ޖުމްހޫރީ ޕާޓީ

ގާސިމްގެ ކެމްޕޭން އެޖެންޓަކަށް އަލީ ވަހީދު

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމްގެ ކެމްޕޭން އެޖެންޓަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަމަޖައްސަވައިފި އެވެ.

އަލީ ވަހީދް ވަނީ އިއްޔެގެ ވަގުތެއްގައި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރެއްގެ ގޮތުގައިވެސް ހަމަޖައްސަވާފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ 16 މުވައްޒަފަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުލަތުން އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާ އުފުލި އެވެ. ނަމަވެސް އަލީ ވަހީދާ ދެކޮޅަށް ތަހުގީގަށް ބަޔާން ދިން މީހުންނާއި އޭނާއާ ދެކޮޅަށް ހެކިބަސް ދޭން ތިބި މީހުން އެ މައްސަލަތައް ކުރިއަށް ގެންދަން ބޭނުން ނުވާތީ ދައުލަތުން ވަނީ މިދިޔަ ޖޫން މަހުގެ ހަވަނަ ދުވަހު ދައުވާ އަނބުރާ ގެންގޮސްފަ އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިންތިހާބަށް ކުރިމަތިލައްވާ ކޮންމެ ކެންޑިޑޭޓަކު އެ ބޭފުޅެއް އިންތިހާބަށް ކުރިމަތިލުމުގެ ކުރިން ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަންޖެހެ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ. އަންނަ މަހުގެ ހަތެއްވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00އާ ހަމައަށް އެ ފުރުސަތު އޮންނާނެ އެވެ.

ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު 604 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެ އެވެ. ދެވަނަ ބުރެއްގައި ވޯޓުލާން ޖެހިއްޖެނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.