ޑރ. މުހައްމަދު މުއިއްޒު

ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީން މިނިވަންކުރާނަން: މުއިއްޒު

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕީއެންސީއަށް ކާމިޔާބު ކުރެވިއްޖެނަމަ ވެރިކަމުގެ ފުރަތަމަ ދުވަހު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރައްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅެއް ކަނޑައެޅުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި މިއަދު ނެގި ވޯޓު ކާމިޔާބު ކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ޔާމީން މިނިވަންކުރުން ކަމަށެވެ.

"ފުރަތަމަ ދުވަހުވެސް އެންމެ ފުރަތަމަ ކަމަކަށްވެސް އަޅުގަނޑުމެން ކުރާނެ މަސައްކަތަކީ ރައީސް ޔާމީން މިނިވަންކުރުން،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޔާމީން މިނިވަންކުރާނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

ޕީއެންސީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަރުވާފައިވާ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއް ދިމާވެދާނެ ކަމަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ފޯމު ހުށަހެޅުއްވީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. ނަމަވެސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާތީ އެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ބަޔާންކޮށްފައިވެ އެވެ. އެ މާއްދާގެ (ޅ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތުގެ އަމަލުތަކެއް ހިންގެވިކަން ސާބިތުވުމާ ގުޅިގެންނެވެ. ދަށު ކޯޓުގެ މި ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

ދަށު ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް ޝަރީއަތްތައް ހުއްޓިފައިވަނީ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާ ގުޅިގެންނެވެ.