ވާހަކަ

ގަހަނާ ފޮށި

( 3 އޯގަސްޓް 2023 އާ ގުޅޭ )

އަހަރެން ޤަބޫލުކުރަން ބޭނުންނޫނަސް ހޫދު އަންނަކަން އެނގުމުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ. އޭނާ ފެންނާނޭ އިރަކަށް އިންތިޒާރު ވެސް އެބަކުރެވެއެވެ. އޭނާއާ ބައްދަލުވުމުން އަހަރެން ކޮންމެވެސް ސިފައެއްގައި އަހަރެންނަށް ދިމާވެގެން މިއުޅޭ ކަންތައް ކިޔާދޭން ބޭނުމެވެ. އޭނާ އަހަރެންދެކެ ހަޤީޤީ ލޯބިވާނަމަ އެ ލޯބީގެ ހައްޤުގައި ވެސް ފައިސަލްގެ އަތްދަށުން އަހަރެން ސަލާމަތްކޮށްދޭނެއޭ އަހަރެންގެ ޟަމީރު ބުނެއެވެ. އެއްފަހަރު ވެސް ހޫދަށް އިތުބާރުކުރަންވީއެވެ.

* * * * *

އިތޫ ފަތިސް ނަމާދަށް ތެދުވި ވަގުތު އަހަރެންނަށް ވެސް ހޭލެވިއްޖެއެވެ. އޭނާ ގޮސް ފާޚާނާއަށް ވަނެވެ. އަހަރެން ފޯނު ނަގައި ބަލާލީމެވެ. ގަޑިން ފަސްގަޑި ފަނަރައެވެ. ރޭގައި އަހަރެން މެސެޖު ކުރުމުން ފައިސަލް ޖަވާބެއް ނުފޮނުވައެވެ. ފޯނު ބަލާލީ ފަހުން ވެސް އޭނާ މެސެޖެއް ކޮށްފައި އޮވެދާނޭ ހިތަށް އަރާފައެވެ. އޭނާ މެސެޖު ބަލައިފިއެވެ. އެކަމަކު ރައްދެއް ނުދިނީއެވެ. ބާލީސް ކައިރީ ފޯނު ބާއްވާލާފައި އަނެއްކާވެސް އަހަރެން ލޯ މަރާލީމެވެ. ކޮޓަރީގެ ގައި ހުރި ކުޑަދޮރާ ދިމާ ބޭރުން ވާރޭ ވެހޭއަޑު އިވެމުންދިޔައެވެ.

"މިހާ ވިއްސާރައިރު ހޫދަށް އާދެވޭނެތަ؟." އަހަރެންގެ ހިތް، ޟަމީރާއި ސުވާލުކޮށްލިއެވެ. ކުރެވޭ އިންތިޒާރު ބޭކާރުވެދާނޭ އަހަރެންނަށް ހީވަނީއެވެ. އެނބުރި ގެސްޓްހައުސްއަށް ދާންޖެހޭނެކަން އެނގޭތީ ހިތުގައި ބިރުވެރިކަން ވަނީ އިތުރެވެ.

ހެނދުނުގެ ސައި ތައްޔާރު ކުރުމުގައި ސީރަތާއެކު އިތޫ ވެސް ބަދިގޭގައި އުޅުނެވެ. އަހަރެން ކާމޭޒުމަތީ ބޯއަޅާލައިގެން އިނީމެވެ. އެކަނި ކޮޓަރީގައި އޮތީމާ ފައިސަލްއާމެދު ވިސްނެނީއެވެ. ނުބައި ބިރުވެރި ޚިޔާލުތައް ސިކުނޑީގައި ގިނަވަނީއެވެ. ފިކުރުތައް ބޮޑުވެ އަހަރެންގެ ހާލު ދަށަށް ހިނގައިދާނޭ ވެސް ހީވެ އަމިއްލައަށް ވެސް އެކަމާ ކަންބޮޑުވެވެނީއެވެ. އެކަމަކު ރޭގައި ބޭސް ކެއިފަހުން މީހާ ފިހޭވަރަށް ހުންގަދައެއް ނުވެއެވެ. ނަމަވެސް ހަށިގަނޑުގައި ހުންނަ ހޫނުކަން މުޅީން ފިލައި ނުދެއެވެ.

ސައިބޮއެގެން އެނބުރި ކޮޓަރިއަށް އައީ އިތޫއާ ދެ މީހުންނެވެ. އޭނާ އެއްޗެހި ދޮންނަން ދާވަށިން ހެދުންތައް ނަގަން އުޅުނުއިރު އަހަރެން ގުޅާލީ މަންމައަށެވެ. އަހަރެން ގުޅާލެއް މަދުވެގެން މަންމަ ޝަކުވާކުރިއެވެ. އަހަރެންނާ ދިމާވެގެން އުޅޭ ކަންތަކުގެ ވާހަކަ ކިޔާނުދެވުނަސް މަންމަގެ އަޑުން އެކަނި ވެސް އަހަރެންނަށް ލިބިފައިވާ ހާސްކަން ކުޑަވިއެވެ. މަންމަ ކަންބޮޑުވާނޭކަން އެނގޭތީ އަހަރެން ބަލިވެ އުޅޭ ވާހަކައެއް ވެސް ނުބުނަމެވެ. ބައްޕަ ވެސް ގޭގައި އިން ވަގުތާ ދިމާވީތީ ފޯނުކޯލު ނިންމާލީ ބައްޕައާ ވެސް ވާހަކަދައްކާލާފައެވެ. ހިސާބަކަށް އަހަރެން ހަމަޖެހުނީތީ ސިކުނޑިއަށް ވިސްނަން ފުރުޞަތު ލިބުނެވެ. ފައިސަލްއާ ކުރިމަތިލާނޭ ގޮތެއް ސިކުނޑީގައި ރާވަންފެށީމެވެ. ކުރިޔަށްދާނޭ ގޮތަކާމެދު ވިސްނަން އިންދާ އަހަރެންނަށް އައީ ފަޒީލުގެ މެސެޖެކެވެ. އޭނާއާ ވާހަކަދައްކަން އަހަރެން ހަނދާންވީ ދެނެވެ. ފަޒީލުގެ ފަރާތުން ފަހަރެއްގައި އަހަރެންނަށް އިތުރު ކަމެއް އޮޅުންފިލާފާނެއެވެ. އެކަމަކު އޭނާއަށް އިތުބާރު ކުރުމާމެދު ސަމާލުވާން އަހަރެންގެ ޟަމީރު ބުންޏެވެ. ކޮންމެ ގޮތެއް ވިޔަސް ފަޒީލަކީ ފައިސަލްގެ ކޮއްކޮއެވެ. ފެންނަ ފެނުމަށް އެ ދެ މީހުންގެ މިޒާޖާއި އުޅޭ އުޅުން ތަފާތުހެން ހީވިޔަސް އެންމެންގެ ލޯތައް ސިއްރުވެފައި ކަމެއް އޮވެދާނެއެވެ.

"އިތޫމެން ގޭގައި މިއުޅެނީ." ފަޒީލަށް އަހަރެން މެސެޖު ކުރީމެވެ. އޭނާ މެސެޖު ބެލުމާއެކު އަހަރެންނަށް ގުޅިއެވެ.

"ކޮންއިރަކުން ފެންނާނީ. އަހަރެން މިކޮޅުގައޭ. މިރޭ އެންމެން ކާންދަމާ. ވާރޭ ވެހުނަސް ކާރުގައި ދެވޭނެއެއްނު." ފަޒީލު ވާހަކަދެއްކީ އޭނާގެ އާންމު ރާގުގައެވެ.

"މިރޭތަ... ކިހިނެއްވާނީ ހަވީރު. އަހަރެން ވެސް ފަޒީލު ކައިރީ ވާހަކައެއް ދައްކަންވެފައި އެބައޮތް." އަހަރެން ބުނީމެވެ. ރޭގަނޑު ބޭރަށް ނުކުންނަން އަހަރެން ބޭނުންނުވީއެވެ. ގެސްޓްހައުސްއަށް އެނބުރިދާން އަހަރެންގެ ނަފްސު އަދި ތައްޔާރެއްނޫނެވެ. އަނެއްކޮޅުން ފަޒީލާއެކީ އަހަރެން ތަންތަނަށް ދާކަން ފައިސަލްއަށް އެނގިއްޖެނަމަ އޭނާ ހިތްހަމަނުޖެހޭނެއެވެ. އޭނާ ފަޒީލު މާލެ ފޮނުވާލީ ވެސް އަހަރެމެން ދެ މީހުން މާގިނައިން ބައްދަލުކުރާތީކަން މިހާރު އަހަރެންނަށް ޔަގީނެވެ. އަހަރެމެންގެ ގުޅުން ބަދަހިވާން ފައިސަލް ބޭނުން ނުވަނީއެވެ.

"ދެ މީހުން އެކަނި ކޮފީއަކަށް އަރަން އޯކޭތަ." ފަޒީލު އަހާލިއެވެ. އަހަރެން އާނއެކޭ ބުނީމެވެ. ހަވީރު ހަތަރެއްގެ ފަހުން އޭނާ އިތޫމެން ގޭ ދޮށަށް އައިސް ގުޅާލާނަން ކަމުގައި ބުންޏެވެ. ޖަވާބުގައި އަހަރެން އެހާއިރަށް ތައްޔާރުވެގެންކަން ހުންނާނީ ބުނީމެވެ. އަހަރެމެންގެ ކޯލު ކުރުކޮށްލީ ހަވީރު ބައްދަލުވާނޭކަން އެނގޭތީއެވެ.

މެންދުރުފަސްވެގެން އައިއިރު އަހަރެންނަށް ގަޑިއަށް ބެލެންފެށުނެވެ. ހޫދު އަންނާނީ ކޮންއިރަކުންބާއޭ ހިތަށް އަރާފައެވެ. ވާރޭ ވެސް މެންދުރުވާންވީއިރު ތުނިކޮށްލައިފިއެވެ. މޫސުން އަލިކޮށްފާނޭ ހީވުމުން ކުރަމުންދިޔަ އުންމީދު ބޮޑުވެ އިންތިޒާރުގައި ހުރުން ފަސޭހަކަމަކަށް ނުވިއެވެ. ދެ ފަހަރަކު ފޯނު ވެސް ނެގީމެވެ. ހޫދަށް މެސެޖެއްކުރަން ހިތަށް އަރާފައެވެ. ނަމަވެސް އަމިއްލަ ނަފްސު އަހަރެން ހުއްޓުވީމެވެ. އޭނާ އަންނަ ވާހަކަ ސީދާ އަހަރެން ކައިރިޔަކު ނުބުނޭވިއްޔާއެވެ. ހަމައެއާއެކު އަހަރެން އިނީ އޭނާގެ އިންތިޒާރުގައިކަން އެނގޭން ބޭނުންނޫނީއެވެ. ފަހަރެއްގައި އޭނާ ނުބައި ގޮތަކަށް މާނަކޮށްފާނޭތީއެވެ. ލޯބީގެ އިޝާރާތެކޭ ހީވާން ނޭދެމެވެ.

ފަޒީލާއެކީ ކޮފީއަކަށް ދާކަން އިތޫ ކައިރީ ބުނުމާއެކު އޭނާ އެކަމާ ގަޔައެއްނުވިއެވެ. ސަބަބަކަށްވީ އަހަރެން ބަލިވެ އުޅޭތީއެވެ. ނަމަވެސް އެ ކޮފީއަކީ ފަޒީލާއެކީ ވަގުތު ހޭދަކުރާ ހިތްވެގެން ރޭވި ކޮފީއެއްނޫންކަން އިތޫއަށް ވިސްނައިދޭން އުނދަގޫވިއެވެ.

"އެހާ ގިނައިރެއްނުވާނެ. މިއަދު ހުމެއް ނާދެއެއްނު... ޒަފަރާއެކީ އިތޫ ގޮސްފައި އަންނަންވާއިރަށް އަހަރެން ވެސް ގެއަށް އަންނާނަން." އަހަރެން ބުނީމެވެ. އިތޫއަށް ވެސް އަހަރެން ކައިރީ ބުނެވޭނީއެވެ. ދިޔަނުދޭން ހިފަހައްޓާކަށް އަހަރެންނަކީ ކުޑަކުއްޖެއްނޫނެވެ. އޭނާ އެންމެ ރަނގަޅޭ ބުނީ އަހަރެން ދާން ބޭނުންވެފައިކަން ހުރީ އެނގިގެންނެވެ.

ފަޒީލު އައިސް އަހަރެންނަށް ގުޅީ ހަވީރު ހަތަރުގަޑި ބައިވާން އުޅެނިކޮށެވެ. ކާރު ފެނުމުން އަހަރެން ޖެހިލުންވިއެވެ. ފައިސަލްއަށް ނޭނގި ކާރުގައި ފަޒީލަށް ނާދެވޭނެއޭ ހިތަށް އަރާފައެވެ. ކުރީ ސީޓަށް އަރައި އަހަރެން ހަމަޖެހިލުމުން ފަޒީލު ކާރު ދުއްވާލިއެވެ.

"ފައިސަލް ސުވާލު ނުކުރޭތަ؟." އަހަރެން އަހާލީމެވެ.

"ކޮންކަމަކާ؟." ފަޒީލު އަހަންނާ އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ.

"ފަޒީލު ކާރު ނެގީމަ." އަހަރެން ބުނީމެވެ. ބޭނުންވީ ފައިސަލްއަށް އަހަރެމެން ދެ މީހުން ބައްދަލުވާކަން އެނގޭތޯ ބެލުމެވެ.

"ދޮންބެ ކަމެއްނެތީމަ އަހަރެން ކާރު ނަގައިގެން މިއައީ. ބުނިން އިރުއޮއްސޭއިރު އަންނާނަމޭ." ފަޒީލު ބުންޏެވެ.

"މާލެ ދަތުރު ކިހިނެއްވަނީ." އަހަރެން އަހާލީމެވެ.

"ބޭނުންވާ ކަންތައްކޮށްލައިގެން އަވަހަށް އާދެވޭތޯ ބެލީ. ބޯޓު އަދި މިކޮޅަށް ނާދޭ. މުދާ ބަރުކޮށް ނިމުމުން އިތުރަށް މަޑުނުކޮށް އޮތޮޅު ފެރީގައި އައީ." ފަޒީލު ބުންޏެވެ.

ފަޒީލު ކާރު މަޑުކުރީ އަހަރެމެން ކުރީން އައި ކެފޭއަކަށެވެ. އަހަރެމެން އެތަނަށް ވަދެގެން އައިސް އެންމެ ފުރަތަމަ ހުސްކޮށް ފެނުނު މޭޒު ދޮށައުގައި އިށީނީއެވެ. ހޫނު ދެ ކޮފީއާއެކު ދެތިން ހެދިކާގެ ބާވަތަށް ފަޒީލު އޯޑަރު ދިނެވެ. މާނަވީ ބެލުމަކުން އޭނާ އަހަރެންނަށް ބަލާލިއެވެ. ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"އާން... ދެން ކިޔާބާ... ކޮންވާހަކައެއް ދައްކަން އުޅުނީ." ފަޒީލު ބުންޏެވެ.

"އެއީ... އަހަރެން ވަރަށް އެހެންކަހަލަ ވާހަކައެއް އަޑުއަހައިގެން. ގެސްޓްހައުސްއާ ގުޅުމެއްވަންޏާ ފަޒީލަށް މާރަނގަޅަށް އެނގޭނެޔޭ ހިތަށް އެރީ." އަހަރެން ވާހަކަދެއްކީ ނިކަން ވިސްނައިގެންނެވެ. ފަޒީލުގެ މޫނަށް އަރާފައިބާ އަސަރުތަކަށް ބަލަން އިނދެއެވެ.

"ކޮންކަހަލަ ވާހަކައެއް." ފަޒީލުގެ މޫނުގައިވީ ސީރިއަސްކަމެވެ.

"ގެސްޓްހައުސްއިން އަންހެންކުއްޖަކު ގެއްލުނު ވާހަކަ. ވީގޮތެއް ނޭނގި... ހޯދާހޯދާ ވެސް ނުފެނުން ވާހަކަ. އީދު ޝޯއަށް މިރަށަށް އައި ނަށާ ގުރޫޕެއްގެ ކުއްޖެކޯ އެއީ." އަހަރެންގެ ކޮންމެ ލަފުޒަކާއެކީ މިފަހަރު ފަޒީލުގެ މޫނު މޮޅިވަމުންދިޔަތަން ދުށީމެވެ. އޭނާއަށް އަހަރެން މިދައްކާ ވާހަކަ އެނގިއްޖެކަން ޔަގީންވިއެވެ.

"ޝިފާ... ޝިފާލީ ކިޔާ ކުއްޖެއް. ރަނގަޅަށް ތިކީ. އޭނާއާއި އޭނާގެ ބެސްޓްފްރެންޑާ ދެ މީހުން ޝޯ ނިންމާފައި މި ރަށުގައި މަޑުކުރީ. އަދިވެސް ނޭނގެ އޭނާއަށް ވީގޮތެއް." ފަޒީލު ބުންޏެވެ.

"ފަޒީލު އެމީހުންނާ ވާހަކަދެއްކިންތަ؟." އަހަރެން އަހާލީމެވެ. ބޯޖަހާލަމުން ފަޒީލު ހޫން ލައްވާލިއެވެ.

"ވަރަށް ރައްޓެހިކޮށް އުޅުނީ. އެކަމަކު ޕާސަނަލީ އަހަރެންނަށް ވެސް މާބޮޑު އެއްޗެއް ނޭނގޭ. ޝިފާލީ ކިތަންމެ ރައްޓެހިކޮށް އުޅުނަސް ޒާތީ ވާހަކަތަކެއް ޚިއްޞާއެއް ނުކުރާނެ. އެމީހުން ފުރަން އުޅުނު ދުވަހު ހެނދުނު ޝިފާލީގެ ޚަބަރެއް ނުވެގެން އޭނާގެ ބެސްޓްފްރެންޑު ދިޔައިރު ކޮޓަރިއަކުނެތް. ދިޔަތަނެއް އެކަކަށް ވެސް ނޭނގޭ. އޭނާގެ ހުރިހާ އެއްޗެއް ކޮޓަރީގައި ހުރި. އެއްވެސް އެއްޗެއްނުލާ އޭނާ ގެއްލުނީމަ އަހަރެން ވެސް ވަރަށް ސުވާލު އުފެދުނު."

ޝިފާލީގެ ކަންތައްތައް ހިނގާދިޔަ ގޮތް ފަޒީލު ކިޔާދިނެވެ. ނަމަވެސް އޭނާ ޝިފާލީއަށް ލޯބި ހުށަހެޅިކަމެއް ނުބުނެއެވެ. އެއީ އަމިއްލަ ވާހަކައެއްވީމާ އަހަރެން ކައިރީ ހާމަކުރަން ފަޒީލު ބޭނުންނުވީކަން ޤަބޫލުކުރެވެއެވެ. އޭނާގެ ވާހަކަތަކުގައި އޮޅުވާލުމެއް ނުވެއެވެ. ހާދިސާ ހިނގައިދިޔަ ގޮތުގެ މަންޒަރުތައް އަހަރެންނަށް ފެނިފައި ހުރީމާ ފަޒީލުގެ ވާހަކަތައް ގުޅުވަން އަހަރެންނަށް އެނގުނީއެވެ.

"ފައިސަލްއަކީ ހުރިހާ ވަގުތެއްގައި ގެސްޓްހައުސްގައި އުޅޭ މީހެއް. އޭނާއަށް ހަމައަށް އެއްވެސް ކަމެއް ނުފެނޭތަ؟. އަބްދުލް ވެސް އުޅޭނެއެއްނު. އަބްދުލް ނިދަނީ ވެސް ގެސްޓްހައުސްގައި." އަހަރެން ބުނީމެވެ.

"އޭރު އަބްދުލްއެއް ނޫޅޭނެ. އަލިފާންރޯވެގެން އަލުން މަރާމާތުކުރުމަށްފަހު ދޮންބެ ގެނައި މީހެއް އެއީ. އެދުވަސްކޮޅު އެއީ އީދަށް އައި މީހުންތައް ގޮސް ގެސްޓްހައުސް ހުސްވި ދުވަސްކޮޅު. ދޮންބެއަކީ އެއްވެސް އިރަކު ތަނުގައި ތިބޭ މީހުންނާ ސޯޝަލްވާ މީހެއްނޫން. މިހާރު ވެސް އަހަރެން ދޯ އާނަ އައިސް ހުރިއިރު ވާހަކަދައްކާ މީހަކީ." ފަޒީލު ބުންޏެވެ. އަހަރެންނަށް ހިންދިރުވާލެވުނެވެ. ފައިސަލްއާ މެދު ފަޒީލު ދެކޭގޮތް އަހަރެންނަށް އެނގެއެވެ. އޭނާގެ ދޮންބެއަށް އެއްވެސް މީހަކަށް ނުކުރާހާ އިތުބާރު ކުރާކަން ހާމަވެއެވެ.

"އަދި އެއްވާހަކަ އަހާލަންތަ؟. އިފް ޔޫ ޑޯންޓް މައިންޑް." އަހަރެން ބުނީމެވެ. ފަޒީލު އަހާބަލާށޭ ބުނީ އެހާ ގަޔާނުވެފައި އިނދެއެވެ. އޭނާ ދައްކަން ބޭނުންނުވާ ވާހަކައަކަށް ވާތީހެން ހީވެއެވެ.

"ބުނީމެންނު ބައްޕަ ޖަލުގައި ހުންނަ ވާހަކަ..." އަހަރެންގެ ވާހަކަ ނުނިމެނީސް ފަޒީލު ވާހަކަދައްކަން ފެށިއެވެ.

"އެއީ މާކުރީގައި ވެފައި އޮތް ކަމެއް. އަހަރެމެން ކުޑަކުޑައިރު... އަހަރެން ހަނދާން ވެސް ނުހުންނައިރު. އޭރު ހިނގި ކަންތަކާ ޝިފާލީއާ ގުޅުމެއްވާނީ ކިހިނެއް. މިރަށު މީހުން ކޮންމެ އެއްޗެކޭ ވެސް ކިޔާފާނެ. ޕްލީޒް އާނަ... އިވޭހޭ އަޑެއް ޤަބޫލުކުރަން ވެދާނެތަ." ފަޒީލު ހިތްހަމަނުޖެހުނުކަން އޭނާގެ ރާގުން އަހަރެން ދެނެގަތީމެވެ.

އިތުރަށް ސުވާލެއް ނުކުރަން އަހަރެން ނިންމީ އެހެންވެއެވެ. އޭނާގެ ބައްޕަ މަރާލި އަންހެން މީހާއަކީ ކާކުތޯ އެނގެން އަހަރެން ބޭނުމެވެ. ވީނުވީއެއް ނޭނގި ޝިފާލީ ގެއްލުނުހެން އިތުރު އަންހެންކުއްޖަކު ރަށުން ގެއްލިފައިނެތިއްޔާ ފައިސަލްގެ އަލަމާރީގައި އެވަނީ ކޮންއަންހެންކުއްޖެއްގެ މޫނުމަތި ހެއްޔެވެ. ފަޒީލުގެ މޫޑު ރަނގަޅުނޫންކަން އަހަރެންނަށް އެނގުނީ އޭނާ ކޮފީ ބޯލައިގެން ދާން ބޭނުންވީމައެވެ. އެނބުރި އިތޫމެން ގެއަށް އައި މަގުމަތީ އަހަރެމެން ދެމެދުގައިވީ ހިމޭންކަމެވެ. ފަޒީލު ވާހަކައެއް ނުދައްކާތީ އަހަރެން ވެސް ދައްކާނޭ ވާހަކައެއް ނެތިފައި އިނީއެވެ.

"އާނަ." އަހަރެން ކާރުން ފައިބަން އުޅުނު ވަގުތު ފަޒީލު ގޮވާލިއެވެ.

"ޔެސް." ދޮރުފަތް ހުޅުވާލަން އުޅެފައި އަހަރެން މަޑުކުރީމެވެ.

"އަނެއްކާ އެ ވާހަކަތައް އަޑުއިވިގެންތަ އިތޫމެންގެއަށް ބަދަލުވީ." ފަޒީލު އަހާލިއެވެ.

"އިތޫ ބުނެގެން މަޑުކުރީ. އެއްކޮށް ބަދަލުވީއެއްނޫން." އަހަރެން ބަލިކަން ވެސް ހާމަނުކުރީ ގަސްދުގައެވެ. ފައިސަލް ސުވާލެއް ކުރާތަނުން ފަޒީލަށް ބުނެވިދާނޭތީ ކުރީބައިގައި އެކަމަށް ސަމާލުވީއެވެ.

އަހަރެން އިތޫމެން ގެއަށް އައިއިރު އޭނާވީ ޒަފަރާއެކީ ގޮހެވެ. ސިޓިންރޫމުގައި އިތޫގެ ބައްޕަ އިނެވެ. އަހަރެން ފެނުމުން ކޮންތާކުންތޯ އައީ އަހާލިއެވެ. އިތޫގެ ބައްޕަ ހީކުރީ އަހަރެން ވެސް ދިޔައީ އިތޫއާއެކީ ކަމަށެވެ. ބަދިގެއިން ޖޯޑެއް ހިފައިގެން ސީރަތު ނުކުމެގެން އެވަގުތު އަންނާތީ ފެނުނެވެ.

"ހުންގަނޑު ތިރިނުވަނީސް ބޭރަށް ދިޔައީތަ؟." އަހަރެން ފެންނައިރަށް ސީރަތު ބުންޏެވެ.

"މިހާރު ރަނގަޅު." އަހަރެން ނިކަން އަވަހަށް ބުނީމެވެ. ސީރަތަށް އިތުރު އެއްޗެއް ނުބުނެވެނީސް އަހަރެން އިތޫގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީއެވެ.

އިރުއޮއްސި ބަންގި ގޮވިއިރު އިތޫ އަދި ނާދެއެވެ. އަހަރެން އޮތީ އެނދުގައި އޮށޯވެލައިގެން އޮތީ ވިސްނާށެވެ. ފަޒީލާއި ފައިސަލްއާ މެދުއެވެ. އެ މީހުންގެ ބައްޕަ މަރާލި އަންހެން މީހާއާއި ޝިފާލީގެ މަރާ ގުޅުމެއް ހަމަނުވޭބާއޭ ހިތަށް އަރަނީއެވެ. ޚިޔާލުތަކުގައި އަހަރެން ވަނިކޮށް ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑު އިވުނެވެ. އަހަރެން ހައިރާންވިއެވެ. އިތޫ ނޫނީ ސީރަތުނަމަ ޓަކިނުޖަހާ ކޮޓަރިއަށް ވަންނާނީއެވެ. އެހެން ކަންތައް ނުކުރީ އެއީ އިތޫގެ ބައްޕަކަމަށް ވެދާނޭ އަހަރެން ހީކުރީމެވެ. އަވަހަށް އެނދުން ތެދުވެލީމެވެ. އެވަގުތު ދޮރު ކުޑަކޮށް ހުޅުވާލައިފިއެވެ. ކޮޓަރިތެރެއަށް ބަލާލުމަށްފަހު އެތެރެއަށް ވަންތަން ފެނުނީ ހޫދެވެ. އޭނާ އައިސް އަހަރެންގެ ކުރިމަތީ މަޑުކޮށްލިއެވެ.

"އަންނާށޭ ބުނީމަ... މިހުރީ އައިސް." ހޫދު ބުންޏެވެ. އަދި އެސްފިޔަ ޖަހާލުމެއްނެތި އަހަރެންނަށް ބަލަމުންދިޔައެވެ. އޭނާގެ ބުރަކަށީގައި އޮތް ދަބަސް ފެނި ހޫދު އެ އައީ ދެންމެކަން އަހަރެންނަށް އެނގުނެވެ.

"އާނަ ވަރަށް ބަލީތަ؟." އަހަރެންގެ ކޯތާފަތުގައި ހޫދު އަތްތިލަ ޖައްސާލިއެވެ. އޭނާގެ އެ އަތްތިލައިގައި އަހަރެންނަށް ހިފާލެވުނެވެ. ހަށިފުރާ ފުންނޭވާއެއް ދޫކޮށްލަމުން ލޯ މަރާލީމެވެ. ހޫދަށް ނާދެވެނީބާއޭ ހިތަށް އަރާފައި ހުއްޓާ އޭނާ ފެނުމުން އަހަރެންނަށް ބަޔާންކުރަން ވެސް ނޭނގޭ ހިތްހަމަޖެހުމެއް ލިބުނެވެ.

"އާނަ... ކަމެއްވީތަ؟." އަހަރެން ގާތުގައި އެނދުގައި އިށީންނަމުން ހޫދު އަހާލިއެވެ. އަދި އޭނާ އަޅައިގެން ހުރި ދަބަސް ނަގައި ތަޅުންމަތީ ބަހައްޓާލާފައި އަހަރެންނާ އަނެއްކާ ވެސް ކުރިމަތިލިއެވެ. އަހަރެން އާނއެކޭ ބުނީ ބޯޖަހާލުމަކުންނެވެ.

"ފައިސަލް ކަމެއްކުރީތަ؟. ކީއްކުރީ އޭނަ." ހޫދު ވަގުތުން ހަރުކަށިވެލިއެވެ. އޭނާގެ ދެބުމަ ކައިރިކޮށްލި ގޮތުން އެ ސިކުނޑީގައި ހިނގައިގަތް ޝުޢޫރުތައް އެ ދެ ލޮލުން ފާޅުވާން ހުއްޓެވެ. ފައިސަލްދެކެ ހޫދު ނުރުހޭކަމެވެ.

(ނުނިމޭ)