އިލެކްޝަންސް ކޮމިޝަން

ހަތަރު ގައުމެއްގައި ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެއްޖެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓޭނެކަން މިހާތަނަށް ކަށަވަރުވެފައިވަނީ ހަތަރު ގައުމެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އިންޑިއާގެ ޓްރިވެންޑްރަމާއި މެލޭޝިއާ އާއި އިނގިރޭސިވިލާތް އަދި ސްރީލަންކާގައި ވޯޓުލުމަށް ބޭނުންވާ އަދަދަށް މީހުން ރީ-ރަޖިސްޓާވެފައިވާ ކަމަށެވެ.

ސިންގަޕޫރާއި ތައިލޭންޑާއި އަބޫދާބީ އަދި ޖަޕާނުގައި ވޯޓުފޮށި ބެހެއްޓޭ ވަރަށް ވޯޓުލާ މީހުން އަދި ރަޖިސްޓްރީނުވާ ކަމަށް ހަބީބު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓުލާ މީހުންގެ ރީ-ރަޖިސްޓްރޭޝަން ފޯމު ބަލައިގަންނަނީ އެ ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުންނެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.