ރައީސް އަބްދުﷲ ޔާމީން

ކެންޑިޑެސީ މައްސަލައިގެ ޝަރީއަތަށް ޔާމީން ކޯޓަށް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މައްސަލައިގެ އަޑުއެހުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހާޒިރުކޮށްފި އެވެ.

ސުޕްރީމް ކޯޓުގައި އަޑުއެހުން ފެށުމަށް ހަމަޖެހިފައި އޮތީ މިއަދު މެންދުރުފަހު 3:00 ހާއިރު އެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި ކަރަންޓް ނެތުމުން ޝަރީއަތް އަދިވެސް ފެށިފައެއް ނުވެ އެވެ.

ރައީސް ޔާމީން ސުޕްރީމް ކޯޓުގެ ޝަރީއަތަށް ހާޒިރުކުރުމުގެ ގޮތުން އެމަނިކުފާނު އިންނެވި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވެހިކަލް އެންމެ ފުރަތަމަ ސުޕްރީމް ކޯޓުގެ މައި ދޮރާށިން ވަންނަން މަސައްކަތް ކުރުމުން އޭރު ވަދެވޭ ގޮތެއް ނުވި އެވެ. އެއީ ސުޕްރީމް ކޯޓުގައި ކަރަންޓު ނެތުމުން އެތަނުގެ ގޭޓް ހުޅުވޭ ގޮތް ނުވުމުންނެވެ. ފަހުން ކަރެކްޝަންސްގެ ވެހިކަލް އެ ސަރަހައްދުން ދުރަސް ގޮސް އެނބުރި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހާޒިރުކުރީ ޝަރީއަތް ފެށުމަށް ތާވަލްކޮށްފައި އޮތް ގަޑީގެ ގާތްގަނޑަކަށް 15 މިނެޓް ފަހުންނެވެ.

ރައީސް ޔާމީންގެ ޝާރީއަތް އަޑުއެހުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގެ އިސް ބޭފުޅުންނާއި ރައީސް ޔާމީންގެ އާއިލާގެ ބޭފުޅުން ސުޕްރީމް ކޯޓުގެ ކުރިމަތީގައި މަޑުކޮށްލައިގެން އެބަތިއްބެވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ފޯމު ހުށަހެޅުއްވީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. ނަމަވެސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ހަމަ އެ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމީ ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާތީ އެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ބަޔާންކޮށްފައިވެ އެވެ. އެ މާއްދާގެ (ޅ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހިމެނޭ ވަކީލް އަދި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ރައީސް ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ގާނޫނުއަސާސީގެ 109 މާއްދާގެ (ޅ) ނުބައިކޮށް މާނަކޮށްފައިވާ ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އިންތިހާބީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވިދާޅުވެ އެމަނިކުފާނު މީގެ ކުރިން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލައެއްވެސް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ދެ ފަހަރުވެސް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތުގެ އަމަލުތަކެއް ހިންގެވިކަން ސާބިތުވުމާ ގުޅިގެންނެވެ. ދަށު ކޯޓުގެ މި ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

ދަށު ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް ޝަރީއަތްތައް ހުއްޓިފައިވަނީ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާ ގުޅިގެންނެވެ.