ރިޔާސީ އިންތިހާބު 2023

2018ގެ ވައުދުތައް މިދައުރުގައި ނިންމާނަން: ރައީސް

މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ވީ ވައުދުތައް މި ދައުރު ނިމޭއިރު ނިންމާލެވޭނެ ކަމަށާއި ނުވަތަ ނުފެށި ހުރި ހުރިހާ މަސައްކަތެއް ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހއ. މުރައިދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި އެންމެންނަށްވެސް ހަމަހަމަ ކަމާއެކު އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނު ވީ ވައުދުތައް މި ދައުރު ނިމޭއިރު ނިމެނޭ ކަމަށާއި ނުވަތަ ހުރިހާ މަސައްކަތެއްވެސް ފަށައިގަނެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އޮތީ އެންމެ މަގުސަދެއް -- ގައުމު ތަރައްގީ ކުރުމަށް މަސައްކަތް ކުރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ކަންތައްތަކެއް ހުރި ކަމުގައިވިޔަސް އެއަށް ވުރެ ބޮޑަށް ރައްޔިތުންނަށް ހިދުމަތްކުރުމަށް އެމަނިކުފާނު އިސްކަން ދެއްވާ ކަމަށެވެ. އަދި ސިޔާސީ ހިޔާލު ތަފާތުވުންތައް އެކަހެރިކޮށް ރިޔާސީ އިންތިހާބުގައި މި ފަހަރު އެ މަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގަތެވެ.

"ތިބޭފުޅުން ތިޔަ ހޮއްވަވަނީ ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ. ވޭތުވެދިޔަ ތަނުގައި ވެރިއަކު ފަސް އަހަރަށް ހޮވީމައި އަދި އޭގެ ކުރީ ފަހަރު ހޮވީމަވެސް ވީގޮތް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވައުދުތަކާ އެއްގޮތަށް ސުލްހަވެރިކަމާއި ހަމަޖެހުމާއި އެކު ރާއްޖެ ކުރިއަށް ގެންދެވޭނީ ކޮން ގޮތަކަށްތޯ ރައްޔިތުން ވިސްނަވަން

ޖެހޭނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކަށް މި ވޭތުވެދިޔަ ފަސް އަހަރުވީ ސިޔާސީ ހަލަބޮލިވުންތަކުގެ ތެރެއަށް ނުގޮސް އެ ކަންތައް އެކަހެރިކޮށް، ވައުދުތައް ފުއްދުމުގައި ދެމިތިބުން ކަމަށެވެ.

"ފާޑު ކިޔާ. އެ ހައްދުން ނައްޓައިންވެސް ދޭ. އެހެންނަމަވެސް އަޅުގަނޑުމެން އަޅައެއް ނުލަން އެކަމާ. އެއަށް ވުރެ މުހިއްމު ކަމެއް އޮތް. އެއީ ތިޔަ ބޭފުޅުން އަޅުގަނޑުމެންނާ ހަވާލުކުރި މަސައްކަތްތައް ނިންމުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމަށް ހަމަޖެހުން ގެނެސްގެން ވައުދުތައް ފުއްދަން އުޅުމުން ވައުދުތަކުގެ 90 ޕަސަންޓް މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ. އަދި މި ދައުރު ނިމޭ އިރު ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ސާފު ބޯފެން ނުލިބި ހުންނަން ނުޖެހޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"ދެންވެސް މިތާ ހުރެ ވައުދެއް ވެއްޖެއްޔާ އަޅުގަނޑުމެން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެކަން ކޮށް ނިންމާނަން،" ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ 148 ރަށުގައި ފެނާ ނަރުދަމާ އެޅުމާއި 150 ރަށުގައި އިންޖީނުގެ އެޅުމާއި 125 ރަށުގެ ބަނދަރުގެ މަސައްކަތް ކުރުން މިއީ އެއްފަހަރާ މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ކަމަށެވެ. އޭގެފަހުގައި ރައީސް އެދިވަޑައިގަތީ ރައީސަކު ހޮވާއިރު ގައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް ވިސްނުމަށްފަހު ވޯޓު ދެއްވުމަށެވެ.

ރައީސް ސޯލިހު މުރައިދޫ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ މުރައިދޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށްވާ -- މަގުތަކުގެ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށެވެ. އަދި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.

"ތަޖުރިބާގެ އަލީގައި މިރަށް ބަދަލުވެގެން މިދަނީ ރަށަށް ބޭނުންވާ އެތައް ކަމެއް ފުނި ޖެހިފައި ހުއްޓާ ފަހަރަކު ކަމެއް މިހާރު ކޮށްދެމުންދާތީ،" މުރައިދޫގައި އެމްޑީޕީއަށް ތާއީދު އިތުރުވާތީ އެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.