ރިޔާސީ އިންތިހާބު 2023

ރައީސްގެ ވިސްނުމަކީ ތެލުގެ ހަރަދު ކުޑަކޮށް ރިޒާވް އިތުރުކުރުން

ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ދެނެގަނެވުނު ވެރިކަމެއް މީގެ ކުރިއަކު ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ށ. ފޭދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ފެނާ ނަރުދަމާގެ ނިޒާމު އެއް ފަހަރާ 141 ރަށުގައި ހިންގަން ޖެހުމާއި އިންޖީނުގެތައް ބަދަލުކޮށް ކަރަންޓު ކޭބަލް 151 ރަށެއްގައި އަޅަން ޖެހުނީ ކުރީގެ ސަރުކާރުތަކުން މި ކަންތައް ކޮށްފައި ނުވާތީ ކަމަށެވެ. އަދި މި ސަރުކާރުން 125 ރަށެއްގެ ބަނދަރު މަރާމާތްކޮށް އަލަށް ބަނދަރު ހަދަމުންދާ ކަމުގައި ވިދާޅުވި އެވެ.

"މީ އަސާސީ ހިދުމަތް. މިކަން ދެނެގަތް ވެރިކަމެއް މީގެ ކުރިއަކު ނެތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިންޖީނުގެތައް އަޅަމުން ދަނީ ކުރިއަށް އޮތް 50 އަހަރަށް އަމާޒު ކޮށްގެން ކަމަށާއި ދެން ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓަށް މާބޮޑު އިންވެސްޓްމަންޓެއް ކުރަން ނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ދައުރުގައި ބައްތިރީސް މެގަ ވަޓަށް ވުރެ އިތުރަށް ސޯލާ އެނާޖީ ފޯރުކޮށްދެވިއްޖެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އަމާޒަކީ 2028 ވަނަ އަހަރު އަންނަ އިރު ދައުލަތުން ކަރަންޓުގެ ހިދުމަތް ދިނުމަށް ތެޔޮ އެތެރެކުރުމަށް ހަރަދުކުރާ 800 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދެބައިކުޅަ އެއް ބަޔަށް ކުޑަކުރުން ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ފޮރިން ރިޒާވް އިތުރުވެ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރު ކޮށްދިނުމުގައި ފައިސާ ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކަރަންޓަށް ބިލް ދައްކަން ޖެހޭ މިންވަރު ކުޑަވެ ޖީބަށް ފައިސާ އިތުރު ވާނެ ކަމަށް ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ބިމު އަޑިއަށް ވަޅުލަންޖެހޭ އެއްޗެހި ވަޅުލާ ނިންމާފައި ދެން އަރާނީ ބިމުން މައްޗަށް. ފެނާ ނަރުދަމާ ނިމެނީ. ކަރަންޓު ނިމެނީ. އިންޓަނެޓު ކޭބަލް އެޅެނީ. އެއަށް ފަހުގައި ދެން މަސައްކަތް ފަށާނީ ހުރިހާ ރަށެއްގައި މަގުތައް ހެދުމަށް،" ރައީސް ވިދާޅުވި އެވެ.

ރަށްތަކުގައި އޭޓީއެމްތައް ބަހައްޓައިދިނުމަށް ރަށްރަށުން ހުށަހަޅަމުންދާތީ އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ބީއެމްއެލްގެ ޕްލޭނުގައި އޮތީ ކުރިއަށް އޮތް ފަސް އަހަރު ދުވަހު ތެރޭގައި އޭޓީއެމްތައް މުޅިން ނައްތާލައި ޑިޖިޓަލް ޓެކްނޮލޮޖީއެއް ބޭނުންކުރުމަށް ކަމަށެވެ. އެކަމަކު އެގޮތަށް ކަންކަން ހަމަޖެހެންދެންވެސް ރަށްރަށަށް އޭޓީއެމްގެ ހިދުމަތް ލިބެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރުގެ ބަޖެޓުން 80 އާއި 90 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ބީއެމްއެލް އަށް ދީގެން 500 އަށް ވުރެ އާބާދީ ގިނަ ރަށްތަކުގައި އޭޓީއެމްގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި ވާދަކުރާނެ ކެންޑިޑޭޓުން ކެމްޕޭން ކުރާ މަންޒަރު އަދިވެސް ފެންނަމުން ނުދާ ކަމަށެވެ. އިދިކޮޅު ފަރާތްތަކަށް އަމާޒުކުރައްވާ ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބެއްގައި ވާދަކޮށް ރާއްޖޭގެ ވެރިކަމަށް އަންނަން ބޭނުންވާ ބަޔަކު ނަމަ ރާއްޖޭގެ ރައްޔިތުންގެ ގާތަށް އަންނަންޖެހޭނެ ކަމަށެވެ.

"ގޭގައި ކޮޓަރީގައި ތިބެގެންނެއް އެކަމެއް ނުވާނެ. އަޅުގަނޑު ގޮވާލަނީ އަޅުގަނޑުމެންގެ ވާދަވެރިންނަށްވެސް ނުތިއްބަވާ ނިކުމެވަޑައިން ކެމްޕޭން ކުރައްވާށޭ. ތިހެން ތިބެ ހަދާ މެނިފެސްޓޯ އަކުން ފައިދާއެއް ނުކުރާނެ." ރައީސް ވިދާޅުވި އެވެ.