ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ އިންތިހާބީ އެޖެންޓަކަށް ފާތިމަތު ނިއުމާ ހަމަޖައްސައިފި އެވެ.
އިލްޔާސްގެ އިންތިހާބީ އެޖެންޓަކަށް ފާތިމަތު ނިއުމާ ހަމަޖެއްސިކަން އެ ޕާޓީން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިހާބީ އެޖެންޓްކަމަށް ނިއުމާ ހަމަޖައްސާފައިވާއިރު ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުން ނިއުމާ އިސްތިއުފާ ދެއްވީ އިއްޔެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ބަޔާންކުރައްވާފައިނުވެ އެވެ.
އެމްޑީޕީގެ ސްލޮޓެއްގައި ޕްލޭނިން މިނިސްޓްރީގެ ނައިބަކަށް ހުންނެވި ނިއުމާ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ޑިމޮކްރެޓްސް އަށް ސޮއިކުރެއްވީ އިއްޔެ އެވެ.
ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ އެޖެންޓަކަށް ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަސްމީ އިންތިހާބީ އެޖެންޓް ކަމަށް ހަމަޖެއްސީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ -- އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ އިންތިހާބީ އެޖެންޓަކަށް ކަނޑައެޅީ އެ ޕާޓީގެ ނައިބް ރައީސް އަހްމަދު އުޝާމް އެވެ.