ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަތްކަން ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ކެންޑިޑެސީ ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަން ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ވަކީލް އަދި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު ހާމަކުރެއްވީ ފަތިހު 5:15 ހާއިރު ކުރެއްވި ޓްވީޓެއްގަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ފޯމު ހުށަހެޅުއްވީ އިއްޔެ ހެނދުނު އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުއާ ފޯމު ހަވާލުކޮށްދެއްވީ ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓް މުހައްމަދު ތޮލާލް އެވެ.

ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމަށްފަހު އިއްޔެ މެންދުރުފަހު އެ ނިންމުން ވަނީ ޕީޕީއެމްއަށް އަންގާފަ އެވެ. ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނާ ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ޔާމީންގެ ކިބައިގައި މިވަގުތު ނެތުމުންނެވެ.