ފާރިސް މައުމޫން

ފާރިސްގެ އިންތިހާބީ އެޖެންޓަކަށް ޒަބީހް

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފައިވާ އެ ޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫންގެ އިންތިހާބީ އެޖެންޓަކަށް އިސްމާއިލް ޒަބީހް ހަމަޖައްސައިފި އެވެ.

ފާރިސްގެ އިންތިހާބީ އެޖެންޓަކަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒަބީހް ހަމަޖައްސާފައިވާ މިއަދު ހާމަކުރެއްވީވެސް ފާރިސް އެވެ.

ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން 1،500 މީހުންގެ ސޮއި ހޯދަން ޖެހެނީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނެވެ. އެކަމަކު ފާރިސް، 1،500 މީހުންގެ ސޮއި ހޯއްދެވީ އޭނާ ނިސްބަތްވާ ޕާޓީ -- އެމްއާރްއެމްގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ނެތް ކަމަށް ބުނެ އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ އެކަމުގެ ތެރެއިން ދިމާވެދާނެ ގާނޫނީ މައްސަލައެއްގައި އޭނާގެ ކެންޑިޑެސީ ތާށިވިޔަ ނުދިނުމަށެވެ.

އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލުކުރުން ސިވިލް ކޯޓުން ވަނީ ހުއްޓުވާފަ އެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް މިހާތަނަށް ސޮއި ހޯދާފައިވަނީ ފާރިސްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ. އެކަމަކު އުމަރުގެ އިންތިހާބީ އެޖެންޓްގެ ނަން އަދި މިހާތަނަށް އިއުލާންކޮށްފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ އެޖެންޓަކަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ހަމަޖައްސާފައިވާއިރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓް ކަމަށް ހަމަޖެއްސީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އެވެ. އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ އިންތިހާބީ އެޖެންޓަކަށް އެ ޕާޓީގެ ނައިބް ރައީސް އަހްމަދު އުޝާމް ހަމަޖައްސާފައިވާއިރު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ އިންތިހާބީ އެޖެންޓަކަށް ހަމަޖައްސާފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ. އަދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ އިންތިހާބީ އެޖެންޓަކަށް ހަމަޖައްސާފައިވަނީ ޕްލޭނިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ނިއުމާ އެވެ.