އިލެކްޝަންސް ކޮމިޝަން

ރީ-ރަޖިސްޓްރީވުމަށް 29،951 ފޯމު ހުށަހަޅައިފި

ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލުމަށް ބޭނުންވާ މީހުން ރީ-ރަޖިސްޓްރީވުމަށް ހުޅުވާލުމުން 29،951 އެއްހާ ފޯމު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.

އޮންލައިންކޮށް ރީ-ރެޖިސްޓްރީ ވުމަށް ހުޅުވާލި މުއްދަތު ރޭ މެންދަމު 12:00 ޖެހުމާއި ހަމައަށް ހަމަވިއިރު އިލެކްޝަނަށް ޖުމްލަ 22،056 އޮންލައިން ފޯމު ލިބިފައިވެ އެވެ. މީގެ ތެރެއިން އިލެކްޝަނުން ރަޖިސްޓްރީ ކޮށްދީފައިވަނީ 17،453 ފޯމެވެ. އެކި ސަބަބުތަކާ ހުރެ 4603 ފޯމެއް ވަނީ ބަލައިނުގަތުމަށް ނިންމާފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރީރަޖިސްޓްރީވަމުންދާ ގޮތުގެ ތަފާސްހިސާބުތައް އިލެކްޝަންސް ކޮމިޝަނުން ހާމަކުރަމުންދާއިރު މިއަދުގެ ނިޔަލަށް ރީރަޖިސްޓްރީވުމަށް އޮންލައިންކޮށް އަދި ކަރުދާސް ފޯމު ހުށަަހަޅައިގެން ޖުމްލަ 29،951 ފޯމު ލިބިފައިވެ އެވެ. މީގެތެރެއިން 24،370 މީހެއްގެ ފޯމު ރީރަޖިސްޓްރީ ކޮށްދީފައިވާއިރު 55،44 މީހެއްގެ ފޯމު ބަލައިގެންފައެއް ނުވެ އެވެ

ރީރަޖިސްޓްރީ ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހެޅި 1318 ފޯމުގެ ތެރެއިން 1142 ފޯމު ރަޖިސްޓާކޮށްދީފައިވެ އެވެ. ބާކީ 176 ފޯމު ބަލައިގެންފައެއް ނުވެ އެވެ. ޖަލު ތަކުގައި ތިބި 959 ގައިދީއަކު ވެސް ވަނީ ރީރަޖިސްޓްރީ ކޮށްފަ އެވެ.

ބަލައިނުގަތް ފޯމުތަކުގެ ތެރޭގައި ހިމެނެނީ އައިޑީކާޑުގެ މުއްދަތު ހަމަވެފައިވަ ފޯމުތަކާއި، މާލެއަށް ނިމިދިޔަ އިންތިހާބުގައިވެސް ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ހުށަހެޅި ފޯމުތަކެވެ. އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވިނަމަވެސް އަންނަ ހޮނިހިރު ދުވަހާއި ހަމައަށް ކަރުދާސް ފޯމުތައް މެދުވެރިކޮށް ރީ-ރަޖިސްޓްރީވުމަށް ހުށަހެޅޭނެ އެވެ.

ރީ-ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ މައުލޫމާތު އިލެކްސަންސް ކޮމިސަންގެ ވެބްސައިޓުގައި ހާމަކޮށްފައިވެ އެވެ. ރީ-ރަޖިސްޓްރޭޝަން މަރުހަލާގެ ކަންކަން ވީހާވެސް އަވަހަށް ފުރިހަމަކުރުމަށްޓަކައި އެންމެ ފަހު ވަގުތަށް ނުތިބެ އެކަންކަން ފުރިހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރިޔާސީ އިންތިހާބުގައި އަށް ގައުމެއްގައި ނުވަ ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރި ނަމަވެސް ފޮށްޓެއް ބެހެއްޓޭ ވަރަށް މިހާތަނަށް ރީރަޖިސްޓްރީ ކޮށްފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމާއި މެލޭޝިއާ އާއި އިނގިރޭސިވިލާތް އަދި ސްރީލަންކާގައި އެކަނި ކަމަށްވެސް ކޮމިޝަނުން ބުނެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ ކުރިއަށް އޮތް ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ