ފާރިސް މައުމޫން

އިންތިހާބުގައި ވާދަކުރަން ފާރިސް ސޮއި ހަމަކުރައްވައިފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް -- އެމްއާރްއެމްގެ ރިޔާސީ ޓިކެޓް ކަށަވަރުކޮށްފައިވާ އެ ޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ސޮއި ހަމަކުރައްވައިފި އެވެ.

ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން 1،500 މީހުންގެ ސޮއި ހޯދަން ޖެހެނީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނެވެ.

ފާރިސް ސޮއި ހޯއްދެވީ އޭނާ ނިސްބަތްވާ ޕާޓީ -- އެމްއާރްއެމްގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ނެތް ކަމަށް ބުނެ އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ އެކަމުގެ ތެރެއިން ދިމާވެދާނެ ގާނޫނީ މައްސަލައެއްގައި އޭނާގެ ކެންޑިޑެސީ ތާށިވިޔަ ނުދިނުމަށެވެ.

އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލުކުރުން ސިވިލް ކޯޓުން ވަނީ ހުއްޓުވާފަ އެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް މިހާތަނަށް ސޮއި ހޯދާފައިވަނީ ފާރިސްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.

އެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީއަށް މިދިޔަ ހަފްތާގައި ހުޅުވާލުމުން މުއްދަތު ހަމަވިއިރު ފޯމު ހުށަހެޅުއްވީ ހަމައެކަނި ފާރިސް އެވެ.