ވާހަކަ

ގަހަނާ ފޮށި

(1 އޯގަސްޓް 2023 އާ ގުޅޭ )

"ނުއެއްދެކެން. ބޮޑު ޢީދުގެ ކުޅިވަރުތަކަށް މި ރަށަށް އައި ގުރޫޕުތަކުން ކުއްޖެއްކަން އެނގެނީ. ޝޯބަލަން ވެސް ދިޔައީން. އެހެންވީމަ ފެނިފަ ހުންނާނީ. އެކަމަކު ހަނދާނަކަށް ނާދޭ... އެ އަންހެންކުއްޖާ އެނގޭ މީހުން އުޅޭ. ކިޔާ ނިކަން ރީތިކޮށް ހުންނަ ކުއްޖެކޯ... މި ރަށުން ފުރަން އޮތް ދުވަހުކަމަށްވަނީ ގެއްލުނީ." ސީރަތު ބުންޏެވެ.

"އާނަ ކައިރީ ކާކުބުނީ؟. ފަޒީލުތައް." އިތޫ ސުވާލުކުރިއެވެ.

"އަހަރެންވެސް އަޑުއެހީ... މި ރަށުން ކުރީން ވެސް އެގޮތަށް އަންހެންކުއްޖަކު ގެއްލުނުތަ؟." އިތޫއަށް ޖަވާބުދީފައި އަހަރެންގެ ސުވާލު ސީރަތަށް އަމާޒުކޮށްލީމެވެ.

ޝިފާލީ ދެއްކި މަންޒަރުތައް އަހަރެންގެ ސިކުނޑީގައި ބިންވަޅުނެގިފައި ވެއެވެ. ކޮންމެ މަންޒަރެއް ހަނދާންނެތޭ ވަރަށްވުރެ ބިރުވެރިއެވެ. ޝިފާލީއަކީ ފައިސަލްގެ އަތްދަށުވީ ފުރަތަމަ އަންހެންކުއްޖާނޫންކަން އޭނާގެ ސިއްރު ކޮޓަރީގައި ހުރި އަލަމާރި ތެރެއިން ފެނުނު މޫނުމަތިން އެނގެއެވެ. އެ އަންހެންކުއްޖަކީ ކާކުކަން ޝިފާލީގެ ސިފަ ޖެހިގެން ހުރެ އަހަރެންނާ ވާހަކަދައްކާ މަހުލޫގަށް އެނގޭބާއެވެ. އެކަމަކު އޭނާއާ ބެހޭ އެއްވެސް އެއްޗެއް ކިޔާނުދިނީ އެ އަންހެންކުއްޖާގެ ހަޤީޤަތް ހާމަކުރުން މުހިންމު ނުވީބާއެވެ. ސީރަތާ ސުވާލުކުރަން ޖެހުނީ އެހެންވެއެވެ. އެ އަންހެންކުއްޖާއަކީ ޝިފާލީ ފަދައިން އެ ރަށުން ގެއްލުނު ކުއްޖެއްތޯ ޔަގީންކުރާށެވެ.

"ވީނުވީއެއް ނޭނގި މީހަކު ގެއްލުނީ އަލަށް. އެކަމަކު އަހަރެމެން ކުޑައިރު މި ރަށުގައި މީހަކު މަރާލި. އަންހެނެއް ކަމަށްވަނީ. ވަރަށް އަނިޔާވެރިކޮށޭ ކިޔާ އޭނާ މަރާލާފައި އޮތީ. އާނަ ތި ހުންނަ ގެސްޓްހައުސް ހިންގާ ޢާއިލާއާ އެކަމުގައި ވެސް ގުޅުމެއްވޭ. އެގޭ ފިރިހެންމީހާ ކުރިކަމަކަށްވަނީ. އެ މައްސަލައިގައި އޭނާ ހުންނަނީ އުމުރަށް ޖަލަށްލާފައި. ސީމާ އެނގެއެއްނު. އޭނާގެ މާމަ ދުނިޔޭގައި އަހަރެމެން ގުރޫޕު ހަދާފައި ތިބެން ވާހަކަ އަޑުއަހަން. ރަށުގައި ހިނގާފައި ހުރި ކަންތައްތަކުގެ ވާހަކަތައް ކިޔައިދެމުން ގޮސް އެ ވާހަކަ ވެސް އަހަރެމެންނަށް ކިޔާދިން. އެގޭ މާމަ ދުށްކަމަށް ވަނީ ވަލުތެރޭން އެ އަންހެން މީހާ ނެރުނުއިރު. މަރާލަން ބޭނުންކުރި ވަޅި ވެސް ހަށިގަނޑާއެކީ ވަޅުލާފައޯ އޮތީ. ކަރު ބުރިކޮށްލާފައި އޮތްއިރު މެއިން ފެށިގެން ބަނޑާ ހަމައަށް ފަޅާލައި ގޮހޮރާ އެއްޗެހި ވެސް އޮތީ ނުކުމެފައޯ. އެ ފިރިހެން މީހާ ދިރިއުޅޭ ގެޔާ ދިމާގައި އޮންނަ ވާގަނޑު ތެރޭ ވަޅުލާފައި އޮއްވަޔޯ ފުލުހުންނަށް ފެނުނީ. މަރުވި އަންހެން މީހާގެ ހުންނަނީ މަންމައެއް އެކަނި. އެ މަންމައަކީ ސިކުނޑި ހަމަނުޖެހޭ މީހެއްކަމަށްވަނީ. އެ ހާދިސާއަށްފަހު އެ މީހާ ވެސް މާގިނަ ދުވަހަކު ދުނިޔޭގައި ނުހުރި. އެދުވަސްވަރު އޭނާ ރަށުތެރޭ ގޮވިކަމަށްވަނީ އެ ފިރިހެން މީހާ އޭނާގެ ދަރިފުޅާ އިނދެގެންނޭ އުޅެނީ. އެއީ ތެދެއްކަމެއް ދޮގެއްކަމެއް މާމަ ނުބުނޭ އެކަމަކު މާމަ ބުނާ ގޮތުން އެ އަންހެންމީހާއާއި އެ ފިރިހެންމީހާއާ ދެމެދުގައި ގުޅުމެއް އޮތްކަމަށްވަނީ." ސީރަތުގެ ވާހަކަތަކުން އަހަރެންނަށް ހިންދިރުވާލެވުނެވެ.

"އެހެންވީރު އެ ގުޅުން ސިއްރުކުރަންތަ އޭނާ މަރާލީ." އަހަރެންގެ ހިތަށް އެވަގުތު އެރި ސުވާލު ދުލުން ބޭރުކޮށްލީމެވެ.

"އެއީ މީހަކު މަރާލަން ޖެހޭވަރު ކަމެއްތަ؟." އިތޫ ބުންޏެވެ.

"ކިހިނެއް އެނގެނީ. އެކަހަލަ މީހުންގެ ސިކުނޑު އެހެން މީހުންގެ ވިސްނާ ގޮތާ އެއްގޮތެއް ނުވާނެ. އެހެންނޫންނަމަ ރަޙުމު ހިތަށް ވަނީސް... މީހެއް ފުރާނަވިއްޔަ އެ ދުއްވާލީ. ގައިމު އެ މީހާ މަރަށް ވެސް ތެޅޭނެއެއްނު. ނުބައިވެގެން ގޮސް ޝައިތާނާއަށް ވެސް ބައެއް އިންސާނުން ދޫނުކުރޭ." ސީރަތު ބުންޏެވެ.

"ކޮންނަމެއް ކިޔާ މީހެއްކަން އެނގޭތަ އެ އަންހެން މީހާއަކީ." އަހަރެން އެހީމެވެ.

"ދެންހެޔޮ... އިތުރަށް އެވާހަކަދައްކާނެކަމެއްނެތް. ކޮންވާހަކައެއްތަ ކުއްލިއަކަށް އާނަ ތިފެށީ. ދޮންބެދައްތަ ވެސް އާނަ ކުރާހާ ސުވާލަކަށް އެބަޖަވާބުދެޔޭ." އިތޫ ތަންކޮޅެއް ހަރުކަށި ރާގެއްގައި ބުންޏެވެ.

"މިހެން އަނގަތަޅަން އިނދެވޭކަށް ނެތޭ. ބައްޕަގެ އެއްޗެހި އިސްތިރި ކުރަންވެފައި ހުރީ." ސީރަތު ބުންޏެވެ.

އަހަރެމެން ކައިރިން އެނދުން ސީރަތު ފައިބައިގެން ގޮސް ކޮޓަރިން ނުކުތެވެ. އިތޫ ފެށީ ކައިވެނީގެ ވާހަކައެވެ. ދަޢުވަތު ކާޑު ފައިނަލް ކުރަން ހަވީރު ޒަފަރު އަންނާނޭކަން އޭނާ ބުންޏެވެ. އަހަރެން ބަލި ނޫންނަމަ އިތޫ ދޮންތަމެންގެއަށް ވެސް ދާން އޭނާ ހުރީ ބޭނުންވެފައެވެ. ފަހަން ދިން ހެދުން ހެޔޮވަރު ކުރަން އަންނަން ބުނެފައި އޮތީމައެވެ.

"އޭތް... މިވަރަށް ވާހަކަދައްކާއިރު ކީއްވެފަ ތިއޮންނަނީ. ހުންގަދަވަނީތަ؟." އަހަރެންގެ ފަރާތުން އިޝާރާތެއް ނުވެގެން އިތޫ ބުންޏެވެ. އަދި އަހަރެންގެ ނިތްކުރީގައި އޭނާ އަތްޖައްސާލިއެވެ.

"އަދި ބޭސްކާ ގަޑިއެއް ނުޖެހޭ. ހުން މަޑުވެލީމާ ދެން އެއްވެސް ކަމެއް ކުރެވޭނީ. ވާރެއާ މާގިނައިން ތެމެވުނީމަ މިހެން މިވީ... ކަޑައެއްނު ދޯ." އިތޫއަށް ބަލާލަމުން އަހަރެން ބުނީމެވެ. އެއާއެކު އިތޫގެ ތުންފަތަށް ދެމިލައިފިއެވެ.

"ދެމީހުން ވަރަށް ސަކަރާތް ޖަހައިފިން ދޯ. ފައިސަލް ކިހިނެއް؟. ވަރަށް ރޮމޭންޓިކް މީހެއްތަ؟. އަހަރެން ކައިރިޔަށް ނާދެވުނީ ފައިސަލް އަޔަނުދިނީތަ." ހިނިތުންވެލައިގެން އިނދެ އިތޫ ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި ލާނެތްކަމެއް އެކުލެވިފައި ވިއެވެ.

"ވިއްސާރަކަމުން ކަންނެތްވީ." އަހަރެން ގަސްދުގައި ކުރު ޖަވާބެއް ދިނީއެވެ. އިތޫ ކައިރީ އަހަރެންނާއި ފައިސަލްއާ ދެމެދުގައި އޮތް ގުޅުމުގެ ވާހަކަ ބުނެވުނުކަން އެއީ އަހަރެންނަށް ކުރެވުނު ރަނގަޅުކަމެކެވެ. އަހަރެންނަށް ކަމެއްވިޔަސް ފައިސަލްއާ މެދު ޝައްކުކުރާނޭ ފުރުޞަތު އޭރުން އޮންނާނެއެވެ.

އަހަރެން އެކަނި ފައިސަލްއާ ކުރިމައްޗެއް ނުލެވޭނެކަން އެނގެއެވެ. ހަމައެއާއެކު އިންސާފުގެ ކުރިމައްޗަށް ފައިސަލް ގެންނަން ބޭނުންވެފައި ހުރި މަހުލޫގު ވެސް އަހަރެންގެ ބޭނުން ހިފަން ގަސްދުކުރީ އޭނާގެ އަމިއްލަ އެދުން ހާސިލުކުރާށެވެ. އަހަރެން ޤަބޫލުނުވެއްޖެނަމަ ގަދަބާރުން ވެސް އޭނާ ބޭނުންވާ ކަންތައް ކުރާން ހުރީ ނިންމައިގެންނެވެ. މިކަން ނިމޭއިރު އަހަރެންނަށް ވާނޭ ގޮތެއް ނޭނގެއެވެ. އަހަރެންނަށް އެއްބާރުލުން ދޭނެ އަހަރެންފަދަ އިންސާނަކު ހުންނަން ބޭނުމެވެ. އަހަރެން އެތައް ގޮތަކަށް ވިސްނީމެވެ. ކޮންމެ ފަހަރަކު ސިކުނޑިއަށް އަންނަނީ ހޫދުގެ ނަމެވެ. އިތޫމެން ގެއަށް އައިއިރު ހޫދު ދިން ފޯނު ހިފައިގެން އައީ ވެސް އެހެންވެއެވެ. އިތޫއާއި އޭނާގެ ޢާއިލާގެ ދެންތިބި މެންބަރުންނަށް އެނގިއްޖެނަމަ ވަގުތުން ފައިސަލްއާ ދެކޮޅަށް އެ މީހުން ތެދުވާނެކަން އަހަރެންނަށް އެނގެއެވެ. އޭރުން އެ ޖިންނި ބޭނުންވާގޮތަށް ކަންތައްނުވެ މިކަން ނިމިއްޖެނަމަ އަހަރެންނަށް އެކަމުން އުނދަގޫތަކެއް ފޯރަފާނެތީ ބިރުގަނެއެވެ. އެކަމަކު ހޫދަށް މި ހުރިހާ ވާހަކައެއް ކިޔާދޭނީ ކިހިނެއް ކަމެއް ނޭނގެއެވެ. އޭނާ އަހަރެން އެދޭ ގޮތަށް އެއްބާރުލުން ދޭނެކަމެއް ބުނާކަށް ނޭނގެއެވެ.

"ހޫދު." އަތަށް ފޯނު ލައިގެން އިރުކޮޅަކު އިނުމަށްފަހު އަހަރެން މެސެޖު ފޮނުވާލީމެވެ. އިރުއޮއްސެން ކައިރިވެފައި ހުރުމުން މިގަޑީގައި ހޫދު ބިޒީއެއް ނުވާނޭ ހިތަށް އެރިއެވެ.

ހޫދުގެ ފަރާތުން ރައްދެއް ނައެވެ. މިވީ ދުވަސްތަކުގައި އަހަރެންނަށް ނުބެލި ހުރި މެސެޖުތައް ފުނިޖެހިފައި ހުރުމުން އެ މެސެޖުތައް ބަލަންފެށީމެވެ. އަހަރެން މެސެޖުތައް ނުބަލާކަން އެނގި އެކަމުގެ ޝަކުވާ ހޫދުކޮށްފައި ހުއްޓެވެ. އަހަރެންގެ ސަމާލުކަން ދެވުނު ކަމަކަށް ފައިސަލްއާ ގުޅުވައި ހޫދު ފޮނުވާފައި އޮތް މެސެޖުވިއެވެ. ފައިސަލްއާ ގުޅުމަށްވުރެ އޭނާއާ އަހަރެން ގުޅުނުނަމަ ރަނގަޅުވީހޭ ހޫދު ބުނެފައި އޮތެވެ. ހޫދު އަހަރެންދެކެ ލޯބިވާކަން ކޮށްފައި ހުންނަ މެސެޖުތަކުން ދޭހަވެއެވެ. އެކަމަކު އަދިވެސް އަހަރެންނަށް ނަގައިގަންނަން އުނދަގުލީ އޭނާ އަހަރެންދެކެ ލޯބިވާންޖެހޭ ސަބަބެވެ. ހައިރާންވަނީ އަހަރެންގެ ހިތުގައި ފައިސަލްއަށް ޓަކައި އެހާ ފަސޭހައިން ޖަޒުބާތުތަކެއް އުފެދުނު އިރު ހޫދު އެހާ ލޯބިވާކަން ހާމަކުރާއިރު ވެސް އެކަމުން އަސަރެއް އަހަރެންގެ ހިތަށް ނުކުރާތީއެވެ. އެކަމަކު އޭނާއަށް އިތުބާރު ކުރެވިދާނޭ ބުނަނީ ވެސް ހަމަ އަހަރެންގެ ހިތެވެ.

ރޭގަނޑު ކައިގެން އަހަރެން އައިސް އިތޫގެ ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލީމެވެ. ޒަފަރާއެކު އެގެއަށް އިތޫވީ ގޮހެވެ. އިރުކޮޅަކު އޮތުމަށްފަހު ހޫދު ދިން ފޯނު ނެގީމެވެ. އޭނާ މެސެޖުކޮށްފައި އޮތުމުން އަހަރެން ތެދުވެ އިށީނީމެވެ. މެސެޖު އައިތާ އަދި ގިނައިރެއްނުވެއެވެ. މެސެޖު ހުޅުލީމެވެ. އަހަރެން އޭނާގެ ނަން ލިޔެފައި މެސެޖު ކުރީތީ އޭނާ ވެސް އޮތީ އަހަރެންގެ ނަން ލިޔެފައި ފޮނުވާފައެވެ. އަހަރެން މާޔޫސްވިއެވެ. ހޫދުގެ ފަރާތުން އެހާ އާދައިގެ މެސެޖެއް އަންނާނޭ ހިޔެއްނުކުރަމެވެ. ހިތަށް އެރީ އަހަރެން އިސްވެ މެސެޖެއް ކުރީމާ އޭނާ ކެތްމަދުވެގެން އުޅޭނެ ކަމަށެވެ. ލައްކަ ގިނަ ވާހަކަދައްކާނެ ކަމަށެވެ. ޚިޔާލުތަކުގައި އިންދާ ފޯނު ރިންގުވާފެށިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ.

"ހެލޯ...އާނަ." ފޯނުކޯލު ނެގުމާއެކު އަހަރެންގެ ކަންފަތަށް ހޫދުގެ އަޑު އިވުނެވެ. އަހަރެން ފިނިވިއެވެ. ވާހަކަދައްކަން ދަތިވިއެވެ.

"ތި އަޑު އަހާލާ ހިތުން މިގުޅީ. ދެން ވާހަކަދައްކަބަލަ... މެސެޖުން ގޮވާލިހެން އަހަރެންގެ ނަމުން ގޮވާލަބަލަ." ހޫދުގެ އަޑުގައި ހުރީ ސަމާސާގެ ރާގެވެ.

"އާނަ... ޕްލީޒް. ކޮންމެވެސް އެއްޗެކޭ ބުނެބަލަ." ހޫދު އަނެއްކާވެސް ބުންޏެވެ. އަހަރެންގެ ތުންފަތުގައި މަޑު ތުރުތުރެއްވިއެވެ. ދެ ތުންފަތް ބައްދާ ބާރުކޮށްލާފައި ދޫކޮށްލީމެވެ.

"އާދޭ... އާދެބާ... މިކޮޅަށް." އަހަރެންގެ އަޑު ނުކުތީ އުނދަގުލުންނެވެ.

"ރަނގަޅުތަ ހުރިހާކަމެއް." ހޫދު ވަގުތުން އަހާލިއެވެ. ނިކަން ސީރިއަސްކޮށެވެ. އަހަރެންގެ ހިތުގެތެޅުން އަވަސްވެގެން އައެވެ. ކުއްލިއަކަށް ކޯލު ކަނޑާލީމެވެ. އަހަރެންނަށް ކުރެވެން މިއުޅެނީ ރަނގަޅުކަމެއްތޯ ސުވާލު އުފެދުނެވެ. ކޯލު ކަނޑާލީތީ ހޫދު ގުޅިއެވެ. އެކަމަކު ފޯނުކޯލު ނަގާކަށް ނުކެރުނެވެ. ހޫދު ކޮށްފާނޭ ސުވާލުތަކަށް އަހަރެން ޖަވާބުދޭން ތައްޔާރުނޫނީއޭ ހިތަށް އަރަންފެށިއެވެ. ފަސް ފަހަރަށް ހޫދު މެދުކެނޑުމެއްނެތި ގުޅުމަށްފަހު ދެން ނުގުޅިއެވެ. އަހަރެން ކަންތައް ކުރި ގޮތުން މެސެޖެއް ކުރާނޭ ހީކުރި ނަމަވެސް އެފަދަ ރައްދެއް ނައެވެ.

ބޮލުގައި ހިފަހައްޓާލައިގެން އަހަރެން އޮތީމެވެ. ހޫދުގެ އަޑު ޖެހުމުން މި ނޫނީ އަހަރެން ފިނިވެ ވާހަކަދައްކަން އުނދަގޫވެފައި ނުހުންނަމެވެ. އަހަރެންގެ ދެ ލޯ ފެންކަޅިވާންފެށިއެވެ. މަޑުމަޑުން ދެ ލޯ ފުހެލީމެވެ. މަންމަމެންގެ މަތިން ހަނދާންވާންފެށިއެވެ. އެމީހުންގެ ކައިރިޔަށް ދާން ބޭނުންވަނީއެވެ. މި ހުރިހާ ޖަޒުބާތެއްގެ އަސްލަކީ ފައިސަލްކަން ވެސް އަހަރެންނަށް އެނގެއެވެ.

"ފައިސަލް ކިހިނެއްބާ ހަދާނީ... ޓެންތާޓީގައި އަންނާނެ ބަލާ. އޭގެ ކުރިން އޭނާއަށް މެސެޖު ކުރަންވީ ކަންނޭނގެ." ފައިސަލްގެ ނަން ކިޔާލެވުމުން ހިތަށް އެރިއެވެ.

"އަހަރެން މަޑުކުރަނީކަން އެނގުނީމަ ކިހިނެއްބާ ހަދާނީ. ރުޅި އައިސްފައި ކަންނޭނގެ ހުންނާނީ." އަހަރެން ހިތަށް އެރިއެވެ. ކޮންމެވެސް އުޒުރެއް ނުދައްކާ މަޑުކުރުން ރަނގަޅެއްނުވާނޭކަން އަހަރެންނަށް ވިސްނުނެވެ. ފައިސަލް ހިތްހަމަނުޖެހިފައި ނުހުންނާނީ ވެސް އޭރުންނެވެ. އެހެންވެ ބުނާނޭ އެއްޗަކާމެދު ވިސްނާލެވުނެވެ. އިތޫގެ ކައިވެނީގެ ކަންކަމުގައި މިދުވަސްކޮޅު އެންމެން ވެސް އުޅޭނީ އަވަދިނެތިކަން ފައިސަލްއަށް އެނގޭނެއެވެ. އަހަރެންނަށް އޮތް ފުރުޞަތަކީ ވެސް އެއީއެވެ. ފައިސަލްއަށް އަހަރެން މެސެޖު ލިޔެ ފޮނުވާލީމެވެ. އިތޫގެ އެންމެ ގާތް ރައްޓެހިން އޯވާނައިޓް ކުރާން އައިސް އުޅޭތީ އަހަރެން ވެސް މަޑުކުރަން ޖެހުނީކަން ބުނެފައެވެ. ފައިސަލް އަހަރެން ކުރި މެސެޖަށް ޖަވާބެއް ނުދިނެވެ.

"އޭނާ އެހާވަރަށް މެސެޖުކޮށް ގުޅާ ނަހަދަނީ އެކަމުގެ ހެކި ހުންނާނެތީ." އަހަރެންނަށް ފައިސަލްގެ އާދަތައް ފާހަގަވެފައިވާތީ އެކަމުގެ ހަޤީޤަތް ވެސް މި އެނގުނީ އަދިކިރިޔާއެވެ. ޝިފާލީގެ ފޯނުން ހުރިހާ އެއްޗެއް އޭނާ ވަނީ ޑިލީޓްކޮށްފައެވެ. ހެކި ނުހޯދޭނެ ގޮތްތައް ވެސް އޭނާއަށް އެނގެނީއެވެ.

އިތޫ ގެއަށް ނާންނަނީސް އަހަރެންނަށް ނިދިއްޖެއެވެ. ހޭލެވުނީ ކޮޓަރިތެރޭ މީހަކު އުޅޭހެން ހީވެގެންނެވެ. އިތޫ ހެދުން ބަދަލުކޮށްގެން އޭރު ފާޚާނާއިން ނުކުންނަނީއެވެ. އަހަރެން ތެދުވެލައި ފެންފޮދެއް ބޯލަން އުޅުނީމެވެ.

"ދޮންބެދައްތަ ބުނި ހުންގަދަވެގެން އުޅުނު ވާހަކަ." އިތޫ ވާހަކަދެއްކިއެވެ.

"ބޭސް ކައިގެން އޮށޯވެލިތަނާ ނިދުނީ. މިހާރު ކުޑަކޮށް ދާހިތްލާލައިފި... ކޮންއިރަކު އިތޫ އައީ. ހެދުން ނިމުނީތަ؟." އަހަރެން ބުނީމެވެ.

"ދެންމެ މިއައީ. ވާރޭގައި ޖެހިފައި ނާދެވިފައި ތިބީ. ހެދުން ވަރަށް ރީތި. މައިޓުއާ ހެދި ފޮޓޯއެއް ވެސް ނެގޭވަރެއްނުވި. އަދި މީހުންނަށް ދައްކާކަށް ނުވެޔޭ ބުނީ. އޭތް... އެނގޭތަ. އަހަރެން އެ ގޭގައި އިންދާ ކުޑަބެ ގުޅި." އިތޫ ކުޑަބައޭ ބުނެލި ހިސާބުން އަހަރެންގެ މެޔަށް ގޮތެއްވެލިއެވެ.

"ބައްޕައަށް ނުގުޅިގެންނޯ. އެންމެންގެ ވާހަކަ އަހަމުން އާނަގެ ވާހަކަވެސް އެހި. އާނަ އަދިވެސް ގެސްޓްހައުސްގަތޯ އެހި. އަހަރެން ބުނިން އާނަ ވަރަށް ބަލިވެގެން މިގޭގައޭ އޮތީ." އިތޫގެ ވާހަކައަށް އަހަރެންގެ ޝައުގުވެރިކަން ދެވުނެވެ.

"ކީކޭ ހޫދު ބުނީ." އަހަރެންނަށް އަހާލެވުނެވެ.

"އެހެންބުނީމަ ނުބުނި އެކައްޗެކޭ ވެސް. ފޯނު ބާއްވަމުން ބުނީ ބައްޕައާއި ދޮންބެދައްތަ ކައިރީ ބުނައްޗޭ މާދަމާ ރަށަށް އެބަ އަންނަމޭ." އިތޫ ބުންޏެވެ. އަހަރެންގެ ހިތަށް އެވަގުތު އިޙްސާސްވީ ގޮތް ދުލުން ބަޔާންކުރާން ދަތިވިއެވެ. އަހަރެން ހަމައެކަނި ހޫދު ކައިރީ ބުނީ އަންނާށެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނަމެވެ. މިހާރު މި އިވުނީ އޭނާ މާދަމާ ރަށަށް އަންނަ ވާހަކައެވެ. އަހަރެން ބުނި ބުނުމަށް ހެއްޔެވެ.

"ކޮންދުނިޔެއެއްގައި. ކުޑަބެ އަންނަ ވާހަކަ ބުނީމަތަ. ތި ދެ މީހުންގެ ފައިޓިން ފެށޭނެ ދޯ." އެނދަށް އަރަމުން އިތޫ ބުންޏެވެ. އަހަރެން ލުއި ހިނިތުންވުމެއް އިތޫއާ ބަދަލުކޮށްލަމުން އޮށޯތީމެވެ. އަހަރެން ޤަބޫލުކުރަން ބޭނުންނޫނަސް ހޫދު އަންނަކަން އެނގުމުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ. އޭނާ ފެންނާނޭ އިރަކަށް އިންތިޒާރު ވެސް އެބަކުރެވެއެވެ. އޭނާއާ ބައްދަލުވުމުން އަހަރެން ކޮންމެވެސް ސިފައެއްގައި އަހަރެންނަށް ދިމާވެގެން މިއުޅޭ ކަންތައް ކިޔާދޭން ބޭނުމެވެ. އޭނާ އަހަރެންދެކެ ހަޤީޤީ ލޯބިވާނަމަ އެ ލޯބީގެ ހައްޤުގައި ވެސް ފައިސަލްގެ އަތްދަށުން އަހަރެން ސަލާމަތްކޮށްދޭނެއޭ އަހަރެންގެ ޟަމީރު ބުނެއެވެ. އެއްފަހަރު ވެސް ހޫދަށް އިތުބާރުކުރަންވީއެވެ.

(ނުނިމޭ)