ފިނިޕޭޖް

ޓޭލާ ސްވިފްޓްގެ ކްރޫއަށް ބޮޑު ބޯނަސްއެއް ދީފި

ލަވަ ކިޔުންތެރިޔާ ޓޭލާ ސްވިފްޓް، 33،ގެ ކުރިއަށްދާ އީރާސް ޓުއާގެ ކްރޫއަށް ބޮޑު ބޯނަސްއެއް ދީފި އެވެ.

ޕީޕަލް ޑޮޓް ކޮމް އިން ބުނި ގޮތުގައި ޓޭލާގެ ޝޯތަކުގައި މަސައްކަތްކުރާ ހުރިހާ ކްރޫ (ނެށުންތެރިންނާއި ރިގްކުރާ މީހުންނާއި ސައުންޑް ޓެކްނިޝަނުންނާއި ކޭޓަރިންއާއި އެހީތެރިވާ ހުރިހާ އެންމެންނަށް) އަށް ދިން ދީލަތި ބޯނަސްގެ ޖުމްލަ 55 މިލިއަން ޑަލަރަށް ވުރެ ބޮޑުވާނެ އެވެ.

ޓީއެމްޒީ އިން ކުރިން ރިޕޯޓްކުރި ގޮތުގައި ޓޭލާގެ ޝޯ ބޭއްވުމަށް ސެންޓާ ކްލާރާއަށް ދިއުމުގެ ކުރިން ޓުއާގައި މަސައްކަތްކުރާ ޓްރަކް ދުއްވާ މީހުންނަށް އެއް ލައްކަ ޑޮލަރު ހަދިޔާކޮށްފައިވެ އެވެ.

މިއީ ޓޭލާ އަލަށް ކުރާކަމެއް ނޫނެވެ. އޭނާއަކީ އެކުގައި މަސައްކަތްކުރާ ކްރޫއަށް ބޮޑެތި ހަދިޔާ ދިނުމުގެ އިތުރުން އެކި ކަންކަމަށް ބޮޑެތި ފައިސާގެ އެހީވެސް ދޭ ތަރިއެކެވެ. އެގޮތުން އޭނާގެ ޝޯ ބާއްވާ ބައެއް ސިޓީތަކުގެ މަގުމަތި ވެފައިވާ ފަގީރުންނަށް ކާންދޭ ފުޑް ބެންކްތަކަށް ފައިސާގެ އެހީވެސް ކުރިން ދީފައިވެ އެވެ.

މީގެ އިތުރުން ވޭތުވެ ދިޔަ އަހަރުތަކުގައިވެސް ޓޭލާ ގިނަ ފަރާތްތަކަކަށާއި ޖަމިއްޔާތަކަށް ދީލަތި އެހީވެފައިވެ އެވެ.

މިދިޔަ މާޗް މަހު އެރިޒޯނާގެ ގްލެންޑޭލް އިން ފެށި އިރާސް ޓުއާ ކާމިޔާބުކަމާއެކު ކުރިއަށްދާއިރު، ގިނަ ޝޯތަކުގެ ޓިކެޓްތައް ދަނީ ހުސްވަމުންނެވެ. އަދި މި ޝޯތަކަށް ގިނަ އަދަދެއްގެ ސެލެބްރިޓީންވެސް ގޮސް، ސޯޝަލް މީޑިއާގައި ފޮޓޯތައް ހިއްސާކޮށްފައިވެ އެވެ. އަދި ލެޓިން އެމެރިކާގެ ޝޯތައް ކުރިއަށް އޮތްއިރު، އީރާސް ޓުއާގެ ޔޫރަޕް، އޭޝިއާ އަދި އޮސްޓްރޭލިއާ ޝޯތައް 2024 ގައި ފަށާނެ ކަމަށްވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

ޓޭލާ އަށް ވަނީ މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ވަނީ 97 މިލިއަން ޑޮލަރު ލިބިފަ އެވެ. އަދި އީރާސް ޓުއާއިން ޓޭލާއަށް މިއަހަރާއި އަންނަ އަހަރު ލިބޭ އަދަދު އެއަށްވުރެ މާބޮޑަށްވެސް އިތުރު ވާނެކަމަށް ލަފާކުރެވެ އެވެ.