ގާސިމް އިބްރާހިމް

ގާސިމުގެ އެދިވަޑައިގަތުމަކަށް ޖޭޕީގެ ކުއްލި ބައްދަލުވުމެއް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ އެދިވަޑައިގަތުމަކަށް އެ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

މިބައްދަލުވުން މިއަދު މެންދުރުފަހު 3:00 ގައި ބޭއްވުމަށް ހަމަޖައްސާފައިވަނީ ޖޭޕީގެ މައި އޮފީސް -- މ. ކުނޫޒު ގައެވެ.

ޖޭޕީގެ ކައުންސިލް މެންބަރުންނަށް ލިބުނު މެސެޖުގައި އޮތީ ބައްދަލުވުން ބާއްވަނީ ގާސިމް "ބައެއް ވާހަކަތައް ކައުންސިލާ ހިއްސާކުރަން،" ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މިއަހަރުގެ ޖޫން މަހުގެ ނުވަވަނަ ދުވަހު ޖޭޕީން ވަނީ ގާސިމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފަ އެވެ. ނަމަވެސް އަދި މިހާތަނަށް ގާސިމް ކެމްޕޭނަށް ނިކުމެވަޑައިގެންފައެއް ނުވެ އެވެ.

ޖޭޕީން މާލެ އާއި އަތޮޅު ތެރޭގައި ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތްތަކަށް ވެސް ގާސިމް އާންމުކޮށް ފޮނުއްވަނީ ވީޑިއޯ މެސެޖުތަކެކެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ގާސިމްގެ ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް ޖޭޕީން މިހާރު ވަނީ ފަށާފަ އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީން ރިޔާސީ އިންތިހާބަކަށް ވަކިން ނިކުތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ހެދުމަށް އެމަނިކުފާނު ދައުވަތު ދެއްވާފައި ވަނިކޮށެވެ.