ޖުމްހޫރީ ޕާޓީ

ކުރީގެ ވަޒީރު ޑރ. ޝައުގީ ޖޭޕީއަށް ސޮއިކުރައްވައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަހްމޫދު ޝައުގީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފި އެވެ.

ޝައުގީ ޖުމްހޫރީ ޕާޓީއަށް މިއަދު ސޮއި ކުރެއްވީ ޖޭޕީގެ މައި އޮފީސް -- މ. ކުނޫޒުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ޝައުގީގެ މެންބަޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އެވެ.

މިރަސްމިއްޔާތުގައި ގާސިމް ވަނީ މަހްމޫދޫ ޝައުގީއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަދައްކަވާފަ އެވެ. އެގޮތުން ގާސިމް ވިދާޅުވީ ޑރ. ޝައުގީ އަކީ ވަރަށް އިހްލާސްތެރިކަމާ އެކު ދިވެހި ގައުމަށް ހިދުމަތްކުރެއްވި ތަޖުރިބާކާރެއް ކަމަށެވެ.

"ބަސަރާ އަށް ކަނދުރު ވިއްކުމުގެ ބޭނުމެއް ނެތް،" ޝައުގީއަށް ތައުރީފް ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ޑރ. ޝައުގީ ވިދާޅުވީ ސިޔާސީ މައިދާނުގައި ވަރަށް ދުރުގައި ހުންނެވުމަށްފަހު އަލުން ސިޔާސީ މައިދާނަށް ނިކުންނެވި ފަހަރެއްގައިވެސް ސިޔާސީ މައިދާނުގައި މަސައްކަތް ކުރެއްވުމަށް ނޫން ކަމަށެވެ. އޭނާ އަކީ ފަންނީ ބޭފުޅަކަށް ވާތީ ގާސިމްއާ އެކު ފަންނީ މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ގަބޫލުކުރެއްވޭތީ ޖޭޕީއާ ގުޅިވަޑައިގަތީ ކަމުގައިވެސް ވިދާޅުވި އެވެ.

"ގާސިމަކީ ދިވެހި ގައުމު ދެކެ ވަރަށް ލޯބިވާ ބޭފުޅެއް. ގައުމަށް ވަރަށް ވަފާތެރި ބޭފުޅެއް ގާސިމަކީ. ގައުމުގެ މިނަވަންކަން ހިމާޔަތްކުރަން ގާސިމް މަސައްކަތް ކުރައްވާނެ،" ޝައުގީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމުގެ އިގްތިސާދު ހަރުދަނާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. ގާސިމަކީ ވަރަށް ގިނަ ދާއިރާތަކުން އަމިއްލަ ގިނަ ތަޖުރިބާ ހުންނެވި ބޭފުޅަކަށް ވާތީ ގައުމު ހަމައަކަށް އެޅުވުމުގެ ގާބިލްކަމާއި ތަޖުރިބާ ގާސިމްގެ ކިބައިގައި އެބަހުރި ކަަމަށްވެސް ޑރ. ޝައުގީ ވިދާޅުވި އެވެ.