ފާރިސް މައުމޫން

ފާރިސްގެ ރަނިންމޭޓަކަށް ޑރ. ސައްތާރު

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް އިއުލާންކުރައްވާފައިވާ އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫންގެ ރަނިންމޭޓަކަށް ޑރ. އަބްދުއްސައްތާރު ޔޫސުފް ހަމަޖައްސަވައިފި އެވެ.

ޑރ. އަބްދުއްސައްތާރަކީ ވަރަށް ގިނަ އަހަރު ވަންދެން ދައުލަތަށް ހިދުމަތް ކުރައްވާ ގިނަ ތަޖުރިބާތަކެއް ހުންނެވި ބޭފުޅެކެވެ.

ޑރ. އަބްދުއްސައްތާރު ރަނިންމޭޓެއްގެ ހުށަހެޅުން ފާރިސްގެ ފަރާތްޕުޅުން ލިބިވަޑައިގަތުމާ ގުޅިގެން އެ ފުރުސަތު ގަބޫލުކުރެއްވީ ގައުމު މިއަދު އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތަށް އެންމެން ގުޅިގެން ގެންދެވޭނެ ކަމަށް ގަބޫލުކުރައްވައިގެން ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އެވެ. އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ޑރ. އަހްމަދު އަދީލް ނަސީރު އެެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ. އިދިކޮޅު ޕީޕީއެމް އާއި ގުޅިގެން ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ ޕީއެންސީގެ ރިޔާސީ ޓިކެޓް ދީފައިވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އެވެ. ނަމަވެސް ޕީޕީއެމްއާއި ޕީއެންސީއާ ދެމެދު އުފެދިފައިވާ ކޯޅުންތަކާ ގުޅިގެން މުއިއްޒު ވެސް އަދި ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައެއް ނުވެ އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަމީން އިބްރާހީމް ހަމަޖައްސަވާފައިވާއިރު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ރަނިންމޭޓެއް ކަނޑައަޅައި އިއުލާންކުރައްވާފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.