ފާރިސް މައުމޫން

އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރެއްވުމަށް ފާރިސް ނިންމަވައިފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް -- އެމްއާރްއެމްގެ ރިޔާސީ ޓިކެޓް ކަށަވަރުކޮށްފައިވާ އެ ޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ނިންމަވައިފި އެވެ.

ފާރިސް މިއަދު މިކަން ހާމަކުރެއްވީ ޓްވިޓާގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. ފާރިސް ވަނީ އޭނާގެ އިންތިހާބީ އެޖެންޓްގެ ގޮތުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއީލް ޒަބީހް ވެސް ހަމަޖައްސަވާފަ އެވެ.

އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ނިންމެވި ކަމަށް ހާމަކުރެއްވި ނަމަވެސް އަމިއްލަގޮތުން ވާދަކުރައްވާ ވަކި ސަބަބެއް ފާރިސް ވިދާޅުވެފައެއް ނުވެ އެވެ.

ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން 1،500 މީހުންގެ ސޮއި ހޯދަން ޖެހެނީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނެވެ. ފާރިސް ވަނީ ސޮއި ހަމަކުރައްވާފަ އެވެ.

ފާރިސް، އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ނިންމެވީ އޭނާ ނިސްބަތްވާ ޕާޓީ -- އެމްއާރްއެމްގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ނެތް ކަމަށް ބުނެ އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ އެކަމުގެ ތެރެއިން ދިމާވެދާނެ ގާނޫނީ މައްސަލައެއްގައި އޭނާގެ ކެންޑިޑެސީ ތާށިވިޔަ ނުދިނުމަށް ކަމަށް ބެލެވެ އެވެ.

އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލުކުރުން ސިވިލް ކޯޓުން ވަނީ ހުއްޓުވާފަ އެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް މިހާތަނަށް ސޮއި ހޯއްދަވާފައިވަނީ ފާރިސްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.

އެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ހުޅުވާލި މުއްދަތު ހަމަވިއިރު ފޯމު ހުށަހެޅުއްވީވެސް ހަމައެކަނި ފާރިސް އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވޭނީ މާދަމާގެ ނިޔަލަށެވެ. އިންތިހާބުގައި ވޯޓުލުން އޮންނާނީ ކުރިއަށް އޮތް ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ.