަށް އެނގެއެވެ. ފައިސަލް ފެންނައިރަށް އަހަރެންނަށް ހިނިތުންވެވެނީ އިޚްތިޔާރެއްނެތިއެވެ. ހިތުން ބަދަލުކޮށްލެވޭ އިޝާރާތެއް ފަދައިންނެވެ. ނަމަވެސް މިއަދު އަހަރެންނަށް އެ ހިނިތުންވުން ގެންނަން ބޮޑު ގޮންޖެހުމަކަށް ވިއެވެ. އެހެންޏާ ހިތް އަވަސްވަނީ ލޯބީގެ ފޮނިފޮނި ޖަޒުބާތުތައް ހިތާމޭގައި އުތުރިއަރަންފެށީމައެވެ. އެއާ ޚިލާފަށް މިފަހަރު އަހަރެންގެ ހިތްއަވަސްގެން އައީ ފައިސަލްދެކެ މޭޖެހިފައި ހުރިވަރުންނެވެ.

"ގުޑް މޯނިންގ... ރޭގައި ނުނިދުނީތަ؟. ޔޫ ޑޯންޓް ލުކް ސޯ ގުޑް." ހެނދުނު ނާސްތާ ތައްޔާރުކުރާން ހުރި ފައިސަލްއަށް އަހަރެން ފެންނައިރަށް ވާހަކަދައްކަން ފެށީ ނިކަން ހިނިއައިސްފައި ހުރެ ލޯބިންނެވެ.

"އިތޫމެންގެއަށް ގެންގޮސް ދެވިދާނެތަ؟." ގަދަ ކަމުން ހިނިތުން ވެލައިގެން ހުރެ އަހަރެން ބުނީމެވެ. ފައިސަލްއަށް ކަމެއް ޝައްކުވެދާނޭތީ އަހަރެން ބަދިގެއަށް ވަންނަން އައީ ހެދުންތައް އެޅި ދަބަސް ކޮޓަރީގައި ބަހައްޓާފައެވެ. ފައިސަލް އެ ދަބަސް ފެނިއްޖެނަމަ ސުވާލުކުރާނެކަން ވިސްނޭތީއެވެ. އިތޫމެން ގޭގައި އަހަރެން ހުންނާކަށް ފައިސަލް ހަޤީޤަތުގައި ބޭނުމެއްނުވެއެވެ. އޭނާގެ ހަޤީޤީ ބޭނުމަކީ ކޮބާކަން އަހަރެންނަށް ނަގައިގަންނަން އެނގުނީ އަދިކިރިޔާއެވެ. އޭނާ ބޭނުންވަނީ އެންމެންނާ އަހަރެން އެކަހެރިކުރާށެވެ. އޭރުން ޝިފާލީ ފަދައިން އަހަރެންނަށް ކަމެއް ވިޔަސް އެނގޭނޭ ބަޔަކު ނުތިބޭނެއެވެ. ފައިސަލްއާ މެދު އަހަރެންގެ ވިސްނުން މުޅިން ބަދަލުވެއްޖެއެވެ. އެއީ ނުރައްކާތެރި މީހެކެވެ. ޖެހިލުންވެފައި ހުރެ ވެސް އަހަރެން އައިސް ކާމޭޒު ދޮށުގައި އިށީނީމެވެ. ފައިސަލް އަހަރެންނަށް ކޮފީއެއް ހަދައިދޭން އަވަސްވެލިއެވެ.

"ކަމެއް އޮތީތަ؟." ފައިސަލް އަހާލިއެވެ.

"ވެޑިންގެ ކަންކަން. ނުގޮހެއް ނުހުރެވޭނެއެއްނު." އަހަރެން ބުނީމެވެ. ފައިސަލް އިތުރަށް ސުވާލެއް ނުކުރިއެވެ. އޭނާގެ ހަރަކާތްތަކަށް ބަލަން އަހަރެންނަށް އިނދެވުނީއެވެ. ފައިސަލްއަށް ބަލާލާފައި އޭނާގެ އެހާ އަނދިރި ފަރާތެއް އޮވެދާނޭ ބުނާކަށް އެކަކަށް ވެސް ނޭނގޭނެއެވެ. ކަމަކާ ޝައްކު ކުރާނޭ ފުރުޞަތެއް އޭނާ ނުދެއެވެ. އަންހެން ކުދީންގެ ހިތް އަތުލަން ފައިސަލް ކުޅަދާނައީއެވެ. އޭނާގެ ހުންނަ ސިއްރުވެރި ގޮތަކީ ވެސް އޭނާއާމެދު ޝައުގުވެރި ކުރުވާ ސިފައެކެވެ.

"އާނަ އޯކޭތަ؟. ލޯ ވެސް ހާދަ ރަތޭ... ކަމަކާ ދެރަވީތަ. ހީވަނީ ރޮއެފަ ހުރިހެން... ރޭގައި އަހަރެންނަށް ކުރެވުނު ކަންތަކުންތަ؟." ކޮފީޖޯޑު ގެނެސް އަހަރެން ކައިރީ މޭޒުމަތީ ބަހައްޓަމުން ފައިސަލް ވާހަކަދެއްކިއެވެ. އަހަރެން އިނީ ހުމާފިހިފިހިކަން ބުނާން ބޭނުންނުވީއެވެ. ހުމުގެ ސަބަބުން ދެ ލޮލުން އާވިއަރަނީއެވެ. ކަންބޮޑުވީ އަހަރެން ބަލިކަން އެނގުމުން އެ ބަހަނާގައި ފައިސަލް އަހަރެން ހިފަހައްޓާފާނެތީއެވެ.

"އެކަމަށް މަޢާފުކޮށްފީމޭ ބުނީމެންނު. އެހެންނޫނަސް އަހަރެން ރޯންޖެހޭވަރު ކަމެއް ފައިސަލް ނުކުރަމެންނު. ރަނގަޅަށް އަދިވެސް ހޭނުލެވެނީ... ކޮފީ ބޯލީމަ އޯކޭވާނެ." އަހަރެން ހިނިތުންވުމެއް ދެމުން ދެ ލޮލާއެކު މޫނުގައި ފިރުމާލީމެވެ.

ރޭ ވާރޭގައި ހިނގި ހާދިސާގެ މަންޒަރުތައް އަހަރެންގެ ހަނދާނަށް އަންނަން ފެށިއެވެ. އަހަރެންގެ މޫނުގައި ފައިސަލް ޖެހިލެއް ބާރުކަމާއި އަހަރެންގެ ކަރުގައި އޭނާ ދެ އަތުން ހިފާ ބާރު ކުރަމުން ދިޔަ މަންޒަރެވެ. އޭނާގެ ޢަމަލުތައް އެ ހިސާބަށް ދާންޖެހުނު ސަބަބެއް އޭރު ނޭނގުނަސް މިހާރު އެ ހަޤީޤަތް ހާމަވެއްޖެއެވެ. އަހަރެންގެ ހަރަކާތްތަކުން ޝިފާލީގެ މަތިން ފައިސަލްއަށް ހަނދާން ކުރަން މަޖުބޫރު ކުރުވީއެވެ. އަދި ރޭގައި އަހަރެން އުޅުނު ގޮތަކީ އަހަރެންގެ އަމިއްލަ އިޚްތިޔާރުގައި ހިނގައިދިޔަ ކަންކަމެއް ނޫނެވެ. އޭރު އަހަރެންގެ މައްޗަށް އެހެން ނުފޫޒެއް ވަނީ ގަދަވެފައެވެ. މޫނުމަތީގައި ހުރި ދުޅަކަށް އެހާ ފަސޭހައިން ތިރިވީ ފައިސަލް ރޭގައި އައިސް އަޅައިދިނީމައެވެ.

"އަހަރެން ހުރީ ބްރެކްފަސްޓް ހިފައިގެން ރޫމަށް ދާން. އެހާ އަވަހަށް ހޭލައިގެން އަންނާނޭ ކަމަކަށް ހިޔެއްނުކުރަން." ފައިސަލް ބުންޏެވެ.

"އިތޫ އަންނާށޭ ބުނެފަ އޮތީމަ ނިދާކަށް ނޯވެވޭނެއެއްނު. ސައިބޯލައިގެން ދާނަމޭ ބުނިން." އަހަރެން ދޮގު ހެދީމެވެ. ފައިސަލްއާ ދެކޮޅަށް އަހަރެންނަށް ލިބިފައި އޮތް ހަމައެކަނި ބަހަނާއަކީ އިތޫއެވެ. ފައިސަލްއަށް ވެސް އޮތް އެންމެ ބޮޑު ހުރަހަކަށް ވާނީ އިތުމީނާއާ އޭނާގެ ޢާއިލާކަން ޔަގީނެވެ.

ދެ މީހުން އެކީ ސައިބޯން ތިބިއިރު ފައިސަލް ދެއްކީ އަހަރެން ގޮވައިގެން ކައިރީގައި އޮތް ފަޅު ރަށް ދައްކާލަން ގަސްދުކުރާ ވާހަކައެވެ. އެތަނުގައި ރޭކޮށްފައި އެނބުރި އަންނާނީ ކަމުގައި އޭނާ ބުންޏެވެ. އަހަރެން ދެކޮޅެއް ނުހަދަމެވެ. އެކަމަކު އޭނާއާއެކީ އެއްވެސް ތާކަށް އެކަނި ދާން ކެރޭނެ ހެއްޔެވެ. ނޭނގުމެއްގައި ވެސް ފައިސަލް ސަމާލުކަމަށް އަތުވެދާނޭ އެއްޗެއް ބުނެވިދާނެތީ އަހަރެން އިނީ ވިސްނައިގެންނެވެ.

"އަހަރެން ތަށިތައް ނަގާނަން. ފައިސަލް ދާންވީނު ރެޑީވެލަން." ސައިބޮއެ ނިމުމުން އަހަރެން ބުނީމެވެ.

"އާނަ އެކަން ކުރާނެކަމެއްނެތް. ކޮންރެޑީއެއް... މި ހުރި ގޮތް އޯކޭއެއްނު." ފައިސަލް ބުންޏެވެ. އަހަރެން ފައިސަލްއަށް ބަލާލީމެވެ. އޭނާ ލައިގެން ހުރީ ދެ އަރިމަތިން ބޮޑެތި ޖީބުތަކެއް ހުރި ގަދަ ޗޮކުލެޓުކުލައިގެ ސޯޓަކާއެކީ ފަނޑު އޮރެންޖު ކުލައަކަށްދާ އަތްކުރު ޖާޒީފޮތީގެ ޓީޝާޓެކެވެ.

"އެހެންވީރު ދަމާ." އަހަރެން ބުނީމެވެ. އަހަރެން ވަނީ އޭނާއާ ދުރަށް ދެވޭނޭ އިރަކަށް ކެތްތެރިކަން ކުޑަވެފައެވެ.

"ހާދަ އަވަހަށް ދާންވެގެން ތިއުޅެނީ." މޭޒުމަތީ ހުރި ތަށިތައް ގެންގޮސް ސިންކަށް ލާފައި އެނބުރިލި ގޮތަށް ފައިސަލް ބުންޏެވެ.

"މި ވެޑިންގެ ކަންތައް ނުނިމެނީސް އަހަރެން ނޭވާލިޔަ އިތޫ ނުދޭނެ." އަހަރެން ބުނީމެވެ.

ގެސްޓްހައުސް ދޮރާ ހަމައަށް އަހަރެމެން ނުކުތީމެވެ. ކާރުގެ ތަޅުދަނޑި ހިފައިގެން އެބައަންނަން ކަމުގައި ބުނެ ފައިސަލް ހިނގައިގަތީ އޭނާ ދިރިއުޅޭ ކުޑަގެއާ ދިމާއަށެވެ. އޭނާ ފުރަގަސް ދިނުމުން އަހަރެން ފޯނު ނަގައި އިތޫއަށް މެސެޖުކޮށްލީމެވެ. އެގެއަށް އެބަދަންކަމާއި ދޮރޯށި ކައިރިޔަށް ނުކުމެ ހުރެދިނުމަށް އަހަރެން މެސެޖުގައި ލިޔުނީމެވެ. ޖަވާބެއްގެ ގޮތުން އޯކޭއަކާއެކު ހެވިފައިވާ މޫނެއް އިތޫ ފޮނުވިއެވެ. ދަބަހަށް ފޯނު ލީ ވަގުތު ހޫދު ދިން ފޯނު ފެނި އެ ފޯނު ނެގީމެވެ. ޗާޖުނެތިގެން ނިވިފައިކަން އޮތީ އެނގުނުކަން ނަސީބެކެވެ. ފައިސަލް އެނބުރި އައުމުގެ ކުރީން އަހަރެން ގެސްޓްހައުސްއަށް ވަނީމެވެ. ދުވެފައި ސިޑިން އަރައިގެން ކޮޓަރިއަށް އައިސް ދެ ފޯނުގެ ޗާޖަރު ހެދުން ދަބަހަށް ލައިގެން ނުކުތީމެވެ. އަހަރެން އެނބުރި ދޮރުމައްޗަށް ނުކުތްއިރު ފައިސަލް ވެސް ދޮރާ އަރާ ހަމަވަނީއެވެ.

"ތީ ކޮންދަބަހެއް؟." އަހަރެންގެ ހިތުގައި އޮތް ހެން ފައިސަލްއަށް ދަބަސް ފެންނައިރަށް ސުވާލުކޮށްފިއެވެ.

"އިތޫ ބުނެގެން." އަހަރެން ބުނީމެވެ.

ކާރުގައި އަހަރެން ގޮވައިގެން އިތުމީނާމެން ގެއަށް އަންނަން ފައިސަލް ނައްޓާލިއެވެ. ރޭގަނޑު ދިމާވާނޭކަމަށް ފައިސަލް އިނީ އުންމީދުކޮށްގެންކަން އޭނާގެ ވާހަކައިން ދޭހަވެއެވެ. ރޭގައިވީ ކަންތަކާމެދު އަދިވެސް އޭނާ ދެރަވާކަން ބުންޏެވެ. ރޭގައި އަހަރެން ކައިރީ މަޑުކުރާން ފައިސަލް ބޭނުންވިކަމާ އެކަމަކު އަހަރެން އޭނާ ފޮނުވާލީތީ ދެރަވިކަމަށް ވެސް ބުންޏެވެ.

"ނަށާ އަންހެންކުދީން ފައިސަލްއަށް ކަމުނުދާކަން މިހާރު އެނގިއްޖެ. ދެން އެކަހަލަ ކަމެއްނުވާނެ... ފައިސަލް ދެރަކުރާކަށްނޫން ފޮނުވާލީ. ފައިސަލް ވިސްނާލީމަ އެނގޭނެ ކޮންމެ ރެއަކު ދެ މީހުން އެކީގައި ނިދުން ރަނގަޅު ކަމަކަށް ނުވާނެކަން. މިހާރު ވެސް އަހަރެމެންގެ ދެމެދުގައި ހިނގައިގެން ނުވާނެ ކިތަންމެ ކަމެއްވަނީ ހިނގައިފައި. ނީނދެ ތިބެ ދެމަފިރިންހެންނޫންތަ މިއުޅެވެނީ." އަހަރެން ބުނީމެވެ.

"އަހަންނަށް ޓްރަސްޓް ނުކުރެވެނީތަ؟." ފައިސަލް އަހާލިއެވެ.

"ޓްރަސްޓް ކުރަން. މިދައްކަނީ ޓްރަސްޓާ ގުޅިފައި އޮތްކަމެއްގެ ވާހަކައެއްނޫން." އަހަރެން މިހެން ބުނުމުން ފައިސަލް ބޯޖަހާލިއެވެ.

"އަހަރެންނަށް ގެޓުވޭ އާނަގެ ޕޮއިންޓް... އެކަމަކު އެހާ ދުރުނުވައްޗޭ." ފައިސަލް ބުންޏެވެ.

"ދުރުވާން ބޭނުންވިޔަސް އެކަމެއްނުވާނެ. މިހާރު މީ ފައިސަލްގެ ހައްޤެއް." މާނަވީ ބެލުމަކާއެކު އަހަރެން ބުނީމެވެ. ފައިސަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

އިތޫމެން ގޭ މަގަށް ކާރު އެޅުމާއެކު އޭނާ އަހަރެން އެދުނު ފަދައިން ދޮރޯށި ކައިރިޔަށް ނުކުމެ ހުއްޓާ ފެނުނެވެ. ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް އިތޫ ފެނިފައި ވެސް އަހަރެންގެ ހިތަށް ލިބިއްޖެއެވެ. އިތޫ ފެނުމާއެކު ފައިސަލް ހިމޭންވެއްޖެއެވެ. އޭނާ އެހާ ގަޔާނުވިކަން މޫނުމައްޗަށް ވެރިވި ސީރިއަސްކަން ބުނެދިނެވެ. މިފަހަރު އެކަމާ އަހަރެން އުފާކުރީމެވެ. އެ ގޭ ދޮރޯށްޓާ ކުޑަތަންކޮޅެއް ދުރަށް ފައިސަލް ކާރު މަޑުކުރިއެވެ. އަހަރެން އަވަހަށް ދޮރު ހުޅުވާލީމެވެ.

"ޓެންތާޓީގަ އަންނާނަން." އަހަރެން ކާރުން ފައިބަފައިބާ ހުއްޓާ ފައިސަލް ބުންޏެވެ. އަހަރެން ހޫން ލައްވާލާފައި ދަނީކަމުގައި ބުނެލީމެވެ. ފައިސަލް ބަލަން އިނީތީ އޭނާއާ ހިނިތުންވުމެއް ބަދަލުކޮށްލާފައި ކާރުގެ ދޮރު ލައްޕާލީމެވެ. ދެން ފަސްއެނބުރި ބެލުމެއްނެތި އިތޫ ކައިރިޔަށް އައީއެވެ.

"ވިއްސާރަކަމުން ނާންނާނޭ ހީކުރީ." އަހަރެން ފެންނައިރަށް އިތޫ ބުންޏެވެ. އަހަރެން ވާހަކައެއް ދެއްކުމުގެ ބަދަލުގައި ބެލީ އަވަހަށް އިތޫއާއެކީ އެ ގެއަށް ވަދެވޭތޯއެވެ.

"އާނަ... ހުންއައިސްފަތަ." ގޭތެރެއަށް ވަންނަމުން އަހަރެންގެ އަތުގައި ހިފާލި ހިނދު އަހަރެންގެ ހަށިގަނޑުގެ ހޫނުކަން އިޙްސާސް ކުރެވި އިތޫ ވަގުތުން ސަމާލުކަމަށް އައެވެ. އެކުވެރިޔާއަށް ބަލާލާފައި އަހަރެން މަޑުމަޑުން ބޯޖަހާލީމެވެ.

"ދެ ދުވަސްވަންދެން މިކޮޅުގައި މަޑުކޮށްލަން މިއައީ. އޯކޭތަ." އަހަރެން ބުނީމެވެ. އަހަރެންގެ މޫނުން ފެންނަ ވަރުބަލިކަން އިތޫ ނަގައިގަތެވެ. އޭނާ އަހަރެންގެ ނިތްކުރިއާއި ކަރުދޮށުގައި އަތްލިއެވެ.

"މީހާ ފިހެނީނު ތިހުރެގެން. ބޭސް ކައިފިންތަ؟. އަނެއްކާ އެއްޗެއް ކައިފިންތަ؟." ކަންބޮޑުވުމާއެކު އިތޫ ބުންޏެވެ.

"ބޭސް ކައިފިން. ސައި ވެސް ބޮއެގެން މިއައީ. އިރުކޮޅަކުން ހުން މަޑުވެދާނެ." އަހަރެން އައިސް ސޯފާގައި އިށީނީމެވެ. މިހުރިހާއިރު އަހަރެން ނެރެމުން އައި ހިތްވަރު ނެތިގެން ދިޔަފަދައެވެ. ވަރުބަލިކަން ހަށިގަނޑަށް އިޙްސާސް ކުރެވިގެންދިޔައީ ނުހަނު ބޮޑަށެވެ. ހަށިފުރާ ފުން ނޭވާއެއް އަހަރެން ދޫކޮށްލީމެވެ. ފައިސަލްއާ ދުރަށް އާދެވުނުތީއެވެ. އެކަމަކު މިއީ އަދި މިނިވަންވުމެއްނޫންކަން އަހަރެންނަށް އެނގެއެވެ.

"ހިނގާ އޮށޯވެލަން." ކައިރީގައި އިށީނދެ އަހަރެންގެ ވައަތު މުލައްދަނޑީގައި ހިފާލަމުން އިތޫ ބުންޏެވެ. އޭނާގެ ބަސް ޤަބޫލުކޮށް އިތޫގެ ކޮޓަރިއަށް އަހަރެމެން އައީމެވެ. އަހަރެން ހެދުން ދަބަހާއި ކޮނޑުގައި އަޅުވާފައި އޮތް އަތްދަބަސް އިތޫ އަތުލިއެވެ.

ލޯ މަރާލައިގެން އަހަރެން އެނދުގައި އޮތީމެވެ. އަހަރެން ހަމަޖެހިލުމުން އިތޫ އެބައަންނަމޭ ކިޔާފައި ނުކުތެވެ. އޭނާ އެނބުރި އައީ ކުރުނބާ ފެންތަށްޓެއް ހިފައިގެންނެވެ.

"އާނަ އެކަނި ނުހުރެ އައިކަން ރަނގަޅު. މި ބޯލާ... ގައިގަ ވަރުޖެހިލާނެ. ނިދާލާފައި ތެދުވަނިކޮށް އިރާދަކުރެއްވިއްޔާ ލުއިވެދާނެ." އޯގާތެރިކަމާއެކު އިތޫ ބުންޏެވެ.

ކުރުނބާ ފެންފޮދު ބޯލައިގެން އަހަރެން ނިދާލެވޭތޯ އޮތީމެވެ. ދެ ލޯ މަރާލައިގެން އެތައް އިރަކު އޮވެވުނެވެ. ފައިސަލްގެ ޚިޔާލުތަކާ ދުރަށް ނުދެވިފައެވެ. ނަމަވެސް ކަމެއްކުރާނޭ ހިތްވަރެއް މިވަގުތު އަހަރެންގެ ނެތެވެ. ޚިޔާލުތަކުގައި އޮއްވާ އަހަރެންނަށް އެންމެފަހުން ނިދުނީއެވެ. ހޭލެވުނީ މެންދުރުވީ ފަހުންނެވެ. އިތޫ އަހަރެންނަށް ގޮވީމައެވެ. ނަސީބަކުން ކުރިޔަށްވުރެ ހުން ވެސް މަޑުވެލައިފިކަން އިޙްސާސް ކުރެވުނެވެ. ނަމަވެސް މުޅިން ހުން ފިލައި ނުދެއެވެ. އެއްޗެއް ކާލައިގެން އޮންނަން އިތޫ ބުނުމުން އޭގެ ކުރީން އަހަރެން ބޭނުންވީ ފެންވަރާލާށެވެ. ހަށިގަނޑު ފިނިކޮށްލަން ގަސްދުކޮށެވެ. ފެންވަރައިގެން ނުކުމެ އިތޫއާއެކީ ގޮސް ކައިގެން އެނބުރި ކޮޓަރިއަށް އައިމެވެ. އަހަރެން ހުމާ ހުރިކަން އެނގުނީއްސުރެ އެގޭ އެންމެން ކަންބޮޑުވުން ފާޅުކުރިއެވެ. އެ ފުރުޞަތުގައި ސީރަތު އަނެއްކާވެސް ކިޔަންފެށީ އެނބުރި ގެސްޓްހައުސްއަށް ނުގޮސް ފުރަންވަންދެން އެ ގޭގައި މަޑުކުރާށެވެ. އޭނާ ވެސް އަހަރެމެންނާއެކީ ކޮޓަރިއަށް އައިސް ވަނެވެ. އަހަރެން ވެސް މިހާރު ބޭނުމީ ސީރަތު އެދޭހެން އެ ގޭގައި މަޑުކުރާށެވެ. ނަމަވެސް އެ މީހުން ކައިރީ އެހެން ބުނެވޭކަށް ނެތެވެ. އަހަރެން މިހުރީ ވަރަށް ނުރައްކާތެރި އަނދަވަޅެއްގެ ތުންފަތްމަތީކަން ހާމަކުރެވެން ނެތީއެވެ.

"އިތޫ އެ ދަބަސްތެރޭ އޮންނާނެ ޗާޖަރު. މި ފޯނު ޗާޖަށް ޖަހާލަ ދީބާ." އޮށޯތުމުގެ ކުރީން އަތްދަބަހުން ހޫދު ދިން ފޯނު ނަގައި އިތޫއަށް ދިއްކޮށްލީމެވެ. އޭނާ އެ ފޯނު ޗާޖަށް ޖަހައިދޭން އުޅުނެވެ.

"ހޫދުގެ ކޮޓަރިއަށް ބަދަލުވާންވީނު. މިހާރު އޭނާ ވެސް ހުރީއެއްނޫން." ސީރަތު ބުންޏެވެ.

"އާނާ ބޭނުންވާތަނެއްގައި ބަހައްޓަބަލަ." އިތޫ ބުނެލިއެވެ.

"ދޮންބެދައްތަ ތިހާވަރަށް ތިކިޔަނީ ކީއްވެކަން އެނގޭ. އެ ގެސްޓްހައުސްއިން ކުއްޖަކު ގެއްލުނީމައެއްނު... ދޯ." އަހަރެން ބުނީމެވެ. ސީރަތުގެ މޫނުން ނުތަނަވަސްކަން ފާޅުވިއެވެ.

"އެއްވެސް މީހަކު ހަމަހުރެފައި ގެއްލޭތަ. އެކުއްޖާ އަދި އަދަށްވެސް ނުފެނޭ. ވީގޮތެއް އެނގޭ މީހަކުވެސް މިރަށުގައިނެތް." ސީރަތު ބުންޏެވެ.

"ދޮންބެދައްތަ ދުށީންތަ އެކުއްޖާ." އަހަރެން އަހާލީމެވެ. އެމީހުންނަށް އެނގިފައި އޮތް މިންވަރެއް އޮޅުންފިލަން އަހަރެން ބޭނުންވީއެވެ.

"ނުއެއްދެކެން. ބޮޑު ޢީދުގެ ކުޅިވަރުތަކަށް މި ރަށަށް އައި ގުރޫޕުތަކުން ކުއްޖެއްކަން އެނގެނީ. ޝޯބަލަން ވެސް ދިޔައީން. އެހެންވީމަ ފެނިފަ ހުންނާނީ. އެކަމަކު ހަނދާނަކަށް ނާދޭ... އެ އަންހެންކުއްޖާ އެނގޭ މީހުން އުޅޭ. ކިޔާ ނިކަން ރީތިކޮށް ހުންނަ ކުއްޖެކޯ... މި ރަށުން ފުރަން އޮތް ދުވަހުކަމަށްވަނީ ގެއްލުނީ." ސީރަތު ބުންޏެވެ.

"އާނަ ކައިރީ ކާކުބުނީ؟. ފަޒީލުތައް." އިތޫ ސުވާލުކުރިއެވެ.

"އަހަރެންވެސް އަޑުއެހީ... މި ރަށުން ކުރީން ވެސް އެގޮތަށް އަންހެންކުއްޖަކު ގެއްލުނުތަ؟." އިތޫއަށް ޖަވާބުދީފައި އަހަރެންގެ ސުވާލު ސީރަތަށް އަމާޒުކޮށްލީމެވެ.

(ނުނިމޭ)