އައްޑޫގައި ގާއިމްކުރަމުންދާ ކުނިން ކަރަންޓު އުފެއްދުމުގެ ނިޒާމު ގާއިމުކޮށް އަންނަ މަހު އެ ޕްލާންޓުގެ މަސައްކަތް ފެށޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކުނީގެ މައްސަލަ އަކީ އައްޑޫއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލަ އެވެ.
ކުނިން ކަރަންޓު އުފައްދާ މި މަޝްރޫއަކީ އެންވަޔަރަންމަންޓު މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއަކީ ރައްކާތެރި ގޮތުގައި ކުނި ނައްތާލައި ކުނީގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ހިންގާ މަޝްރޫއެކެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ "ވޭސްޓް ޓު އެނާޖީ"ގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ގާއިމުކުރަނީ ވެސް އައްޑޫގަ އެވެ. ގްރީން ޓެކްސް ފަންޑުގެ ހަރަދުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.
މި ނިޒާމަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ޑިޒައިން ކުރެވިފައިވާ ނިޒާމެކެވެ.
އެންވަޔަރަންމަންޓު މިނިސްޓްރީން ބުނާ ގޮތުގައި މި ޕްލާންޓުން އުފައްދާ 1.5 މެގަ ވޮޓުގެ ކަރަންޓުގެ އެއް މެގަވޮޓު އައްޑޫގެ އަވަށްތަކަށް ކަރަންޓު ދިނުމަށް ސިޓީގެ ސެންޓްރަލް ގްރިޑާއި ގުޅާލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބާކީ 500 ކިލޯ ވޮޓު ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ފެސިލިޓީގެ ބޭނުންތަކަށެވެ.
މި ޕްލާންޓު ބޭނުންކުރަން ފެށުމުން އައްޑުއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ގެނެސްދެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.