ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

އާދަމް ޝަރީފާއި މުއިއްޒުވެސް ތިއްބެވީ ޓިކެޓް ލިބޭނެ ކަމުގެ ޔަގީންކަމުގައި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީ އިން ވާދަކުރުމަށް ނިންމާ އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމާ އެކު ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރެއްވި ދެ ބޭފުޅުން ކަމަށްވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ކެންޑިޑެސީ ކާމިޔާބުކުރެވޭނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ޓިކެޓް ހޯދުމަށް ކުރިމަތިލުމަށްފަހު މުއިއްޒު ވިދާޅުވީ އޭނާ އަކީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް އަދި ޕާޓީއަށް ވަފާތެރި މެންބަރެއް ކަމަށް ޕީޕީއެމް އަދި ޕީއެންސީގެ ހުރިހާ މެންބަރުން ވެސް ގަބޫލުކުރައްވާނެ ކަމަށެވެ. އަދި އޭނާގެ ވިސްނުމާއި ފިކުރު ހުންނާނީ ތަރައްގީއާ ދިމާލަށް ކަމަށް އެންމެންވެސް ގަބޫލުކުރާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތުގައި މާޒީގައި މަސައްކަތް ކުރެއްވި ގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައިވެސް އޭނާ އެ މަސައްކަތުގައި ސާބިތުވެ ހުންނާނެ ކަމަށެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓް ހޯދުމުގެ މަސައްކަތް ފެއްޓެވި ނަމަވެސް އަދިވެސް އުއްމީދަކީ ރައީސް ޔާމީން މިނިވަންވެވަޑައިގެން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުން ކަމުގައިވެސް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ އޭނާ ޕީއެންސީގެ ޓިކެޓް ހޯދުމަށް މަސައްކަތް ކުރައްވާނީ ޕީޕީއެމް އާއި ޕީއެންސީގެ އެއްބައިވަންތަކަން ނުގެއްލޭ ގޮތަށް ކަމަށެވެ.

ޕީއެންސީ އިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް "ބެކަޕް" ކެންޑިޑޭޓެއް ނެރުމަށް ރައީސް ޔާމީން އެންގެވީ ޕީޕީއެމް އާއި ޕީއެންސީގެ ޑިމޮކްރެޓިކް ހަރުދަނާ އުސޫލުގެ ތެރެއިން އަދި ހިކުމަތްތެރި ވިސްނުމެއްގެ ތެރެއިން ކަމުގައިވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ޕީއެންސީގެ ރިޔާސީ ޓިކެޓް ކޮންމެ ބޭފުޅަކަށް ލިބިވަޑައިގެންނެވި ނަމަވެސް ރައީސް ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތުގައި އޭނާ ސާބިތުވެ ދެމިހުންްނަވާނެ ކަމަށެވެ.

މުއިއްޒު ވެސް އާދަމް ޝަރީފް ވެސް ވަނީ ޕީއެންސީގެ ޓިކެޓް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި ނާކާމިޔާބުވާ ބޭފުޅަކު ކާމިޔާބުވާ ބޭފުޅަކާ އެކު ހުންނަވާނެ ކަމުގައި ދެ ބޭފުޅުންވެސް ވިދާޅުވި އެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބޭ ބޭފުޅެއް އެނގޭނީ މިއަދު ހަވީރު ބާއްވާ ސެނެޓް ބައްދަލުވުމަށްފަހު އެވެ.