އިލެކްޝަންސް ކޮމިޝަން

ރިޔާސީ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މިމަހު 9ގައި

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން މިމަހުގެ ނުވަވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

މިބައްދަލުވުން ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖައްސާފައިވަނީ އެ ދުވަހުގެ ހަވީރު 4:00 އިން 5:30 އަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ނަން ތަރުތީބު ކުރުމުގެ ބައްދަލުވުމުގައި ކެންޑިޑޭޓުން ބައިވެރިވުމަށް އިސްކަންދޭނެ ކަމަށެވެ. ކެންޑިޑޭޓަށް ބައިވެރި ނުވެވޭނަމަ ބަދަލުގައި ކެންޑިޑޭޓުގެ މަންދޫބަކަށް ބައިވެރިވެވިދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.

އިންތިހާބުގައި ވާދަކުރެއްވުމަށް މިހާތަނަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ.

ރައީސް ޔާމީން މިމަހުގެ އެއްވަނަ ދުވަހު ކެންޑިޑެސީ ފޯމު ހުށަހެޅުއްވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެ ދުވަހު ވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފަ އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަން މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ސުޕްރީމް ކޯޓުގައި ހިންގަމުން އެބަދެ އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ އިތުރުން ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހީމާއި، އެމްއެންޕީގެ ފަރާތުން މުހައްމަދު ނާޒިމާއި، ދަ ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.