އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދާ މަސްވެރިކަމުގެ މުބާރާތް -- "އުރީދޫ މަސްރޭސް" މާލޭގައި މާދަމާ ފެށުމަށް ނިންމައިފި އެވެ.
މަސް ރޭހުގައި ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް ހުޅުވާލުމުން ރާއްޖޭގެ އެކި ހިސާބުތަކުން 83 ޓީމު މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވެ އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތުގައި މާލެ ސިޓީން ބައިވެރިވި ޓީމުތައް މާދަމާ މެންދުރުފަހު 2:30 ގައި ފުރުމަށް ހަމަޖެހިފައިވަނީ މަސްވެރިންގެ ޕާކް ސަރަހައްދުންނެވެ. މަސް ކިރުމަށް ހުރިހާ ޓީމުތަކުން އުސްފަސްގަނޑަށް މާދަމާ ރޭ 9:00 ޖެހުމުގެ ކުރިން އަންނަންޖެހެ އެވެ.
އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ މަސް ރޭސް ވަނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ފުޅާކޮށްފަ އެވެ.
ސިޓީތަކުގައި މުބާރާތް ފަށާ ތާރީހުތައް
- މާލެ ސިޓީ - އޮގަސްޓް 4
- ކުޅުދުއްފުށި ސިޓީ - އޮގަސްޓް 11
- އައްޑޫ ސިޓީ - އޮގަސްޓް 18
- ފުވައްމުލައް ސިޓީ - އޮގަސްޓް 25
މިއަހަރުގެ މުބާރާތުގައި މާލެއިން 34 ޓީމާއި، ކުޅުދުއްފުށިން 23 ޓީމާއި، އައްޑޫ އިން 13 ޓީމުގެ އިތުރުން ފުވައްމުލަކުން 13 ޓީމު ބައިވެރިވެފައިވެ އެވެ.
އުރީދޫ މަސްރޭސް ރެކޯޑް މުގުރާލާ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަންބަލުންގެ ޓީމުން މިއަހަރުވެސް ވާދަކުރެ އެވެ. އަންހެން ޓީމަކުން ނިކުމެ ރިކޯޑް އަދަދެއްގެ މަސްބާނާ ހޯދި މި ކާމިޔާބީން ދައްކުވައިދެނީ ހަމަހަމަކަމުގެ ރޫހު ކަމަށް އުރީދޫ އިން ބުނެ އެވެ.
މިމުބާރާތުގައި ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު މީގެ ތެރޭގައި ކޮންމެ ސިޓީއަކުން މޮޅުވާ ޓީމުތަކަށް ދޭ ފައިސާގެ އިނާމު ހިމެނެ އެވެ.
- އެއްވަނަ ޓީމު - 25،000 ރުފިޔާ
- ދެވަނަ ޓީމު - 10،000 ރުފިޔާ
- ތިންވަނަ ޓީމު - 5000 ރުފިޔާ
- އެންމެ މޮޅު ފިރިހެން ކެޔޮޅު - 1000 ރުފިޔާ
- އެންމެ މޮޅު އަންހެން ކެޔޮޅު - 1000 ރުފިޔާ
އުރީދޫ މޯލްޑިވްސްއިން ބުނީ މިއަހަރުގެ މުބާރާތަށް ލިބުނު ބޮޑު ތަރުހީބާއި އެއްބާރުލުމަކީ މި ހަރަކާތުގެ ސަބަބުން މަސްވެރިކަމަށް ލޯބި ކުރާ ފަރާތްތަކުގެ ތެރޭގައި އުފެދުނު އުފާވެރިކަމާއި ޝައުގުވެރިކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.